Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

އިނގިރޭސިން ބަލިކޮށް، ކްރޮއޭޝިއާ ފައިނަލަށް

މޮސްކޯ، ރަޝިޔާ: ވޯލްޑްކަޕް 2018ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގެ އިތުރުވަގުތުގެ ދެވަނަ ހާފުގައި މަންޒުކިޗް ކާމިޔާބުކުރި ލަނޑުން، ފަހަތުން އަރައި އިންގްލެންޑް ބަލިކޮށް ކްރޮއޭޝިއާ އިން ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުން ކްރޮއޭޝިއާ މޮޅުވީ 2-1 އިން ނެވެ.

މިއީ ވޯލްޑްކަޕްގެ ތާރީޚުގައި ކްރޮއޭޝިއާ އިން މިމުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމު 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅެފައިވެއެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް މިމެޗަށް ނެރުނީ ނޮކްއައުޓް ސްޓޭޖުގައި އެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުގެ ފުރަތަމަ އެގާރައިގައިވެސް ހިމެނުނު ކުޅުންތެރިންނެވެ.

ކްރޮއޭޝިއާ އިން މިމެޗަށް ނިކުތްއިރު އެޓީމުގެ މުހިއްމު ދެ ކުޅުންތެރިންކަމަށްވާ އެންޓޭ ރެބިޗް އާއި ސިމޭ ވްރިސާލްކޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަމަށް ކުރިން ބެލެވުނުނަމަވެސް ފިޓްނަސް ޓެސްޓުން ފާސްވުމުން ދެ ކުޅުންތެރިންވެސް ފުރަތަމަ އެގާރައިގައި ހިމަނާފައިވާއިރު އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑުޖަހައިދިން އަންދްރޭ ކްރެމަރިޗް ގެ ބަދަލުގައި މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ހިމަނާފައިވެއެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ފެށިގެން ފަސްވަނަ މިނެޓުގައި އިންގްލެންޑަށް ލީޑް ނަގައިދިނީ ލިބުނު ހިލޭޖެހުމަކުން ޑިފެންޑަރު ކިރަން ޓްރިޕިއާ އެވެ. މިއީ އެޓީމުގެ ޑެލެ އަލީ އަށް ޕެނަލްޓީއޭރިޔާގެ ބޭރުން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ.

އޭގެފަހުން 14 ވަނަ މިނެޓުގައި އިންގްލެންޑް ގެ ޑެލޭ އަލީ ނަގައިދިން ކޯނަރަކުން ހެރީ މެގުއަޔާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ފުރަތަމަ ހާފުގައި ކްރޮއޭޝިއާގެ ރެބިޗް އަށް ވަނީ ދެފަހަރެއްގެ މަތީން ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ އިންގްލެންޑް ގެ ޑިފެންޑަރު ޖޯން ސްޓޯންސް ދިފާޢުކުރުމަށް ފޮނުވާލި ބޯޅަ ދެވަނަ ފަހަރަށް ރެބިޗް އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ވަނީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކޮށްފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޖެސޭ ލިންގާޑަށް ވަނީ އިންގްލެންޑްގެ ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެހެންނަމަވެސް ޕެނަލްޓީއޭރިޔާބޭރުން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލްގެ ދަނޑިކައިރިން ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް ކްރޮއޭޝިއާގެ އިވާން ރަކިޓިޗް އަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބިގެން ގޮސްފައިވެއެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން އިނގިރޭސީން ކުރީގަ އޮވެގެންނެވެ.

ކްރޮއޭޝިއާއިން މޮޅުވި ގޯލް ކާމިޔާބުކުރި މާރިއޯ މަންޒުކިޗް(ކ) ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ –ފޮޓޯ: ފީފާ

ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި އިންގްލެންޑް ގެ ރަހީމް ސްޓާލިންގ އަށް ލިބުނު ފުރުޞަތު ބޭނުންހިފޭގޮތްވަނީނުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން އޭނާ އަށް ފޮނުވާލަން ލިބުނު ބޯޅަ ފޮނުވާލުން ލަސްވުމުގެ ސަބަބުން ކްރޮއޭޝިއާގެ ކުޅުންތެރިން ވަނީ ދިފާޢުކޮށްފައެވެ.

އޭގެ ދެމިނެޓުފަހުން ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އަށް ލިބުނު ބޯޅަ ފޮނުވާލުމުން އިންގްލެންޑް ގެ ކުޅުންތެރިން ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޕެރިސިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެޓީމުގެ ފުލްބެކް ވްރިސާލްކޯ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ކްރޮއޭޝިއާ އިން ލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް ޕެރިސިޗް އަށް ވަނީ އެޓީމަށް ލީޑް ނަގައިދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އިންގްލެންޑްގެ ޑިފެންސަށް ހެދުނު ގޯހަކުން ޕެރިސިޗް އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު ދެވަނަފަހަރަށް ރެބިޗް ފޮނުވާލުމުން ޕިކްފޯޑް ވަނީ ސަލާމަތްކޮށްފައެވެ.

އެއަށްފަހު މެޗުގެ 83 ވަނަ މިނެޓުގައި މޮޑްރިޗް ދިން ބޯޅައަކުން މާރިއޯ މަންޒުކިޗް ފޮނުވާލުމުން ޕިކްފޯޑު ވަނީ ދިފާޢުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ޕެރިސިޗް އަށް ވަނީ ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މިމެޗުގެ ދެވަނަ ހާފުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދިން އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ހެރީ ކޭން އަށް އިންގްލެންޑަށް މެޗު ކާމިޔާބުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޓްރިޕިއާ ނަގައިދިން ހުރަކުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާގޮތްނުވެފައެވެ.

މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވުމުން 15 މިނެޓުގެ އިތުރު ވަގުތުގެ ދެ ހާފު ކުޅުމަށް ޖެހުނެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ދެޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވީނަމަވެސް އިތުރުވަގުތުގެ ފަހު ހާފުގެ ހަތަަރުވަނަ މިނެޓުގައި މަންޒުކިޗް ވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ އަށް ލީޑް ނަގައިދީފައެވެ.

ކްރޮއޭޝިއާ ގެ ލަނޑަށްފަހު އިންގްލެންޑުން ގޯލެއް ކާމިޔާބުކުރެވޭތޯ ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާގޮތްނުވެފައެވެ. މިހުރިހާ ހަމަލާއެއް ދިފާޢުކުރުމުގައި ކްރޮއޭޝިއާގެ ޑިފެންސްލައިނުގައި ކުޅޭ ކުޅުންތެރިންގެ އިތުރުން އެޓީމުގެ ގޯލްކީޕަރު ޑެނިއަލް ސުބަސިޗް ވަނީ އިނގިރޭސީން ފޮނުވާލީ ގިނަ ހަމަލާތައް ހުށިޔާރުކަމާއިއެކު ސަލާމަތްކޮށްފައެވެ.

މިމެޗު ކާމިޔާބުކޮށް ވޯލްޑްކަޕްގެ ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ އިން މިމުބާރާތުގެ ފައިނަލްގައި ނިކުންނާނީ މިމަހުގެ 15 ވަނަ ދުވަހު މާލޭގަޑިން ރޭގަނޑު 8 ޖަހާއިރު ފްރާންސް އާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައެވެ.

މިމުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބެލްޖިއަމް އާއި އިންގްލެންޑް ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު މާލޭގަޑިން ރޭގަނޑު 7 ޖަހާއިރުއެވެ.