Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

އުރުގުއޭއަކީ މި ފަހަރު ވަރަށް މޮޅު ޓީމެއް: ސުއަރޭޒް

މި އަހަރުގެ ވޯލްޑްކަޕް 2018 ގައި ކުޅުނު ދެކުނު އެމެރިކާ އަށް ނިސްބަތްވާ ޓީމްތަކުގެ ތެރެއިން އެންމެ މޮޅު ޓީމަކީ އުރުގުއޭ ކަމަށް އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވެ ކެޓުމަށް ފަހު އެނބުރި އިއްޔެ ގައުމަށް ދިއުމަށް ފަހު ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނެފައިވާ ގޮތުގައި އުރުގުއޭ އިން ވޯލްޑްކަޕް ނިންމާލީ 5 ވަަނަ ހޯދައިގެންނެވެ.

"އަހަރުމެން ނިންމާލީ ވޯލްޑްކަޕްގައި 5 ވަނަ ޓީމްގެ ގޮތުގައި. ދެކުނު އެމެރިކާގެ އެންމެ މޮޅު ޓީމްގެ ގޮތުގައި. އަހަރުމެން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ" ކަރާސްކޯ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސުއަރޭޒް ބުންޏެވެ.

ދެކުނު އެމެރިކާގެ އެންމެ މޮޅު ޓީމަކީ އުރުގުއޭ ކަމަށް ސުއަރޭޒް ބުނެފައިވާއިރު މިފަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލާއި ހަމައަށް އެ ސަރަހައްދުން ދެވުނު ހަމައެކަނި ދެ ޓީމަކީ އުރުގުއޭ އަދި ބްރެޒިލްއެވެ. ބްރެޒިލް ކުއާޓާ ފައިނަލުގައި ބަލިވީ ބެލްޖިއަމް އަތުންނެވެ.

ސުއަރޭޒް ވަނީ އުރުގުއޭގެ ކޯޗަށް ވެސް ތައުރީފް ކޮށްފައެވެ. އެގޮތުން އޮސްކާރ ޓަބާރޭޒް އެ ޓީމަށް ކުރިއެރުންތައް ގެނެސްފައިވާ ކަމަށާއި ދުރުގައި ބަލަން ތިބޭ މީހުންނަށް އެކަން ނޭނގިދާނެ ކަމަށް ސުއަރޭޒް ވަނީ ބުނެފައެވެ.