Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު

ދެކުނު ކޮރެއާ އާއި އެމެރިކާގެ ތަމްރީނުތައް ނުބާއްވާނެ

2017 ވަނަ އަހަރުގައި ދެކުނު ކޮރެއާއާއި އެމެރިކާއިން ހިންގި އަސްކަރީ ހަރަކާތެއްގެ ތެރެއިން._ ފޮޓޯ : ރޮއިޓާރސް

އަންނަ އޮގަސްޓް މަހުގައި ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީނުތައް ނުބާއްވަން ނިންމައިފި އެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ ހިންގުމަށް ހަމަޖެހިފައިވާ ފްރީޑަމް ގާޑިއަން މިލިޓަރީ ޑްރިލް ވަނީ މިހާރު ނުބާއްވާ ގޮތަށް ނިންމައި އެ އަސްކަރީ ހަރަކާތުގެ ހުރިހާ ތައްޔާރީތަކެއް ވެސް ހުއްޓާލައިފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ޕެންޓެގަން އިން މައުލޫމާތު ދެމުން ވެސް މިކަން ކަށަވަރުކޮށް ދީފައިވެ އެވެ. ޕެންޓެގަނުން އިތުރަށް ބުނި ގޮތުގައި މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސާއި ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި މި ހަފުތާގައި ބައްދަލު ކުރައްވާނެ އެވެ.

އޮގަސްޓް މަހުގެ ހަރަކާތް ހުއްޓާލި ނަމަވެސް އޭގެ ފަހުން ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކާއި ބެހޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ޕެންޓެގަންގެ ފަރާތުން ވާހަކަ ދެއްކި ޑާނާ ވައިޓް ވިދާޅުވި އެވެ.

ޓްރަމްޕާއި ކިމްގެ ތާރީޚީ ބައްދަލުވުމަށް ފަހު ދެ ގައުމުން ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި އެމެރިކާ އާއި ދެކުނު ކޮރެއާ އިން ގުޅިގެން ކޮރެއާ ސަރަހައްދުގައި ހިންގާ އަސްކަރީ ތަމްރީނުތައް ހުއްޓާލުން ހިމެނެ އެވެ.