ޚަބަރު

ފޮރިން މިނިސްޓަރު އާސިމް ތުރުކީ އަށް

ފޮރިން މިނިސްޓަރ، ޑރ..މުހައްމަދު އާސިމް އދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަނީ: ފޮޓޯ - ފޮރިން މިނިސްޓްރީ

ތުރުކީގެ ރައީސް ކަމަށް މިހާރުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ހޮވިވަޑައިގެން، އެމަނިކުފާނުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ތުރުކީއަށް ވަޑައިގެންފިއެވެ.

ތުރުކީ ސަރުކާރުގެ ޚާއްސަ ދައުވަތެއްގައި ފޮރިން މިނިސްޓަރު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު މުހައްމަދު ސުޖާއު ވެސް ވަނީ ތުރުކީއަށް ވަޑައިގެންފައެވެ. ރައީސުލް ޖުމުހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އާސިމް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާއިރު ދެގައުމުގެ ދެމެދުގައި ގާއިމް ކުރެވުނު ސިޔާސީ ގުޅުމަށް މިއަހަރު ވަނީ 39 އަހަރު ފުރިފައެވެ.

ތުރުކީގެ ރައީސް ކަމަށް ޖޫން މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އުރުދުޣާން އަނެއްކާވެސް އިންތިޚާބު ވެފައިވާއިރު ތުރުކީއަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެކަން ކުށްވެރި ކުރި މަދު އިސްލާމީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އުރުދުޣާން ވަނީ އެގައުމުގެ އަސްކަރިއްޔާއިން އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރި ބަޣާވާތް ވެސް ނާކާމިޔާބުކޮށް އެބަޣާވާތުގައި ޝާމިލުވި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ނިންމާފައެވެ.