ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި މީހާ އައިސީޔޫގައި، ސީރިއަސް

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ހޮސްޕިޓަލުން ބުނެފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހޮސްޕިޓަލުގެ އޮފިޝަލަކު ބުނިގޮތުގައި އަންހެން މީހާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އަދި ހޮސްޕިޓަލުން މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ކަމަށް އޮފިޝަލް ބުންޏެވެ.

ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އަންހެން މީހާގެ ބޮލަށް ލިބިފައިވާ ސީރިއަސް ޒަޚަމްތަކުގެ އިތުރަށް ބޭރުފުށުން ބަލާއިރު އިތުރު އަނިޔާއެއް ވެފައިވާކަމަށް ނުބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވަނީ. އެހެން އަނިޔާއެއް ލިބިފައިވާ ކަމެއް ބޭރުފުށުން ފާހަގައެއް ނުކުރެވޭ" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް މިހެން ވިދާޅުވި އިރު ހިތަދޫ ހޮސްޕިޓަލުގައި މިވަގުތު އެކްސްރޭ ނެގެން ވެސް ނެތްކަން ފާހަގަކުރެވެއެވެ.