Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: ރަނިން މޭޓަކަށް ފައިސަލް ނަސީމް؟

1991 ވަނަ އަހަރު، އެއިރުގެ ލަންކަން ފިނޮޅު ތަރައްގީ ކޮށް، ޕެރެޑައިސް އައިލޭންޑް ރިސޯރޓަށް ހެދުމުގެމަސައްކަތް ފެށިއިރު، އެރަށުގައި މަސައްކަތް ކުރި 700 ވަރަކަށް ބިދޭސީ އަދި ދިވެހި މަސައްކަތްތެރީންގެ ކަންކަން ބެލެހެއްޓުމަށް ގެނައީ އަލަށް އޯލެވެލް ހަދައިގެން ނިކުތް، އުމުރުން އެންމެ 17 އަހަރުގެ ޒުވާން ކުއްޖެކެވެ. އޭގެ ދެއަހަރު ފަހުން ޕެރެޑައިސް އައިލޭންޑް ރިސޯރޓްގެ މަސައްކަތް ނިމި، އެރިސޯރޓް ހުޅުވުނުއިރު އެޒުވާނާ ވަނީ އެރަށުގައި މަސައްކަތް ކުރި ބިދޭސީ އެކި ޤައުމުތަކުގެ މީހުންގެ ބަސްބަހުން ވާހަކަ ދައްކަން ދަސްކޮށްފައެވެ. އޭގެތެރޭގައި ސިންހަޅަ، ތަމަޅަ އަދި ބަންގާޅު ބަސްވެސް ހިމެނެއެވެ.

އޭރުވެސް ފައިސަލް ނަސީމަކީ ހިތްއަލި، ހީވާގި، ނުހަނު ޖޯޝާއިއެކު މަސައްކަތް ކުރާ، ތެދުވެރި މުވައްޒަފެއްކަން އެރަށުގެ މެނޭޖްމެންޓަށް ފާހަގަ ވިއެވެ. ރިސޯރޓް ހަދަން ފެށިއިރު އަލަށް ވަޒީފާއަށް ވެއްދި 17 އަހަރުގެ ޒުވާނާ، އޭގެ ދެއަހަރު ފަހުން، ފައިވް ސްޓާރ ފެންވަރަށް ރިސޯރޓް ހުޅުވި އިރު ހުރީ އެރަށުގެ އެސިސްޓެނޓް މެނޭޖަރަކަށެވެ. އަދި އޭގެ އެއް އަހަރު ފަހުން ޕެރެޑައިސްގެ މެނޭޖަރުކަން ލިބުނެވެ.

މީގެ 18 އަހަރު ކުރީން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގަ ފައިސަލް ނަސީމް ހާމަކުރައްވާފައި ވަނީ ރައްޔިތުންގެ މަޖުލިހުގައި، މެމްބަރެއްގެ ގޮތުން ޙިދުމަތް ކުރައްވަން ބޭނުން ކަމަށެވެ. ފައިސްލްގެ އެއަޒުމް ހަޤީގަތަކަށް ވީ 2004 ވަނަ އަހަރު މަޖުލިހުގެ ފުވައްމުލަކު މެމްބަރު ކަން ކާމިޔާބް ކުރައްވައިގެންނެވެ. ޤާނޫނު އަސާސީ އިސްލާހް ކުރަން އެކުލަވައިލި ހާއްސަ މަޖުލިހުގެ މެމްބަރުކަން ވެސް ފައިސަލް އަދާކުރެއްވިއެވެ. އިޖުތިމާއީ ތަފާތު ކަންތައް ތަކުގަ އާއި، އާއްމު ޙިދުމަތާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމިއްލަ ގޮތުން އެހީވެ ލެއްވުމުގައި ވަރަށް ކުރީއްސުރެވެސް މަސައްކަތް ކުރައްވަމުން އައިސް، ފައިސަލް ފައުންޑޭޝަން އުފައްދަވައި، އެ ފައުންޑޭޝަން މެދުވެރިކޮށް ފައިސަލް އަދިވެސް ހުންނެވީ ޤައުމީ ޙިދުމަތުގައެވެ. ދިވެހި ރައްޔިތުންގެ ޙިދުމަތުގައެވެ.

ދެކުނުގެ އަތޮޅެއް ކަމުގައިވާ ފުއައްމުލަކަށް އުފަން ފައިސަލް ނަސީމްގެ އަޒުމަކީ ހާލަތުތަންދިން އެންމެ މަތީ ފަންވަރއްގައި ޤައުމަށް ޙިދުމަތް ކުރެއްވުމެވެ. އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމް ކަމުގައި ވިއަސް ނުވަތަ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް ކަމުގައި ވިއަސް އެވެ. ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެކު ރަނިންގ މޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅަން އެންމެ އެކަށީގެންވާ ބޭފުޅުންގެ ނަންތައް ޝޯރޓް ލިސްޓް ކުރެވިފައިވާ އިރު، އެލިސްޓުން އެންމެ މަތިން މާރކްސް ލިބިވަޑައިގަތް ތިން ބޭފުޅުންގެ ތެރޭގައި ފައިސަލް ހިމެނިވަޑައިގަތުމަކީ ހައިރާންވާން ޖެހޭ ކަމެއްނޫނެވެ. ކެންޑިޑޭޓް އިބޫ އަކީ އުތުރުން ބާއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، ރަނިންގ މޭޓަކަށް ދެކުނަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ލުމަކީ އެންމެ އެކަށިގެންވާ ގޮތްކަމުގައި ގިނަބަޔަކު ޤަބޫލްކުރެއެވެ.

މިހާރު ބިޒްނެސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރޒް ޑިގްރީ ހާސިލް ކުރައްވާފައިވާ ފައިސްލް ނަސީމަކީ ރާއްޖޭގެ މުޅި ދެކުނު އަދި މުޅި ޤައުމުވެސް ފަޙުރުވެރިވާފަދަ ތައުލީމީ، ހީވާގި، ކެރޭ. ޙިދުމަތްތެރި ޒުވާނެކެވެ. ޖުމްހޫރީ ޕާރޓީ އަށް ނިސްބަތް ވުމާއި، ޤާސިމްގެ ވަޒީފާގައި ތެދުވެރި ކަމާއިއެކު ފަންސަވީހަކަށް އަހަރު މަސައްކަތް ކުރައްވާފައި ވުމާއި، ދެކުނުގެ ގިނަ ރައްޔިތެއްގެ ތާއިދު ލިބިވަޑައިގެންފައި ވުމަކީ ޖޭ.ޕީގެ ފަރާތުން އިއްތިހާދާ ގުޅޭ ރަނިންގ މޭޓުގެ މަޤާމް ފައިސަލް އަށް ލިބެން މެދުވެރިވެދާނެ ބައެއް ސަބަބު ތަކެވެ.

ޖުމްހޫރީ ޕާޓީ ތެރެއިން މިފަދަ މަޤާމަކަށް މިހާރު ނެގެން ތިބި ބޭފުޅުންނަށް ބަލާއިރު އެމް.ޑީ.ޕީ އާއިއެކު ގުޅިގެން މަސައްކަތް ކުރައްވައި، ވަތަނީ، އިސްލާމީ ދިވެހި ޤައުމެއް ތަރައްޤީ ކުރެއްވުމުގައި ތަދުވެރިކަމާއިއެކު މަސައްކަތް ކުރެއްވުމުގެ ގާބިލުކަން ހުރި މަދު ބޭފުޅުންގެ ތެރޭގައި ފައިސަލް ހިމެނޭކަން ކަށަވަރެވެ. އެމް.ޑީ.ޕީ އާއި އެކު މިހާރު އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ސިޔާސީ އެއް ބޭފުޅެއްކަމުގައިވާ އަހްމަދު މަޙްލޫފުގެ އަނބިކަބަލުން ނަކީ ފައިސަލް ނަސީމްގެ ކޮއްކޮއެވެ. މިއީ ވެސް ފައިސަލް އަށް އެމް.ޑީ.ޕީ-ޖޭ.ޕީ ކޯލިޝަނެއްގެ ވެރިކަމެއްގައި ސާބިތުވެ ހުންނެވިދާނެ ކަމުގެ އެއް ސަބަބެވެ.

އުމުރުން 17 އަހަރުގައި ވަޒީފާއަށް ނުކުމެ، 700 މުއައްޒަފުންނާއެކު މަސައްކަތް ކުރައްވާ، އެމީހުންގެ ބަސްތައް ކަމުގައިވާ ސިންހަޅަ، ތަމަޅަ އަދި ބަންގާޅުބަސް ދަސް ކުރައްވައި، ދިވެހި މުއައްޒަފުންގެ ތާއިދާއި، އިހްތިރާމާއި، އިތުބާރު ހޯއްދެވި ފައިސަލް ނަސީމަކީ މިއަދުވެސް އިއްތިހާދުގެ ސަރުކާރެއްގައި، ދިވެހީންނާއި ބޭރު ޤައުމުތަކުގެ ތާއިދާއި ރުހުން ހޯއްދަވައިގެން ޤައުމަށް ސުލްހަ މަސަލަސްކަމާއި ތަރައްޤީ ހޯއްދަވައިދެއްވޭފަދަ ޤާބިލް ދިވެހި ދަރިއެކެވެ. އިބޫއާއިއެކު، ރަނިންގ މޭޓެއްގެ ގޮތުގައި ފައިސަލް ނަސީމްގެ ނަން އޮތުމަކީ މުޅި އިއްތިހާދަށްވެސް، އިންތިހާބް ކާމިޔާބް ކުރުމަށް ލިބޭނެ ބޮޑު އިތުބާރަކަށް ވާނެކަން ޔަގީނެވެ.