Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

މައިކްރޯވޭވް ބޭނުން ކުރެވިދާނެ 13 ގޮތެއް

ފޮޓޯ: ޑެއިލީ މެއިލް

މައިކްރޯވޭވް ބޭނުން ކުރަނީ ހަމައެކަނި ކާއެއްޗެހި ހޫނުކުރުމަށްތޯއެވެ؟ އެހެންކަމަށް ވާނަމަ، ހަމަ ޔަޤީނުންވެސް މައިކްރޯވޭވްގެ ބޭނުން ކުރެވޭ އެހެން ގޮތްތައް އަދި އެނގިފައި ނުވާނެއެވެ.

ބަދިގެއަށް ބޭނުން އާ އެހެން އެއްޗެއް ގަތުމުގެ ކުރިން، މައިކްރޯވޭވްއިން ކުރެވޭ ހުރިހާ ބޭނުމެއް ރަނގަޅަށް ދަސްކޮށްލައްވާށެވެ.

1. ސީރިއަލްއާއި ބިސްކޯދުފަދަ އެއްޗެހި އޭގެ އެންމެ ތާޒާ ގޮތަށް ގެނައުމަށްޓަކުގައި 30 ސިކުންތައް އެންމެ ބާރު މިނުގައި މައިކްރޯވޭވް ކޮށްލައްވާށެވެ.

2. ހަރުވެފައިވާ ޕާން އަލުން މަޑުކޮށް ތާޒާކުރުމަށްޓަކައި، ޕާން ފޮތިތައް ތެތް ތުވާލިކޮޅެއްގައި ލާފައި 10-15 ސިކުންތާއިދެމެދުގެ ވަގުތުކޮޅަކަށް މައިކްރޯވޭވްއިން ހޫނުކޮށްލައްވާށެވެ.

3. އަވަހަށް އަލުވި މަޑުކުރުމަށްޓަކައި، ޕޮލިތީން ކޮތަޅަކަށް އަލުވިތައްލާށެވެ. އެއަށްފަހު އޭގެ މައްޗަށް ފެންފޮދެއް ބުރުވާލާށެވެ. ދެން އެންމެ ބާރުމިނުގައި 5-6 މިނެޓްއަށް މައިކްރޯވޭވް ކޮށްލައްވާށެވެ.

4. ފިޔާގެ މަތީގައިއާއި ތިރީގައިވާ ތަން ކަނޑާލާށެވެ. އެއަށްފަހު ފިޔާތައް 30 ސިކުންތަށް މައިކްރޯވޭވް ކުރުމަށްފަހު ނޮޅާލާށެވެ. އެގޮތަށް ކަންތައް ކުރުމުން އާންމުކޮށް ފިޔާކޮށާއިރު ލޮލުން ފެން އަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

5. ލޮނުމެދު ނޮޅުމަށްވެސް މަދު ސިކުންތުކޮޅަކަށް މައިކްރޯވޭވް ކޮށްލުމުން ފަސޭހަވެގެން ދާނެއެވެ.

6. އަލްމަންޑްއާއި އެހެނިހެން ނަޓްސްތައް ޓޯސްޓްކުރަން ބޭނުންނަމަ، އުނދުނުން ޓޯސްޓްކުރުމަށްވުރެ މައިކްރޯވޭވް އަށްލުމުން އަވަހަށް ޓޯސްޓްވާނެއެވެ.

7. ޖޭމް ނުވަތަ މާމުއި ހަރުވެއްޖެނަމަ، އޭގެ މަތިނެގުމަށްފަހު، ފުޅި މައިކްރޯވޭވްގައި ދެ މިނެޓްވަންދެން ހޫނުކޮށްލައްވާށެވެ.

ms23f301tak-tl-20-0

8. ކްލެރިފައިޑް ބަޓާ ނުވަތަ ގިތެޔޮ ވަރަށް ފަސޭހައިން މައިކްރޯވޭވް ބޭނުންކޮށްގެން ހެދިދާނެއެވެ. ކްރީމް މިކްސްޗަރެއްގައި ގިރުމަށްފަހު މައިކްރޯވޭވް ތަށްޓަކަށް (މައިކްރޯވޭވްއަށް ލުން ރައްކާތެރިވިޔަސް ޕްލާސްޓިކް ބޭނުން ނުކުރާށެވެ.) އަޅާށެވެ. އެއަށްފަހު ހޫނުގަދަކޮށް 10-15 މިނެޓްއަށް މައިކްރޯވޭވްކޮށްލައްވާށެވެ. މިކަން ކުރައްވާއިރު ހޫނު ގިތެޔޮ ތަށިން ބޭރަށް ވެއްޓި ގަޔަށް އެޅިދާނެ ކަމަށްޓަކައި ސަމާލުވާން ވާނެއެވެ.
9. ހިކިފައި ހުންނަ ފަތްފަދަ އެއްޗެހި (މިސާލަކަށް ހިކަނދިފަތް) 2-3 މިނެޓްއަށް މައިކްރޯވޭވް ކުރުމުން އެފަތްތައް ތާޒާވެގެންދާނެއެވެ.

10. ހަވާދުގެ ބާވަތްތައް ހަލާކުވާކަމުގެ ބިރު ހީވާނަމަ، 1-2 މިނެޓްއަށް މައިކްރޯވޭވް ކުރުން ރަނގަޅުވާނެއެވެ. އެއިރުން ހަވާދުގައި ހުންނަ ސޫފާސޫފިތައް މަރުވާނެއެވެ. އަދި ހަވާދު ހަލާކުވުން ލަސްވާނެއެވެ.

11. ލުނބޯ 20 ސިކުންތަށް މައިކްރޯވޭވްކޮށްފިނަމަ، އޭގެއިން މާގިނަ ދިޔަފެލޭނެއެވެ.

12. ޗޮކްލެޓް، ބަޓަރު އަދި ޗީޒް 2 މިނެޓްއަށް މައިކްރޯވޭވްގައި ހޫނުކޮށްގެން ފަސޭހައިން ވިރުވާލެވޭނެއެވެ.

13. ޓޮމާޓޯ، އެޕްރިކޮޓް އަދި ޕްރޫންފަދަ މޭވާތައް 1-2 މިނެޓްއަށް މައިކްރޯވޭވް ކޮށްލުމުން އެ އެއްޗެހީގެ ހަން ނޮޅަން ފަސޭހަވާނެއެވެ.