Last Updated: May 3, 18:13
Friday, May 3, 2024
މުނިފޫހިފިލުވުން

"ދަޅަކް" ގެ ޓްރެއިލާ މާދަމާ ދައްކާލަނީ

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމް "ދަޅަކް" ގެ ޓްރެއިލާ މާދަމާ ދައްކައިލާ ގޮތަށް ނިންމައިފި އެވެެ.

އެކަން ފިލްމްގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ކުރި ޓްވީޓްތަކެއް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ދަޅަކް" އާ ދެ ޕޯސްޓަރެއް ވެސް އޭނާ ވަނީ ފޭނުންނާ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ "ދަޅަކް" އަށް އެންމެ ބޮޑަަށް އިންތިޒާރު ކުރެވޭ ސަބަބަކީ މި ފިލްމަކީ ދާދި ފަހުން މަރުވި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމަަށްވުމެވެ. އެހެންވެ އޭނާ އަށް މަންމަގެ އެކްޓިން ވާރުތަކޮށްފައި ހުރީ ކިހާ ވަރަކަށްތޯ ބަލައިލަން ގިނަ ބަޔަކު ބޭނުންވެ އެވެ.

އަނެއްކޮޅުން މި ފިލްމްގައި ޖާންވީއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު އެވެ. އެކަމަކު މިއީ އޭނާގެ ފުރަތަމަ ފިލްމެއް ނޫނެވެ.

އިޝާންގެ ފުރަތަމަ ފިލްމަކީ އީރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ ދާދި ފަހުން ގެނެސް ދިން "ބިޔޯންޑް ދަ ކްލައުޑްސް" އެވެ. އެކަމަކު ގިނަ ބަޔަކު "ދަޅަކް" ސިފަ ކުރަނީ އިޝާންގެ ފުރަތަމަ ބޮލީވުޑް ފިލްމްގެ ގޮތުގަ އެވެ.

"ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަށް ބިނާކޮށް ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.