Last Updated: April 26, 23:59
Saturday, April 27, 2024
މުނިފޫހިފިލުވުން

ބަންސާލީގެ ފިލްމެއް ރިތިކް ދޫކޮށެއް ނުލާ

"ދޭވްދާސް"، "ބަޖީރާއޯ މަސްތާނީ" އަދި " ޕަދްމާވަތު" ފަދަ ފިލްމްތައް ގެނެސް ދިން ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކަށް ރިތިކް ރޯޝަން ނޫނެކޭ ބުނެފައިވާ ކަމަށް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަންސާލީ ޕްރޮޑިއުސް ކުރާ މަލަޔާޅަމް ފިލްމްގެ "ޕުލިމުރުގަން" ގެ ހިންދީ ރިމެކިން ރިތިކަށް ހުށަހެޅުމުން އޭނާ ވަނީ ފިލްމް ގަބޫލު ނުކޮށް ދޫކޮށްލައިފަ އެވެ. "ޕުލިމުރްގަން" އަކީ 2016 ގައި މޯހަންލާލް ލީޑް ރޯލް ކުޅުނު ވަރަށް ކާމިޔާބު ފިމްލެކެވެ.

ނަމަވެސް އޭގެ ހިންދީ ރިމެކިން ބަންސާލީ ހުށަހެޅުމުން ގަބޫލު ނުކޮށް ދޫކޮށްލި ކަމަށް ބުނެ މީޑިއާތަކުން ފެތުރި ހަބަރެއްގެ ލިންކެއް ޓްވިޓާގައި ހިއްސާ ކުރަމުން ރިތިކް ބުނީ އެއީ ދޮގު ވާހަކައެއް ކަމަށެވެ.

އެކަމަކު ބަންސާލީގެ ފިލްމެއް ހުށަހެޅިތޯ އާއި އެ ފިލްމަށް އެއްބަސްވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ރިތިކް ކަށަވަރެއް ނުކޮށްދެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ބަންސާލީ ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ރިތިކް ވަނީ ބަންސާލީގެ 2010 ގެ ފިލްމް "ގުޒާރިޝް" ގައި މަސައްކަތްކޮށްފަ އެވެ. އައިޝްވާރިޔާ ރާއީ ބަތަލާގެ ރޯލް ކުޅުު ފިލްމްގައި ރިތިކް ކުޅުނީ ޖާދޫގަރެއްގެ ރޯލެވެ. އަދި ޖާދޫ ހެދުމުގެ ތެރޭގައި ދިމާވާ ހާދިސާއެއްގައި އޭނާ ނުކުޅެދޭ މީހަކަށް ބަދަލުވެ އެނދުމަތިވުމުން، އޭނާގެ ފުރާނަ ދުއްވައިލަ ދޭން އާދޭސް ކުރެ އެވެ.

"ގުޒާރިޝް" އަކީ ބަންސާލީއާ އެކު، ރިތިކް މަސައްކަތް ކުރި ހަމައެކަނި ފިލްމެވެ.

އޭނާ މިހާރު އަންނަނީ ވިކާސް ބާލްގެ "ސުޕަ 30" ގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ބަންސާލީ މި އަހަރު ގެނެސް ދިން "ޕަދްމާވަތު" އަށް ފަހު، އޭނާ ދެން ގެނެސް ދޭނީ ފިލްމެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދެން ހަދާނީ ސަލްމް ހާން ލީޑް ރޯލް ކުޅޭ "އިންޝާﷲ" އެވެ.