Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މައުމޫނާއި ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހަށް ޖަލަށް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ރައީސް މައުމޫންގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު، ފޮޓޯ: އަވަސް

އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

ހުކުމް އިއްވަމުން ގާޒީ ވަނީ ތިން ބޭފުޅުނަށް ދީފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އާއި ދީނީ ފަތަވާ ދިނުމުގެ ހުއްދަވެސް ބާތިލުކޮށްފައެވެ. ނަމަވެސް މިއީ ދައުލަތުން ކުރި ދައުވާގައި ހިމެނޭ ކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ކްރިމިނަލް ކޯޓްގައި މިއަދު 13:00 އަށް ތާވަލު ކުރީ އެ މައްސަލައިގައި ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ޚުލާސާ ބަޔާން އިއްވިތާ ކުޑައިރުކޮޅެއް ފަހުން ހުކުމް ކުރުމު ގެ މަޖިލީސް ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހުކުމް އިއްވުމުގެ ކުރިން ގާޒީ ވިދާޅުވީ އެ ތިން ބޭފުޅުންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިބަސްތަކާއި ބަޔާންތަކަށް ބާލާއިރު އެ ބޭފުޅުންގެ ފޯނުތަކުގައި ތަހުގީގަށް ބޭނުންވާ ހެކި ހުންނާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގެ ދަރަޖައިގެ ގޮތުން ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި، އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން އިއްވި އައިޝަތު މުނާ ޝަމީމް ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ބަޔާންތަކުން މައްްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޚުލާސާ ބަޔާން އިއްވުމަށް އުއްތަމަ ފަނޑިޔާރަށާއި ފަނޑިޔާރު އަލީ ހަމީދަށް ވެސް ފުރުސަތު ދެވުނު ނަމަވެސް އެ ދެ ބޭފުޅުންވެސް ވިދާޅުވީ ބޭނުންފުޅު ވަނީ ވަކީލަކާއި އެކު ކުރިއަށް ގެންދަވަން ކަމަށެވެ.

އެހެންނަމަވެސް ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވިކަން ފާހަގަކޮށް ގާޒީ ވިދާޅުވީ މިއަދު އެއްވެސް އެއްޗެއް ވިދާޅު ނުވާ ނަމަ ޚުލާސާ ބަޔާން ނުދެއްވާ ކަމަށް ބައްލަވާނެ ކަމަށެވެ.

ރައީސް މައުމޫންގެ ޚުލާސާ ބަޔާނުގައި ވިދާޅުވީ ޝަރީއަތް ކުރިއަށް ދިޔައީ ގާނޫނު އަސާސީ އާއި ޝަރީއަތާ ހިލާފަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ބަސް ދިނުމަކީ އޮން ކަމެއް ނޫން ކަމަށާއި އިސްލާމީ ޝަރީއަތުގައި ނެތް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ.