ޚަބަރު

އިސްތިއުފާ ނުދިނީ ޔާމީނު ބަލިވާނެކަން އެނގޭތީ: ނަޒީރު

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސިޔާސީ ދާއިރާއަށް އަލުން ނުކުންނެވިއިރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުން އިސްތިއުފާ ނުދެއްވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ.ޝަހީމް ހަމަޖެއްސުމުން އޭނާ ފުރަތަމަ ނިންމެވީ ޗާންސެލާ ކަމުން އިސްތިއުފާ ދެއްވުމަށެވެ. އެހެން ނަމަވެސް ފަހުން ވަނީ ރައީސް ޔާމީންގެ ވެސް ލަފާފުޅު ކަމަށް ވިދާޅުވެ، އެމަގާމުން އިސްތިއުފާ ނުދެއްވާނެ ކަން ހާމަކުރައްވާފަ އެވެ.

ޝަހީމް މިގޮތަށް ނިންމެވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އަލީ ނަޒީރު ވިދާޅުވީ، "ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދޭން ދެކޮޅު ހައްދަވަނީ ޔާމީން ބޮޑުތަނުން ބަލިވާނެކަން ކަށަވަރުވާތީ" ކަމަށެވެ.

"ޗާންސެލަރުގެ މަގާމުން އިސްތިއުފާދޭން ދެކޮޅު ހައްދަވަނީ ޔާމީން ބޮޑުތަނުން ބަލިވާނެކަން ކަށަވަރުވާތީ"

ނަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ޑރ.ޝަހީމް މަސައްކަތް ކުރައްވަނީ އިދިކޮޅު ކެންޑިޑޭޓް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޝެއިޚް އިމްރާންގެ އެހީ އާއި އެކު މަގާމް ދިފާއުކުރެވިދާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.