Last Updated: March 29, 10:52
Friday, March 29, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: އިބޫގެ ބެކް ސީޓް ޑްރައިވަރަކަށް ނަޝީދު!

ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ރައީސްކަމަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ގޮތުގައި އެމް.ޑީ.ޕީގެ ޕާރލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހޮވުމަކުން ހައިރާނެއް ނުވެއެވެ. އެކަން އެގޮތަށް ވާނެކަން މާކުރިންވެސް އެގޭތީއެވެ. އިބޫ އަކީ މިބޮޑު ރާޒުވާ ކުޅިގަނޑުގެ ވަރަށް ކުޑަ ކުޑަ "މަނާ" އެކެވެ! މިއުޒިކް ޝޯއެއް ނަމަ، އަސްލު ބޭންޑް ނުކުތުމުގެ ކުރީން ވަގުތު ފިލްކޮއްލަން ނެރޭ ކުޑަ ކުޑަ އެކްޓެކެވެ.

އެމް.ޑީ.ޕީ ގެ ކޮންގްރެސް އިން އިބޫގެ ނަން ފާސް ކުރުމަށްފަހު، ކޮންގްރެސް އިން އިއުލާނުކޮށްފައި ވަނީ އިބޫ ހޮވިއްޖެ ނަމަ ދޮޅު އަހަރު ދުވަހަށް ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ހިންގާނެ ކަމަށެވެ. މާނަ އަކީ އިއްތިހާދުގައި ބައިވެރިވާ ހުރިހާ ޕާރޓީ ތަކާއި ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް އެކުލަވައި ލެވޭ ސަރުކާރެއް ދޮޅު އަހަރު ވަންދެން ހިންގާނެ ކަމަށެވެ. ނަމަވެސް އެ ދޮޅު އަހަރަށް ފަހު ދެންވާނެ ގޮތެއް ނުބުނެއެވެ!

ރިއާސީ ރޭހުން ރައީސް ނަޝީދުގެ ނަން އަނބުރާ ގެންދެވުމަށް ފަހު، އެމް.ޑީ.ޕީ ކޮންގްރެސް އަށް ދެއްވި ވީޑީއޯ މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިނުގަންނަވާ ކަމަށާއި، ކުރިމަގުގައި ގާނޫނީ ގޮތުން ފުރުސްތު ލިބި ވަޑައިގެންނެވުމުން އަދިވެސް ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށެވެ.

ކުޅިބައި މިއޮތީ ރާވާ ލެވިފައެވެ. އެންމެ ކުރީގައި ހުންނެވީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށް، ވަގުތީ ގޮތުން ނެރޭ ފަރާތެކެވެ! އިބޫގެ ފަހަތުގައި އެހުންނެވީ ނަޝީދެވެ. ދޮޅު އަހަރު ފަހުން ޤައުމުގެ ހުންގާނާ ހަވާލުވެ ވަޑައިގަތުމަށް ނިކަން ރަގަޅަށް ފޫގަޅުއްވައިގެން، އިންޑިއާގެ މޮޅު ބިލެތްގަނޑަކުން އަނގަފުޅު ފުރެންދެން ދުއްސަވައިގެންނެވެ.

ކޮންގްރެސް އިން ނަން ފާސް ކުރުމަށްފަހު އިބޫ ވިދާޅުވެފައިވަނީ އޭނާއަކީ އެއްވެސް ފަރާތެއްގެ "އަޅަކަށް" ނުވާނެ ކަމަށެވެ! ފުރަތަމައިނުން ވެސް ބުޅާ ގޯނިން ނިކުތީ އެވެ. މިސްކިތު ހުޅުޖެހި މީހާ، ތިމަންނާއޭ ކިޔާހޭ އެހި އުސޫލުން، އިބޫ ވެސް ނުސީދާކޮށް އެއެއްބަސްވީ ތިމަންނާ އަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް ނަޝީދުގެ "އަޅަކަށް" ނުވާނެ ކަމަށެވެ. ތެދެކެވެ. އަޅަކަށް ނުވާނެ އެވެ. ވެރިކަން ކުރާނީ ސީދާ ނަޝީދެވެ. އިބޫ ވާނީ އަޅަކަށް ނޫނެވެ. ކުޅިބަލާ މީހަކަށެވެ.

ދޮޅުއަހަރު ފަހުން ބާއްވާނެ ކަމަށް ބެލެވޭ އިންތިހާބަށް ވޯމްއަޕް ކުރެއްވުމުގެ ގޮތުން އިބޫގެ ހަތަރެސް ފައިގައި ބަދެފައިވާ ރޮދި ފަށް ތަކަށް ދަންމަވާނީ "ގްރޭންޑް-ޕަޕެޓިއަރ" ނަޝީދެވެ! މިއީ މިކަން ނުވެ ނުދާނެ ގޮތެވެ. ދެން އޮތީ ރަނިންގ މޭޓްގެ ވާހަކައެވެ. ޖުމްހޫރީ ޕާރޓީގެ އައު ރައީސް، އަލީ ވަހީދު ވިދާޅުވެފައި ވަނީ ގުޅިފައިވާ ޕާރޓީ ތަކުގެ ކެންޑިޑޭޓު (އިބޫ) ގެ ރަނިންގ މޭޓަކަށް ޖުމްހޫރީ ޕާރޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އާއިޝާ ގެންނަން ތާއިދު ކުރައްވާ ކަމަށެވެ! އަނބިކަނބަލުންނަށް ނައިބު ރައީސްކަން ލިބުމުން ރައީސް އިބޫ ހަވާލު ކުރައްވައިފި ނަމަ އިބޫގެގޭ ފާހާނާ އާއި ހިސާބުގަނޑު ހުރިހާގެއެއްގެ ފާހާނާދޮންނަ މީހަކަށްވެސް ހުންނަވާނެ ކަމުގައި ޤާސިމް ވިދާޅުވާނެއެވެ!

ޕާޓީ ނިޒާމް މިޤައުމަށް ތައާރަފްވި ފަހުން މުޅީންވެސް މިއޮންނަނީ ކޯލިޝަން ހެދުމާއި، ކޯލިޝަން ރޫޅުމާއި، މުޒާހަރާ ކުރުމާއި، ވެރިކަން ވެއްޓުމާއި، އަލުން ވެރިއަކު ގެނައުމެވެ. މިގޮތަށް ބުރު ޖެހުމުގައި ޒުވާނުން މުސްކުޅިވެދާއިރުވެސް މިކަމަށް ނިމުމެއް ނާދެއެވެ. ޤާސިމްގެ އަނބިކަނބަލުން ނަށް ނައިބު ރައީސްކަން ދީގެން ކިތައް ދުވަހު ކެތްވާނެތޯއެވެ؟

ބެކްސީޓް ޑްރައިވަރަކަށް ނަޝީދު އިންނަވައިގެން އިބޫ އާއި އާއިޝާ ކުރީ ސީޓުގައި ބައިތިއްބައިގެން ކިހާދުރަކަށް ކާރު ދުއްވޭނެތޯއެވެ؟ އެންމެ އަވަހަށް އިވޭނީ ކޯލިޝަނުން ޤާސިމާއި ޖުމްހޫރީ ޕާރޓީ ބޭރުވި ހަބަރެވެ. މިގޮތަށް ހެދޭ ކޯލިޝަނަކީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް އޮންނަ އެއްބަސް ވުމެއް ނޫނެވެ.

ވެރިކަން ލިބުމަށް ފަހު "މަގޭ ޕާޓީ ނޫން އެހެން ޕާޓީ ތަކުގެ މީހުންނަށް ނުލަފާކަން ދައްކާލިއަސް" ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ! ބޮޑުވަރަކަށް ކޯލިޝަނުން ވަކިވެ އަނެއްކާވެސް އިހުތިޖާޖުގެ ސިލްސިލާ ފެށުން ނޫން ކަމެއް ނުކުރެވޭނެއެވެ. ކޯލިޝަން ރޫޅުމަށްފަހު ދެން އިވޭނީ "އިބޫގެ ސަރުކާރުން" ޤާސިމްގެ ރިސޯރޓް ތަކުގެ ސްޕާތައް ބަންދުކުރި ޙަބަރެވެ. އެހިސާބުން މުޒާހަރާތައް އެއޮއްގެން ފެށުނީއެވެ. އެއްކަލަ ނިމުމެއްނެތް ސިޔާސީ ބުރު ފެއްޓުނީ އެވެ! އަނެއްކާވެސް ކޮންމެވެސް ބަޔަކު އިއްތިހާދު ވާނެއެވެ. މިއީ ނިމުމެއް އޮތްކަމެއް ނޫނެވެ.

ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓަކަށް އިބޫގެ ނަން ފާސް ކުރުމުން އެއީ ރަގަޅު ނިންމުމެއްތޯ ސިޔާސީ ފަރާތަކާ ސުވާލު ކުރީމެވެ. އޭނާގެ ޖަވާބަކަށްވީ، އިބޫ އަކީ ވަރަށް ހިތްތިރި، އަޙްލާޤް ރަގަޅު، މަޑުމައިތިރި ބޭފުޅެއްކަމަށާއި ރަގަޅުނުވާންވީ ސަބަބެއް ނެތް ކަމަށެވެ. ބޯޓެއްގެ ކައްޕިއަކު ހޮވާ އިރު ބަލަނީ ހިތްތިރި، މަޑުމައިތިރި، އަޙްލާޤް ރަގަޅު މީހެއް ހޯދަން ތޯއެވެ؟ ނޫންނަމަ ހުރިހާ ކަނޑަކަށް ގަދަ، ހިތްވަރު ގަދަ، ނެވިކަމަށް މޮޅު، ހުރިހާ ފަޅުވެރީން ލައިގެން އުޅެން އެގޭ، ކަނޑުމަތި އެޅިއަސް ބިރުން ރޫރޫ ނާޅާނެ ކަހަލަ ގަޓުހުރި ކައްޕިއެއް ތޯއެވެ؟

ސިޔާސީ ބޭފުޅާއަށް އަޅުގަނޑު ސުވާލެއް ދެންނެވީމެވެ. ތިބާގެ އަނބިމީހާ ދުވަސްފުރައި ވިހަންވުމުން ވިއްސަން ހަވާލު ކުރާނީ އަހްލާގް ރަގަޅު، މަޑުމައިތިރި، ހިތްތިރި ގައިނޮކޮލޮޖިސްޓަކާތޯއެވެ؟ ނުވަތަ ކަމަށް ޤާބިލް، ތަޖުރިބާކާރު، މޮޅު ގައިނޮކޮލޮޖިސްޓަކާތޯއެވެ؟

އިބޫއާދޭތެރޭ އަޅުގަނޑުގެ އެއްވެސް ޒާތީކަމެއް ނެތެވެ. އެއީ ހަޤީގަތުގައިވެސް ޙުލްގްހެޔޮ، އަހްލާގް ރަގަޅު، މަޑުމައިތިރި ބޭފުޅެކެވެ. ސާދާ ބޭފުޅެކެވެ. ނަމަވެސް އިބޫ އަކީ މަދުރަސީ ދުވަސްވަރުން ފެށިގެންވެސް ނަޝީދުގެ ރަހްމަތްތެރިއެކެވެ. ފެށުނީއްސުރެވެސް ނަޝީދުގެ "ޔޭސް-މޭން" އެކެވެ. ނަޝީދު ވިދާޅުވި ކޮންމެ ގޮތެއްވެސް ރަގަޅުވާނެ ބޭފުޅެކެވެ.

އެންމެނަކު އަބަދަކު ހަމައިގަ ތިބެން ބޭނުން ނުވާނެ ކަމަށާއި، ބައެއްމީހުން ބައެއްވަގުތުތަކުގައި ބިރަކާނުލާ މަޖާކޮށް، ހަމައިން ނެއްޓިފައި ތިބެން ބޭނުންވެދާނެ ކަން ގަބޫލު ކުރަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއިރުވެސް އިބޫ އެމް.ޑީ.ޕީ ގެ އިސް ސަފުގައި ހުންނެވިއެވެ.

ނުވަ އަހަރުގެ އަންހެން ކުދީންނާ ފިރިހެނުން ކައިވެނި ކުރުވާކަށް ތިމަންނާމެން ނޫޅެމޭ ކިޔައިގެން، ނުސީދާ ކޮށް ކީރިތި ރަސޫލުﷲ އަށް ނަޝީދު ހަޖޫ ޖެއްސެވިއިރު ވެސް އިބޫ އަތްތިލަބަޑި ޖައްސަވަން އާރޓިފިޝަލް ބީޗްގައި ހުންނެވިއެވެ.

އިންޑިއާގެ ޖީ.އެމް.އާރަށް މި ޤައުމުގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމުގައިވާ ހުޅުލޭ އެއަރޕޯރޓް ނުއަގުގައި ނަޝީދުގެ ސަރުކާރުން ވިއްކާ، ހުޅުލޭގައި އިންޑިއާ ނަސްލުގެ މީހުންގެ ސިޓީއެއް ހަދަން ހުއްދަދީ، ދިވެހީން އަތުން އެތައް ޓެކުހެއް ނެގުމުގެ ހުއްދަ ޖީ.އެމް.އާރަށްދީ، ދިވެހި ރާއްޖެ އަޅުވެތި ކުރުމުގެ ބާރު ނުސީދާކޮށް އިންޑިޔާ އަށް ދިންއިރުވެސް އިބޫ އިންނެވީ ހަމަ ހިތްތިރިކުރައްވައިގެންނެވެ. "ޔޭސް ސަރ" އޭ ވިދާޅުވެ ވިދާޅުވެ އެވެ. ދެންވެސް ވާނީ ހަމަ އެހެންނެވެ. އިބޫވާނީ ކުޅިބަލަން އިންނަ ބުދަކަށެވެ! ވެރިކަން ކުރައްވާނީ ނަޝީދެވެ.

ކުރީގެ މިސްޓޭކްތަކުން ފިލާވަޅުލިބި، މިފަހަރު ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެއްދައުރުތެރޭ މިގައުމު އިންޑިއާގެ އަޅުވެތިކަމަށް ދާނެއެވެ. މިނިވަންކަން އޮންނާނީ ނަމަކަށެވެ. އިންޑިއާ ބުނި ގޮތަކަށް ނޫނީ އެންމެ ފިޔަވަޅެއްވެސް ނޭޅޭނެއެވެ. އެހެން މީހުންގެ ގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. ހަމަޔަގީނުންވެސް، އަޅުގަނޑަށް، ޗައިނާގެ އިގްތިސޯދީ އަޅުވެތިކަމުގަ އޮތުންވެސް، އިންޑިއާގެ އަޅުވެތިކަމުގަ އޮތުމަށްވުރެ ރަނގަޅެވެ.

އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވި އިރު ނަސާރާ ދީނަށާއި ބުޑިސްޓް، އަދި ހިންދޫ ދީނަށް ނިސްބަތްވާ ބުދުތައް އައްޑޫ ސިޓީގެ އެކި ކަންކޮޅު ތަކުގައި އެމް.ޑީ.ޕީގެ ސަރުކާރުން ބެހެއްޓުމަށްފަހު، ނަޝީދު އަމިއްލަފުޅަށް މީގެތެރެއިން ބައެއް ބުދުތައް އިފްތިތާހް ކުރެއްވުމަށް ފަހު، އެއީ ތިމަންނާއަށް އެގިގެން ވީކަމެއްނޫނޭ، އެއީ އައްޑު ސިޓީ ކައުންސިލުން ކުރި ކަމެކޭ ބުނެ، އައްޑޫގެ މޭޔަރ ސޯބެ ބޮލަށް އެ ޒިންމާ ކަނޑުއްވާ ލެއްވި އިރުވެސް އިބޫހަމަ "ޔޭސް ސަރ" އޭ ވިދާޅުވެ ވިދާޅުވެ ހުންނެވި އެވެ.

އެންމެ ފަހުން، އިހަކަށް ދުވަހު އުކުޅަހުގައި ބޭއްވި އެމް.ޑީ.ޕީގެ ކޮންގޮރެސްގައި، އެޕާޓީގެ މެނިފެސްޓޯގެ ބައިތައް އިއުލާން ކުރިއިރު، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމަށޭ ކިޔާފައި ރާއްޖޭގެ ކޯޓުތަކަށް ބިދޭސީ ފަނޑިޔާރުން ގެނައުމަށް ނިންމި އިރުވެސް އިބޫގެ ތާއިދު އޮތީ ހަމަ އެގޮތަށެވެ. ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ކޯޓުތަކުގައި ތިބޭނީ އިންޑިއާ އަދި އިނގިރޭސި ވިލާތުގެ ޖަޖުންނެވެ. މީ އަޅުވެތިކަމެއް ނޫންތޯއެވެ؟

ތެދެކެވެ! ޔާމީންގެ ވެރިކަމުގައި ކަރަޕްޝަން އާއްމުވެ، އަދުލު އިންސާފުގެ ދާއިރާ ބަލިކަށިވެ، ޤައުމު ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. ނަމަވެސް އިސްލާމް ދީނުގެ އުސޫލް ތަކަށާއި ކީރިތި ރަސޫލުﷲ އަށް ހަޖޫ ޖެހުމަށްވުރެ އެއްލަކިން ޤައުމު ދިރުވާލިއަސް އަޅުގަނޑަށް ހަމަގައިމުވެސް މާރަނގަޅެވެ. ހަގީގަތަކީ، ކޮރަޕްޝަން ރަނގަޅަށް ހުއްޓުވައި، އަދުލު އިންސާފުގެ ދާއިރާ މިނިވަން ކޮށް، އަދުރޭ އާއި ނިހާންފަދަ ފަރާތްތައް ވެރިކަމުގެ ކޮއިލުން ދުރައް ޖައްސަވައިފިނަމަ ނަޝީދަށްވުރެ މާ ގާބިލް ލީޑަރަކަށް ޔާމިން ވާނެއެވެ.

ކޮމަން ވެލްތުން ވަކިވެ، އިންޑިޔާ އަށް ގޮންޖެހުމުގެ ގެއްލުންވެސް ހުންނާނެ އެވެ، ނަމަވެސް ކޮމަން ވެލްތަށް ގޮންޖަހައި، އެޖަމާއަތުން ވަކިވެ، އެއޮއް ބޮޑު އިންޑިޔާ އަށް ގޮންޖެހުމަކީ ކޮންމެ ކޮންމެ ލީޑަރަކަށް ކުރެވޭނެ، އަދި ކުރަން ކެރޭނެ ކަމެއްވެސް ނޫނެވެ. ޔާމިނުގެ ވެރިކަމުގައި ކޮރަޕްޝަން ގިނައެވެ، ނަމަވެސް މިއަކަށްވުރެ ވަތަނީ ވެރިއަކު މަދުވާނެކަން ޔަގީނެވެ. މި ހަޤީގަތް ދިވެހީންނަށް ވިސްނޭނީ އަދި ފަހުންނެވެ.

ރައްޔިތުންގެ ތާއިދު ބޭނުންފުޅުނަމަ ޔާމީން ޖެހެނީ ކޮންމެވެސް ވަރަކަށް ގޮތް ދޫކުރައްވާށެވެ! އައްޑު ސިޓީ ފަދަ ޔާމިނުގެ ސަރުކާރާ އިދިކޮޅު މީހުން ގިނަ ސިޓީތަކަށް ޖެއްސުން ކުރެއްވުމުގެ ބަދަލުގައި މީސްތަކުންގެ ހިތް ބަދަލުވާފަދަ ކަންތައްތައް ކޮއްދެއްވަން ވީއެވެ. ކޮރަޕްޝަން ރަނގަޅަށް ހުއްޓުވައި، އަދުލު އިންސާފުގެ ދާއިރާ މިނިވަން ކޮށް، އަދުރޭ އާއި ނިހާންފަދަ ފަރާތްތައް ވެރިކަމުގެ ކޮއިލުން ދުރައް ޖައްސަވަންވީއެވެ. ސައުދީ ޕްރިންސަށް ވާވު އަތޮޅު ވިއްކަވަން އުޅުއްވުން ފަދަ ކަންކަން ހުއްޓުވައި، ދެފުށްފެންނަ ރަގަޅު ވެރިކަމެއް، އިހްލާސްތެރި، އިލްމީ ބޭފުޅުން ލައިގެން، ކުރައްވަން ވީއެވެ. މިޤައުމު ވެއްޓިފައިވާ ވަޅުގަނޑުން ނެގޭނީ އެއިރުންނެވެ. ނިހާނުއާއި އަދުރޭ ލައިގެ އެކަމެއް ނުވާނެއެވެ.

ނަޝީދު ބެކްސީޓްގައި އިންނަވައިގެން، އިންޑިއާގެ ސިއްރު އެޖެންޓުން ރާއްޖެއާއި ދިވެހީންގެ މުސްތަގްބަލް ކުރަހައި ނިމިއްޖެ އެވެ. ދެން އޮތީ މާސްޓަރ ޕްލޭން ތަންފީޒު ކުރުމެވެ. ނިވާފަތްގަނޑަކަށް އިބޫލައިގެން މިކުޅެނީ ވަރަށް ނުރައްކާތެރި ކުޅިވަރެކެވެ. މިއީ ނަޝީދުއަށްވުރެ މާމަތީން ކުޅޭ ބިރުވެރި ރާޒުވާ ކުޅިގަނޑެކެވެ. ރައްކާވެެ ތިބިއްޔާ ދަތުރެވެ!