Last Updated: September 18, 12:38
Wednesday, September 18, 2019
ރިޕޯޓް

ކެޔޮނިރު ކޮލަމް: ފަސް ލީޑަރުން އެއްގަލަކަށް އެރުއްވުން!

ގުޅިފައިވާ ޕާރޓީ ތަކުގެ ފަރާތުން ރިއާސީ އިންތިހާބްގައި ވާދަކުރުމަށް ކަމަށް ބުނެ އެމް.ޑީ.ޕީ އިން ނެރެފައިވާ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓައްގެ ނަން ހުށަހެޅުމުގެ ފުރުސަތު ޖުމްހޫރީ ޕާރޓީ އަށް ވަނީ ދީފައެވެ. އެގޮތުން ޖުމްހޫރީ ޕާރޓީގެ ފަރާތުން ރަނިންގ މޭޓެއްގެ ނަން އިއުލާލަން ކުރާނެކަމަށް މިހާރު ބުނެފައިވަނީ 10 ޖުލައިވާ އަންގާރަ ދުވަހުއެވެ.

މިދިޔަ ބުދަދުވަހު ޖުމްހޫރީ ޕާރޓީގެ ފަރާތުން އާއްމު ކުރި ކަރުދާހެއްގައި އެމް.ޑީ.ޕީ ގެ މެނިފެސްޓޯއާ ފުށުއަރާ މުހިއްމު އެތައްކަމަކަށް ޖުމްހޫރީ ޕާރޓީގެ ބަޔާނުގައި އަލިއަޅުވާލާފައި ވުމުން، ޖުމްހޫރީ ޕާރޓީއާއި އެމް.ޑީ.ޕީ އާދެމެދު ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމް.ޑީ.ޕީ ގެ މެނިފެސްޓޯގައި ހުށަހަޅާފައި ވަނިކޮށް ޖޭ.ޕީ އިން ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ނުފެންނަ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ކޯޓުތަކަށް ބޭރު ޤައުމުތަކުގެ ފަނޑިޔާރުން ގެންނާނެކަމަށް އެމް.ޑީ.ޕީ ގެ މެނިފެސްޓޯގައި ބުނެފައި ވަނިކޮށް ޖޭ.ޕީ އިން ބުނެފައިވަނީ ބޭރުގެ ފަނޑިޔާރުން އެއްވެސް ސިފައެއްގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް ގެނެސްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ބާރުގަދަ ވިއަސް، އަދި ބާރު ކުޑަވިއަސް އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ބަލައި ނުގަތުމަށް ވެސް ޖޭ.ޕީ ގެ ބަޔާނުގައި ވެއެވެ. މިއީ، އެންމެނަކު އަބަދަކު ހަމައިގަ ތިބެން ބޭނުން ނުވެދާނެ ކަން ޤަބޫލުކުރަން ޖެހޭނެކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އަމާޒުކޮށް ޖޭ.ޕީ އިން ދީފައިވާ ނުސީދާ ރައްދެއް ކަމަށް ބެލެވެއެވެ.

ހަމަ އެފަދައިން، ފުލުހުންނާއި ސިފައިންގެ ޙިދުމަތަށް އެއްވެސް ގޮތަކުން އުނިކަމެއްނުގެނައުމަށް ވެސް ޖޭ.ޕީގެ ބަޔާނުގައި ވެއެވެ. އެމް.ޑީ.ޕީ އާ ގާތް ގުޅުމެއް އޮންނަ ޤާނޫނީ ވަކީލެއް ކަމުގައިވާ ހުސްނުއް ސޫދު ދާދިފަހުން ވިދާޅުވެފައިވަނީ އޭނާ ތާއިދު ކުރައްވާ ވެރިކަމެއްގައި އެމް.އެން.ޑީ.އެފް އުވާލައްވައި މެރިން ޕޮލިސް އުފައްދަވާނެ ކަމަށެވެ. ޖޭ.ޕީ ގެ ބަޔާނުން މިކަމާ ދެކޮޅަށް އިޝާރާތް ކޮއްފައިވާ ކަމަށް ބެލެވެއެވެ. އަދި، ބޭރު ޤައުމެއްގެ ސިފައިން ރާއްޖެ ނުގެނައުމަށް ވެސް ޖޭ.ޕީގެ ބަޔާނުގައި ވެއެވެ. މިއީ ރައީސް ޔާމިނުގެ ވެރިކަން ބަދަލު ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ ފޮނުވުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ނަޝީދު ދާދިފަހުން ދެއްކެވި ވާހަކައަށް ޖަދަލުކޮށް ޖޭ.ޕީ އިން ފާހަގަ ކޮއްފައިވާ ނުކްތާއެއް ކަން ޔަގީނެވެ.

އިސްލާމްދީނަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް ޖޭ.ޕީގެ ބަޔާނުގައި ވެއެވެ. ރައީސް ނަޝީދުގެ ތަފާތު ތަގްރީރު ތަކުގައި އިސްލާމްދީނުގެ އުސޫލްތަކާމެދު ސުވާލު އުފެއްދުމަށް ހިތްވަރު ލިބިދާނެފަދަ ވާހަކަތައް ދައްކަވާފައި ވާކަން އެންމެނަށްވެސް އެގެއެވެ. ޖޭ.ޕީ ގެ ބަޔާނުގައި، އިސްލާމްދީނަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ކޯލިޝަނުން ނުކުރުމަށް ގޮވާލާފައި އެވަނީ ނަޝީދުގެ މިފަދަ ވާހަކަތަކަށް އިޝާރަތް ކޮށް ކަމަށް ބެލެވެއެވެ.

ރާޢްޖޭގެ އެއްވެސް އިންވެސްޓްމެންޓެއް ނުވަތަ އެއްވެސް ދޮރޯއްޓެއް (އެއަރޕޯރޓް، ބަނދަރު ފަދަ ދޮރޯށި) ބޭރުގެ އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށްވެސް ޖޭ.ޕީގެ ބަޔާނުގައި ވެއެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީ.އެމް.އާރަށް ހުޅުލޭ އެއަރޕޯރޓް ދިގުމުއްދަތަކަށް ވިއްކާލުމުން އެކަމަށް ޖަދަލުކޮށް، ކޮށްފައިވާ އިޝާރާތެއްކަން ޔަޤީނެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭގޮތަށް އެމް.ޑީ.ޕީގެ ސަޕޯރޓާއިއެކު ރައީސް ޔާމިނުގެ ސަރުކާރުން ޤާނޫނު އަސާސީ އަށް ގެނައި ބަދަލުވެސް ކުރިން އޮތްގޮތަށް ރުޖޫއަކޮށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ނުވިއްކޭ ގޮތަށް ހަދަން ވެސް ޖޭ.ޕީގެ ބަޔާނުގައި ވެއެވެ. ޖުމްހޫރީ ޕާރޓީގެ މި ކަރުދާހަކީ ސީދާ އެމް.ޑީ.ޕީ އަށް ޖަދަލުކޮށް ހުށަހަޅާފައިވާ ކަރުދާހެއްކަން ސާބިތުވަނީ މަތީގައި ބަޔާން ކުރެވިފައިވާ ސަބަބުތަކާ ހެދިއެވެ. ވީއިރު އެމް.ޑީ.ޕީގެ ކެންޑިޑޭޓެއްގެ ފަހަތުން ރަނިންގމޭޓެއްގެ ގޮތުގައި ޖޭ.ޕީގެ ކެންޑިޑޭޓަކު ނުކުތުމަކީ މިހާރު ވުމަށްވުރެ ނުވުން ކައިރި ކަމެއްކަމަށް ބެލެވެއެވެ. ސިޔާސީ ފިކުރާއި ސިޔާސަތުގެގޮތުން މިހާތަފާތު ދެޕާރޓީ އެއްގަލަކަށް އަރައިގެން އިންތިހާބާ ކުރިމަތިލިއަސް، އަދި އިންތިހާބް ކާމިޔާބް ކުރިއަސް، މާލަސްތަކެއްނުވެ ކޯލިޝަނުގައި ބޮޑެތި ރެނދުލައި ކޯލިޝަން ރޫޅުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ވީއިރު. ޖުމްހޫރީ ޕާރޓީގެ މަސްލަހަތަށް ބެއްޔަސް، އަދި އެމް.ޑީ.ޕީގެ މަސްލަހަތަށް ބެއްޔަސް، އެންމެ ބުއްދިވެރި ގޮތަކީ ދެޕާރޓީވެސް ވަކިވަކިން އިންތިހާބްގައި ވާދަ ކުރުންކަން ޔަގީނެވެ. ސުވާލަކީ، އެފަދަ ހާލަތެއްގައި އެމް.ޑީ.ޕީގެ ރަނިންގ މޭޓަކަށް ވާނީ ކޮން ބޭފުޅެއްތޯއެވެ؟ އަދި ޖުމްހޫރީ ޕާރޓީގެ ކެންޑިޑޭޓަކަށާއި ރަނިންގމޭޓަކަށް ވާނީ ކޮން ބޭފުޅެއްތޯއެވެ؟

ޖޭ.ޕީ އަށް ބަލާއިރު، މިހާރު ޤާނޫނު އޮތްގޮތުން ޤާސިމް އިބްރާހިމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. ޖޭ.ޕީގެ ފަރާތުން ޕްރޮފެސްރ އުޤައިލް ކުރިމަތި ލައްވާނެކަމުގެ އަޑުފެތުރިފައި ވަނިކޮށް އުޤައިލުގެ ފުރުސަތު ބަންދުވާފަދަ ބަދަލެއް ދާދިފަހުން ޤާނޫނަށްވަނީ ގެނެވިފައެވެ. ޖޭޕީގެ ރައީސް އަލީ ވަހީދަކަށް ކުރިމަތި ނުލެއްވޭނެއެވެ. ކޮންމެ ގޮތެއްވިއަސް ޖޭ.ޕީގެ ފަރާތުން ވަކި ކެންޑިޑޭޓަކާއި ވަކި ރަނިންގ މޭޓަކު ނެރޭނެކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ފަރާތުން އިންތިހާބާއި މެދު މާބޮޑު އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. މައުމޫނު ހުންނެވީ އިއްތިހާދާއި އެކުގައި ކަމަށް ވިއަސް، ކުޅިބައި އަތުރައި ނިމޭއިރު އެމް.ޑީ.ޕީ ކޮޅަށް ވުރެ ބޮޑަށް މައުމޫނު އެރުއްވުން ކައިރީ ޖުމްހޫރީ ޕާރޓީ ކޮޅެވެ. ޤާސިމްގެ ގާތް ބޭފުޅެއްކަމުގައިވާ، ކުރީގެ މިނިސްޓަރ، އެންދެރިމާގޭ އިލްޔާސް އިބްރާހިމްގެ ދައުރުވެސް މިކަމުގައި އޮތުން އެކަށީގެން ވެއެވެ.

ކާނަލް ނާޒިމްގެ އާއިލީ ބައެއް ބޭފުޅުން ދާދިފަހުން ޖޭ.ޕީ އާ ގުޅިފައި ވުމަކީ، ކާނަލް ނާޒިމްގެ ތާއިދުވެސް މި އިންތިހާބްގައި ޖޭ.ޕީ ކޮޅަށް އޮތުން ކަމުގައި ބެލެވިދާނެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ނަޒިމްގެ އައިލާ އޮތީ އެމް.ޑީ.ޕީ ހިމެނޭ އިއްތިހާދުގެ ބައިވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެކަން މިހާރު މިވަނީ ބަދަލު ވެފައެވެ.

ވިޔަފާރީގެ ގޮތުން ޤާސިމް އިބްރާހިމްއާ ކުރިން ގުޅުން އޮތް، އަދި މިހާރުވެސް ޤާސިމްގެ ގާތް ރަހްމަތްތެރިއެއް ކަމުގައިވާ އުމަރު ނަސީރު ވަނީ އަމިއްލަ ގޮތުން ރައީސްކަމަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ. އިއްތިހާދު ބައިބައިވެ، ޖޭ.ޕީ އިން އެމް.ޑީ.ޕީ އާ ވަކިވެއްޖެ ނަމަ އުމަރު ނަސީރުވެސް ޖޭ.ޕީ އާއިއެކު އިއްތިހާދު ވުމަކީ ވުން ދުރުކަމެއް ނޫނެވެ.

ދެން އޮތީ އަދާލަތު ޕާރޓީގެ ވާހަކަ އެވެ. އަދާލަތު ޕާރޓީ އިން އެމް.ޑީ.ޕީ އާއިއެކު އިއްތިހާދުވީ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ބެލެވެއެވެ. އަދާލަތު ތެރޭގައި އަދިވެސް އެމް.ޑީ.ޕީ ގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހޭ އިސް ފަރާތްތަކާއި، އާއްމު މެމްބަރުން ވަރަށް ގިނައެވެ. އަދާލަތު ޕާރޓީގެ އިސް ސަފުން އެމް.ޑީ.ޕީ އާއެންމެ ގުޅުން ބޮޑީ އަލީ ޒާހިރު އާއި ޝިދާތާ އެވެ. ޕާރޓީތެރެއިން ޙަބަރު ލިބޭގޮތުގައި މިދެބޭފުޅުންގެ ބާރު މިހާރު ޕާރޓީ ތެރޭގައި ކުޑަވެ، އަދާލަތާއި އެމް.ޑީ.ޕީގެ އިއްތިހާދީ ގުޅުމުގައި ރެނދުލާން މިހާރުވަނީ ފަށާފައެވެ. އެގޮތުން ބޭރު ޤައުމުތަކުގެ ފަނޑިޔާރުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ގެންނާނެ ކަމަށް އެމް.ޑީ.ޕީ ގެ މެނިފެސްޓޯގައި އޮތް އޮތުމަކީ ވެސް އަދާލަތުގެ ގިނަ މެމްބަރުން ކަންބޮޑުވާ މައްސަލައެކެވެ. ކަން މިހެން އޮތް އިރު އަދާލަތުގެ ލީޑަރޝިޕުން އެންމެ ފަހު ވަގުތު ޖޭ.ޕީ އާއި އެކު އިއްތިހާދު ވުމަކީވެސް ހަމަ އެކަށިގެންވާ ކަމެކެވެ.

ޤާސިމް އިބްރާހިމް، މައުމޫން އަބްދުލް ޤައްޔޫމް، ޝެއިޙް އިމްރާން، ކާނަލް ނާޒިމް، އުމަރު ނަސީރު، މި ފަސް ލީޑަރުން އެއްގަލަކަށް އަރުއްވައި، އިއްތިހާދު ވެއްޖެ ނަމަ ދެން ވާނީ ކިހިނެއްބާއެވެ؟ އެފަދަ ހާލަތެއްގައި އިންތިހާބުގައި ވާދަ ކުރާނީ މައިގަނޑު ތިން ބާރެވެ. ރައީސް ޔާމިން، އެމް.ޑީ.ޕީ އަދި ޖޭ.ޕީ އިއްތިހާދެވެ. ބޮޑު ސުވާލަކީ މިގޮތަށް ބޭއްވޭ އިންތިހާބެއްގައި އެއްވެސް ބަޔަކަށް އެއްބުރުން 50% ވޯޓު ނުލިބިއްޖެ ނަމަ ޤާސިމާއި، މައުމޫނާއި، ޝެއިޙް އިމްރާނާއި، ކާނަލް ނާޒިމާއި އުމަރު ނަސީރު ނިސްބަތްވާ އިއްތިހާދަކުން ނަގާނީ އެމް.ޑީ.ޕީގެ ކޮޅުތޯއެވެ ނުވަތަ ރައީސް ޔާމިނުގެ ކޮޅުތޯ އެވެ؟ 2018 ގެ ރިއާސީ އިންތިހާބް ކާމިޔާބް ކުރާނެ ފަރާތެއް އެގޭނީ އިންތިހާބްގެ ދެވަނަ ބުރަކަށް ގޮސްގެން ދެން އުފެދޭ އިއްތިހާދެއްގެ ސިފަ އެގިގެންނެވެ. ސިޔާސީ މި ބޮޑު ކުޅިގަނޑުގެ ކުޅިތައް މިހާރު އެދަނީ ރުކުރުވާ ލެވެމުންނެވެ. އެންމެ ފުރަތަމަ އެސްފިޔަ ޖަހާނީ ކޮންބައެއް ބާއެވެ؟ ޤައުމާއި ރައްޔިތުން ތިބީ ބަލާށެވެ!