Last Updated: April 26, 15:47
Friday, April 26, 2024
ސިޔާސީ

ޕީޕީއެމް ޔާމީނާ ހަވާލު ކުރި މައްސަލަ ސްޕްރީމް ކޯޓަށް

ޕީޕީއެމް ހިންގުން އެޕާޓީގެ މުޝްތަޝާރު އަދި ރައީސް އަބްދުއްﷲ ޔާމީނާ ހަވާލު ކުރަން ކޯޓުން ނިންމި މައްސަލަ އެ ޕާޓީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ކުރަން ސިވިލް ކޯޓުން ހުކުމް ކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އެ ހުކުމް ޕީޕީއެމްގެ އަމިއްލަ މެމްބަރަކު ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން ނިންމައި ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަށް ދިމާވެފައިވާ މައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ މުޝްތަޝާރު، ރައީސް ޔާމީނާ ޕާޓީ ހަވާލު ކުރުން ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ގަވާއިދާ އެއްގޮތަށް ބާއްވަމުން ނުދާ ކަމަށް ބުނެ ޕީޕީއެމް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ.