ރިޕޯޓް

ކޮންމެ އަތޮޅެއްގައި ޤާއިމު ކުރަން ބުނި ހުޅުމާލެ ކޮބާ؟

ރައީސް އަބްދުﷲ ޔާމީންގެ 2013 ވަނަ އަހަރު ނެރުއްވި މެނިފެސްޓޯގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް "ހުޅުމާލެއެއް ގާއިމްކުރާނެ" އެވެ. ރައީސް ޔާމީން ވިދާޅުވި ހުޅުމާލެ އަކީ، ވަސީލަތްތައް ފުރިހަމަ ވެފައިވާ ސިޓީ އެކެވެ. އެތަނުން ލިބޭނެ ޚިދުމަތްތައް ފަށުވި އިބާރާތްތަކުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން 2013 ވަނަ އަހަރު ރައްޔިތުންނަށް ކިޔައިދިނެވެ.

ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިމޭއިރު ވެސް އެ "ހުޅުމާލެތަކެއް" ޤާއިމް ކުރެވިފައެއް ނުވެއެވެ. އަދި އެ ވައުދު ވެވަޑައިގެންނެވި ކަން ރައީސް ޔާމީން އަށް އެނގިވަޑައިގަންނަވާ ހެން ވެސް ހިއެއް ނުވެއެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ މުޅި ސަރުކާރުގެ އަމާޒު ހުރީ މާލެ ސަރަހައްދަށް ރާއްޖޭގެ އާބާދީ ތޮއްޖެއްސުމަށެވެ.

އަދި ރައީސް ޔާމީނު ވަނީ އެތައް ފަހަރެއްގެ މަތިން، އަތޮޅު ތެރޭގެ ރައްޔިތުން ހުޅުމާލެއަށާއި މާލެއަށް ހިޖުރަ ކުރުމަށް ވެސް ގޮވާލައްވާފައެވެ. އެހެންވެ ރައީސް ޔާމީންގެ ސަރުކާރެއްގައި "އަތޮޅު ތެރޭގެ ހުޅުމާލެތައް" ޤާއިމް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

މިއަދު ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވާއިރު ރައްޔިތުންނަށް "އަތޮޅު ތެރޭގައި ޤާއިމްކުރާ ހުޅުމާލެތައް" ކޮބައިކަން ބުނެދޭން ޖެހޭނެއެވެ.