Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ގާންދީގެ ކާފަ ދަރިކަލަަކަށް ހާޓް އެޓޭކްއެއް ޖެހި ހޮސްޕިޓަލުގައި

ފޮޓޯ: ޑީއެންއޭ

މަހާތުމާ ގާންދީގެ ކާފަދަރިކަލުން ކަމަށްވާ 86 އަހަރުގެ ކާނުބާއި ގާންދީ އިންޑިއާގެ ސޫރަތުގެ ސިޓީ ހޮސްޕިޓަލެއްގައި ހާޓް އެޓޭކްއެއް ޖެހުމުގެ ސަބަބުން އެޑްމިޓްކޮށްފި އެވެ.

އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކާނުބާއިއާއި އޭނާގެ އަންހެނުން ޝިވާލަކްޝްމީ ދިރިއުޅެމުންދަނީ ސޫރަތުގެ ޕާލޭ ޕޮއިންޓްގައި ހުންނަ ރާދާ ކްރިޝްނާ ޓެމްޕަލްގެ ސޭންޓް ނިވާސްގައެވެ.

ހޯމަ ދުވަހު ހާޓް އެޓޭކްއެއް ޖެހުމުގެ ސަބަބުން އޭނާވަނީ ހޮސްޕިޓަލްއަކަށް ބަދަލުކޮށްފައެވެ. އަދި އެތާނގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. "މިވަގުތު ކާނުބާއި ވަނީ ވެންޓިލޭޓަރާއި ގުޅާފައި. އޭނާގެ ޙާލަތު އެއްވެސް ވަރަކަށް ރަނގަޅެއް ނުވޭ. ޑޮކްޓަރުން ބުނަނީ އޭނާގެ ހާލު ސީރިއަސް ކަމަށް"، ޕަންޖާބީ ސަމަޖްގެ ކުރީގެ ރައީސް ޕްރަދީޕް ޖުނޭޖާ ބުންޏެވެ.

އެކިތަންތަނުގައި ދިރިއުޅުން އާބާދުކުރުމަށް މަސައްކަތްކޮށްވެސް، އުފާވެރިކަން ލިބިފައިނުވާ އުމުރުން ދުވަސްވީ އެދެމަފިރިންގެ ހާލު ބަލަމުންދަނީ ސިޓީގެ ޕަންޖާބީ ސަމަޖްއިންނެވެ.

އެމެރިކާއިން އެނބުރި އިންޑިއާއަށް ބަދަލުވުމަށްފަހު، ކާނުބާއި ފުރަތަމަ ދިރިއުޅުނީ ވަރްދާގައެވެ. އަދި ފަހުން އޭނާވަނީ ދިރިއުޅުން މުމްބާއީއަށް ބަދަލުކޮށްފައެވެ. އެދެތަނާއިމެދުވެސް ހިތްހަމަނުޖެހިގެން އޭނާވަނީ ނަވްސާރީ އަވަށުގެ މަރޯލީގައި ހުންނަ ކަސްތޫރުބާ ޝޭވާޝްރަމްއަށް ބަދަލުވެފައެވެ. އެދުވަސްކޮޅު، އޭނާގެ އަންހެނުން ޝިވާލަކްޝްމީވެސް އެމެރިކާއިން އިންޑިއާއަށް ބަދަލުވިއެވެ.

"މަރޯލީއިން ކާނުބާއިއާއި އޭނާގެ އަންހެނުން ދިރިއުޅުމަށް އައީ ސޫރަތުއަށް. އެތަނުން އެމީހުން އުޅުމަށްޓަކައި އުމުރުން ދުވަސްވީ މީހުން އުޅޭ ތަނެއް ހަމަޖެހުނު. ބާތަރުގައި ހުންނަ އަހަރެމެންގެ ސްކޫލްގައި ކިޔަވައި ދިނުމަށް އޭނާ އާދޭ"، ކާނުބާއި މަރޯލީއަށް ބަދަލުވީއްސުރެ އޭނާ ބެލުމުގައި ހަރަކާތްތެރިވަމުން އަންނަ އާކިޓެކްޓްއެއް ކަމަށްވާ ޕަރިމާލް ދޭސާއި ބުންޏެވެ.

ކާނުބާއިއަކީ މަހާތުމާ ގާންދީގެ ތިންވަނަ ދަރިކަލުން ރާމްދާސްގެ ދަރިކަލުންނެވެ. ކާނުބާއިއަކީ އާއިލާގެ އެންމެ ހަނގު މީހާއެވެ. އޭނާގެ އެއްބަނޑަށް އިތުރު ދެމީހުން ތިބޭއިރު، ދިރިއުޅުމުގެ ބޮޑުބައި އޭނާ ހޭދަކުރީ އެމެރިކާގައެވެ.