Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ސާފު ނުސާފު ނިންމާނީ ރައްޔިތުން"

ސާފު ކެންޑިޑޭޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކާ ތިނޯހެއްގެ ފަގައިގެ މިންވަރަކީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި ކެންޑިޑޭޓުގެ ސާފު ނުސާފު ނިންމާނީ ރައްޔިތުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސާފު ކެންޑިޑޭޓަކު ރައްޔިތުންނަށް ދެއްކުމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައްވާފައިވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެން ޖެހޭނެކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭނެކަމަށް ތަކުރާރުކޮށް ޕާޓީތަކުން ބުނަމުން އަންނަ އިރު އަދި ކެންޑިޑޭޓަކު ދެއްކިފައި ނުވެއެވެ. ނަމަވެސް އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވައި އެޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައެވެ.

ނަޝީދުވަނީ ޕްރައިމަރީ ކާމިޔާބުކޮށް "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕެއިން ފައްޓަވާފައެވެ. ނަމަވެސް ނަޝީދީ ކޯލިޝަނބް ކެންޑިޑޭޓުކަން ނުވަތަ ނޫންކަންވެސް ޕާޓީތަކުން ބުނެފައިނުވެއެވެ.