Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއް: ބޮލީވިއާ

ޗައިނާގެ ރައީސް ޝީ ޖިންގް ޕިން އަދި ބޮލީވިއާގެ ރައީސް އީވޯ މޮރާލޭސް – ފޮޓޯ : އޭއެފްޕީ

ފަލަސްތީނާއި ދެކޮޅަށް އެތަކެއް ލާއިންސާނީ އަމަލުތައް ހިންގާ އިސްރާއީލަކީ ޓެރަރިސްޓް ދައުލަތެއްކަމަށް ބޮލީވިއާގެ ރައީސް އީވޯ މޮރާލޭސް ކަނޑައަޅުއްވައިފިއެވެ.

އީވޯ ވިދާޅުވީ ބޮލީވިއާއިން ރަސްމީކޮށް އިސްރާއީލް ދެކޭނީ ޓެރަރިސްޓް ދައުލަތެއްގެ ގޮތުގައިކަމަށެވެ. އެއީ ގާޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީވޯ އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލަކީ އ.ދ ގެ އުސޫލުތަކަށާއި އިންސާނީ ހައްޤުތަކަށްވެސް އެއްގޮތަކަށްވެސް އިޚްތިރާމު ނުކުރާ ބައެއްކަމަށެވެ.

މީގެ ކުރިން އިސްރާއިލުގެ ރައްޔިތުންނަށް އާއްމު އުސޫލުން އޮން އެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް މިއަދަށްފަހު އިސްރާއީލުގެ ރައްޔިތުން ބޮލީވިއާއަށް ދަތުރުކުރުމުގެ ކުރިން ވިސާ ނަގަންޖެހޭގޮތަށް އުސޫލުތަކަށް ބަދަލުވަނީ ގެނެސްފައެވެ.

އާ އުސޫލުތަކުގެ ދަށުން ދެން އިސްރާއިލް މީހުންނަށް ބޮލީވިއާއަށް ދަތުރުކުރެވޭނީ ވިސާ ހޯދުމަށް ފޯމް ލުމަށްފަހު އެގައުމުގެ ނޭޝަނަލް މައިގްރޭޝަން އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބިގެންނެވެ.

ބޮލީވިއާގެ ރައީސް ވަނީ 2009 ވަނަ އަހަރު އިސްރާއީލާއި އެކު އޮތް ޑިޕްލޮމެޓިކްގުޅުން ކަނޑާލާފައެވެ. ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގެ ސަފީރުން އަނބުރާ ގެނެސްފައެވެ. ބްރަޒިލް ، ޕެރޫ ، އިކުއެޑޯ އަދި ޗިލީ މިގައުމުތަކުގެ ތެރޭގައި ހިމެނެއެވެ.