Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ލިންކް ރޯޑްގެ ވަޅުގަނޑުތައް މަރާމާތެއް ނުކުރި

އައްޑޫ ލިންކު ރޯޑުގައި އެކި ހިސާބުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި އެކަމުގެ އުނދަގޫ ދަތުރުކުރާ ފަރާތްތަކަށް އިންތިހާއަށް ބޮޑުވެފައިވާ އިރު މަގު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ނުކުރާތީ އާއްމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި ހިތަދޫގެ ބައެއް ޓެކްސީ ޑްރައިވަރުން ބުނީ ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުގެ ސަބަބުން ދުއްވާ އެއްޗެއްސަށް ބޮޑެތި ގެއްލުން ލިބެމުން އަންނަ އިރު މީގެ ސަބަބުން މީހެއްގެ ފުރާނައަށްވެސް ގެއްލުން ވެދާނެކަމަށެވެ.

ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން އަލަށް ގެންގުޅޭ އުސޫލަކީ އެފަދަ ވަޅުގަނޑުތަކަށް ސިމެންތި އެޅުމެވެ. ނަމަވެސް މީގެ ކުރިން އެފަދަ ވަޅުގަނޑުތަކަށް ސިމެންތީގެ ބަދަލުގައި އަލަމުން ގޮސްފައިވަނީ ތާރުއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އާއްމު ދަތުރުފަތުރަށް ބޭނުންކުރަމުން އަންނަ ލިންކު ރޯޑު މަރާމާތު ނުކުރެވި، އެކި ހިސާބުގަނޑުގައި ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައި.

ހައުސިން މިނިސްޓްރީގެ އައްޑޫ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މަގު ނެހެދި ލަސްވާ ތަފާތު ސަބަބު ހުރި ކަމަށެވެ. ނަމަވެސް މަގު މަރާމާތުގެ ކުރުމުގެ މަސައްކަތް ހައުސިންގެ ޕަބްލިކް ވާކްސްއިން ކުރަމުން އަންނަ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ލިންކު ރޯޑު މަރާމާތު ކުރުމަކީ މިހާރު ބޮޑު މަސައްކަތަކަށްވެފައިވާ ކަމެއްކަމަށެވެ. އަދި އެގޮތަށް ދިމާވަނީ މަގުގައި އަޅާފައިވާ ތާރު ފަށަލަ ތުނިވުމާއި ގުޅިގެން އެއް ސަރަހައްދު މަރާމާތުކޮށް ނިމޭއިރު އަނެއް ސަރަހައްދެއްގައި ވަޅުގަނޑު ހެދުމެވެ.

ޒުހައިރު ވިދާޅުވީ އެކަން ހައްލު ކުރެވޭނީ މުޅި ލިންކު ރޯޑުގައި އަޅާފައިވާ ތާރުގަނޑު ބަދަލުކޮށްގެންކަމަށާއި ނަމަވެސް އެކަން ކުރެވޭނެ ދުވަހެއް ބުނަން ނޭގޭ ކަމަށެވެ.

މީގެ އިތުރުންވެސް ހުޅުމީދޫގައި ތާރު އަޅައިގެން މަގެއް ހެދުމުގެ މަސައްކަތް ކުރަމްންދާތީ އެކަމުގެ ދަތިކަން ހުރިކަން ވެސް ޒުހައިރު ފާހަގަކުރިއެވެ.

ލިންކު ރޯޑުގައި ވަޅުގަނޑު ހެދިފައިވާ އިރު ހިތަދޫ ބޮޑު މަގާއި، ލިންކު ރޯޑުގައި ހިރަފުސް ސާފު ނުކުރެވުމުގެ ސަބަބުން ދުއްވަން ވަނީ އުނދަގޫވެފައެވެ. އަދި ރަށުތެރޭގެ ވެލި މަގުތައް މަރާމާތު ނުކުރެވޭތީވެސް ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.

އައްޑޫގެ މަގުތައް ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ދަށައް ބަދަލުކޮށްފައިވާ އިރު ކުރިން މަގު މަރާމާތު ކުރި އެމްއާރްޑީސީ ކުންފުނި އުވާލައި އެތަނުގެ މުވައްޒަފުންނާއި ވެހިކަލްތައް ވަނީ ހައުސިންގެ ދަށައް ބަދަލުކޮށްފައެވެ. ކުރިން ހައުސިންއިން ބުނަމުން ދިޔައީ މަގު ނެހެދެނީ މަގު ހަދަން އެމްއާރްޑީސީގައި އެދުމުންވެސް އެކުންފުނިން މަސައްކަތް ކޮށް ނުދޭތީ ކަމަށެވެ.