ރިޕޯޓް

ކުރީގެ ވާހަކަ: "ޖުޑިޝަރީ އަށް ދަނޑިބޭނިޔަ ނުދޭތި"

ޖޫން، 9، 2011 ވަނަ ދުވަހުގެ ރޭ އޭރު ޕީއޭގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ރެލީއެއްގައި ވާހަކަ ދައްކަވަމުން އެދިވަޑައިގެންނެވީ، "3 ބާރު ވަކިކޮށް ގާއިމްކޮށްފައިވާ މިނިވަން ޖުޑިޝަރީ ނުވަތަ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމަށް މި ސަރުކާރުން "ދަނޑިބޭނުމުގެ" ފުރުސަތު" ނުދިނުމަށެވެ.

ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ އަށް ހަތް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެ ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ، އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރާ ކަމަކީ "އަޅުގަނޑުމެން ހޮވާފައި ތިބި ފަނޑިޔާރުންނާ ކުޅުން" ކަމަށެވެ.

"މިހާރު [ރައީސް ނަޝީދުގެ ސަރުކާރުން] ކުރާ މަސައްކަތަކީ އަދުލު ގާއިމްކުރުމަށް އަޅުގަނޑުމެން [ރައްޔިތުންގެ މަޖިލީހުން] ހޮވާފައި ތިބި ފަނޑިޔާރުންނާ ކުޅުން. މުޒާހަރާކުރަނީ، ބިއްލޫރިތައް ތަޅަނީ ބިރުދައްކަނީ. އެނޫން ކަންތައް ވެސް ކުރަނީ. މި ކަންތައްތަކަށް އަޅުގަނޑުމެން ރައްޔިތުން ފާރަވެރިވާން ޖެހޭނެ،"

2011 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަހު ޔާމީން ވިދާޅުވެފައިވެއެވެ.

މީގެ 7 އަހަރު ކުރިން ރައީސް ޔާމީން މިގޮތަށް ވާހަކަ ދައްކަވާފައިވާއިރު، އެބޭފުޅާގެ ވެރިކަމުގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ސިޔާސީ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެ ތުހުމަތު ސިޔާސީ ފަރާތްތަކުން ކުރަނީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންގެ ތިބީ ތަފާތު އެކި ދައުވާތައް ކޮށް ޖަލަށް ހުކުމްކޮށްފައެވެ. އަދި މީގެ އިތުރުން ވެސް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކި ދައުވާތައް މިހާރު ވެސް ދަނީ އުފުލަމުންނެވެ.

ކުރިއަށް އޮތީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށް ވާއިރު އެ އިންތިޚާބުގައި ޤައުމުގެ ކުރިމަގާއި މެދު ގޮތެއް ނިންމާއިރު މާޒީގެ ސޮފްޙާތަކުން ޢިބްރަތް ޙާސިލްކުރުމަކީ، ކުރިމަގު އުޖާލާ ކުރުމަށް މުހިއްމު ކަމެކެވެ. އަދި ބައެއް ފަހަރަށް މާޒީގެ ސޮފްޙާތަކަށް ނަޒަރު ހިންގާލުމުން ކުރިމަގަށް ނިންމުންތައް ނިންމުމަށް ފަސޭހަ ވެގެން ވެސް ދާނެއެވެ.

ނޯޓް: 'އައްޑޫލައިވް'ގެ "ކުރިން ދެއްކި ވާހަކަ" ގޮތުގައި މި ގެނެސްދޭ ސެގްމަންޓުގެ ބޭނުމަކީ، މީގެ ކުރިން ސިޔާސީ ފަރާތްތަކުން ދައްކާފައިވާ އެކި ވާހަކަތައް ގެނެސްދިނުމެވެ.