Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

"ދަޅަކް" ގެ ޓްރެއިލާ ދައްކާލައިފި

ޖާންވީ ކަޕޫރާއި އިޝާން ޙައްތަރު ލީޑް ރޯލް ކުޅެފައިވާ ފިލްމް "ދަޅަކް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ދަޅަކް" ބިނާކޮށްފައި ވަނީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަށެވެ.

އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ދަޅަކް" ވެގެން ދާނީ ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.

އަނެއްކޮޅުން މި ފިލްމްގައި ޖާންވީއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު އެވެ. އެކަމަކު މިއީ އޭނާގެ ފުރަތަމަ ފިލްމެއް ނޫނެވެ.

އިޝާންގެ ފުރަތަމަ ފިލްމަކީ އީރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ ދާދި ފަހުން ގެނެސް ދިން "ބިޔޯންޑް ދަ ކްލައުޑްސް" އެވެ. އެކަމަކު ގިނަ ބަޔަކު "ދަޅަކް" ސިފަ ކުރަނީ އިޝާންގެ ފުރަތަމަ ބޮލީވުޑް ފިލްމްގެ ގޮތުގަ އެވެ.