Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ޔާމީން އުޅެނީ ޕާޓީ ނިޒާމު ފުނޑާލަން: ޑރ. ޑީޑީ

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ޕީޕީއެމް ނޫން ޕާޓީއެއް ރާއްޖޭގައި ނުބާއްވަން ކަމަށާއި އެ މަނިކުފާން ސިޔާސީ ޕާޓީތަކުގެ ނިޒާމް "ފުނޑާލާނެ" ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފިންގަ ޕްރިންޓް ނެތް މެމްބަރުން ދަފުތަރުން ވަކި ކުރަނީ ސިޔާސީ ނިޒާމާއި ޑިމޮކްރެސީ ހަލާކުކޮށްލަން ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ 23،058 މެމްބަރުންނާއި އެ ޕާޓީން އުފެއްދުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ޕާޓީގެ ދަފުތަރުން އުނިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމް ފުނޑާލުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ ސިޔާސީ ޕާޓީގެ ނިޒާމް ހަލާކުކޮށްލުމަށް. އެތަށް ބައެއްގެ ހައްގުތައް ނިގުޅައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ. "އިލެކްޝަންސް ކޮމިޝަނުން ފޯމްތައް ބަދަލު ގެނެވިދާނެ، ނަމަވެސް ކުރީގެ މެމްބަރުންނެއް ވައްކެއް ނުކުރެވޭނެ،"

ޑރ. ޑީޑީ އަދި ވިދާޅުވީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސް ނުދީ ހިފައްޓަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

އަދި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެޕާޓީ ހިންގުމަށް އުޒުރުވެރިވާ ކަމަށް ބުނެ ސިވިލް ކޯޓުން އެޕާޓީން ހިންގުމުގެ ބާރު ރައީސް ޔާމީންނަން ދިފާއިވާއިރު، ރާއްޖގެ ހުރިހާ ޕާޓީތަކުން ސިޔާސީ ޕާޓީތަކުގެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިކަން ވިސްނަ ބައްލަވާ ވެރިކަންކުރާ ސިޔާސީ ޕަޓީ އޮތް ހާލަތު، ޕީޕީއެމްވެސް ހަލާކުކޮށްލުމަށް މަސައްކަތް ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ،" ޑީޑީ ވިދާޅުވި އެވެ.