Last Updated: May 8, 09:25
Wednesday, May 8, 2024
ޚަބަރު

މެލޭޝިއާގެ ކުރީގެ ވެރިއެއްގެ ގެއިން ދިވެހި ރުފިޔާ

ކޮރަޕްޝަނާ ދެކޮޅަށް މެލޭޝިޔާގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ގައުމުގެ ކުރީގެ ވެރިއެއްގެ ގެއިން އަތުލައިގަތް ފައިސާތަކުގެ ތެރޭގައި ދިވެހި ފައިސާ ހުރި ކަމަށް މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ފައިސާ ފެނުނީ ކުރިން ވެރިކަން ކުރި މެލޭސް ނެޝަނަލް އޮގަނައިޒޭޝަންގެ ސްޕްރީމް ކައުންސިލުގެ މެންބަރު އަދި މެލޭޝިއަން ހައްޖު ޕިލްގްރިމްސް ފަންޑް ބޯޑް (ތަބުންގް ހާޖި) ގެ ޗެއާމަން އަބުދުލް އަޒީޒު އަބްދުލް ރަހީމްގެ ގެއަކުންނެވެ.

މެލޭޝިޔާގެ "ދަ ސްޓާ" އިން ބުނި ގޮތުގައި މެލޭޝިޔާގެ އޭސީސީން އަބްދުލް އަޒީޒަށް ނިސްބަތްވާ ތިން ތަނެއް ފާސްކޮށްފައިވާ އިރު އެ ތަންތަނުން 500،000 މެލޭޝިއަން ރިންގެޓާއި 400،000 ރިންގެޓަށްވާ އަދަދަށް ބޭރު ފައިސާ ފެނިފައިވެ އެވެ.

ފެނިފައިވާ ފައިސާތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ފައިސާ އާއި ޑޮލަރާއި ޔޫރޯ އާއި ޕައުންޑާއި ސައުދީ ރިޔާލާއި ރުޕީސް އެވެ. އެކަމަކު ފެނިފައި ވަނީ ކިހާ އަދަދެއްގެ ދިވެހި ފައިސާކަން ހާމަކޮށްފައެއް ނު ވެއެވެ.

މި މައްސަލާގައި އަބުދުލް އަޒީޒް، 51، ވަނީ 500،000 ރިންގެޓަކީ އޭނާ ނިސްބަތްވާ ޕާޓީގެ ހަރަކާތްތައް ހިންގަން ޕާޓީ އެކައުންޓުން ނަގާފައިވާ ފައިސާ ކަމަށް ވިދާޅުވެފަ ވެ. އަދި އެހެން ގައުމުތަކުގެ ފައިސާތަކަކީ އޭނާ ގައުމުތަކަށް ކުރި ދަތުރުތަކުގައި ހޯދާފައިވާ ފައިސާތަކެއް ކަމަށެވެ.

ފައިސާގެ އިތުރުން ގިނަ އަދަދެއްގެ އަތުުކުރި ގަޑި ވެސް އަޒީޒަށް ނިސްބަތްވާ ތަންތަނުން ފެނިފައިވެ އެވެ.