Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

"ބޮޑު ބުޅަލާ ނާދޭ، މިގޭ ދޮށުން ދާންދޭ"



ކުޑަ ކުދިން ނުނިދައި ބަސްނާހައި ބޮޑާހާކައި ރޮއިހަދާނަމަ އެކުދިން ބިރުގަންނަވައި ރަމަތަކުރުމަށް އިހުޒަމާނުގައި ކިޔާ ބަންޖެއް އޮވެއެވެ.

"ބޮޑު ބުޅަލާ ނާދޭ މިގޭ ދޮށުން ދާންދޭ. މިގެޔަކު ނެތް ރޯ ކުއްޖެއް އެގޭ ތިބޫ ރޯ ދެކުދިން. މަ ނިދާ އެނދު ތަންދޮށުގައި ގަލެއް ވެއްޓި ބަލެއް އޮތޯ. އެބަލުން ނިކުމެ ދާންދޭ. މިއަޑު އަހައިފައި އެއީ ތެދެކޭ ހީކޮށް ކުދިވެރިން މައިތިރިވެގެންފާނެއެވެ. 



ތަސައްރަފު ނުފުދޭ ކުޑަކުދިން ރުއްސައިގެން ގެންގުޅުމަށް އަދިވެސް ކިޔައިއުޅޭ އެއްޗެކެވެ. މިއިނގިލި ބުންޏޭ ކުޅެމާކުޅެމާ. މިއިނގިލި ބުންޏޭ ކޯޗެއްހޭ ކުޅޭނީ. މިއިނގިލި ބުންޏޭ ހަފުގަސްދޮށު ކުޅެމާ. މިއިނލި ބުންޏޭ މަށަކަށް ނުކެރޭނޭ. މިއިނގިލި ބުންޏޭ ހަފު ދައިގަންނާނޭ. 

މިޒަމާނުގައި މިޒާތުގެ އަންބާކިޔާތީ މިފެންނަނީ އަސުރުމާއޮޅީގެ ސިޔާސީ މީހުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެއޮޅިޔަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ބުންޏެވެ. ނާޅާނެޔެ އީޔޫއަކުން ފިޔަވަޅެއް. ތާއަބަދު މަމެން ބޮންޏާ އީޔޫ ކިރު.މިވާހަކަ ބުނިތާ ދުވަސްތަކެއް ފަހުން މިހަފުތާގައި އަނެއްކާވެސް މަޖިލީހަށް ނިސްބަތްވާ އެއޮޅީގެ އެހެން މެންބަރަކު ގޮވައިފިއެވެ. ނުކެރޭނެޔެ ނުކެރޭނެޔެ އީޔޫ. ގެއްލުން ބޮޑުވާނީ އީޔޫ.



މިކަހަލަ އަންބާ އިވުނީމާ ރަންރީނދޫ އޮޅީގެ ކުދިން ހީހީފައި ބިނދިބިނދިފައި ބުނެއެވެ. މިހިރީވެސް މަޖިލިސް މެންބަރުންގެ ފެންވަރެވެ. ދުނިޔޭގެ އެކޮޅުމިކޮޅު ދަތުން ހާދަކުޑައެވެ. އަހުރެންގެ ނަޒަރުގައި ވެގެން މިއުޅޭގޮތަކީ އަސުރުމާ އޮޅީގެ ކުދިންނަށް ވާނުވާ ނޭގުމެއް ނޫނެވެ. އެވެރިންނަށްވެސް ވާނުވާ މޭރުންވާނެއެވެ. އެކަމަކު މިއުޅެނީ އަފުރެމެން އާދައިގެ ނިކަމެތި ރައްޔިތުންނަށް ހަގީގީ މަންޒަރު ފޮރުވާށެވެ. އެވެރިން ހީކުރަނީ އަފުރެމެން ރައްޔިތުންނަކީ ތަސައްރަފު ނުފުދޭ މީހުން ކަމަށެވެ.

އާނއެކެވެ. ތިޔަ ހީވީ ރަނގަޅަށެވެ. އައިބީމެން އުސްމާނުމެން އެހީކުރަނީ ރައްޔިތުންނަކީ ތަސައްރަފު ނުފުދޭ މޮޔައިން ކަމަށެވެ. ބޮޑު ބުޅަލާ މިގޭ ދޮށުން ދާންދޭ ބުނީމާ ދެން ރައްޔިތުން އެވީ މަސަލަސްވެގެން އެނދަށް އަރައި ނިދާށެވެ.



ހަކަތަ ކުންފުންޏާއި ހަވާލުވެގެން ހުރި ކޮޅުމަޑުލު ސަރުދާރަކު ބުންޏެވެ. އެވެނި މީހަކު ދެން ރާއްޖެ އަރައިފިއްޔާ ލާނީ އަލިފާން ފޮށްޓަކަށެވެ. މިހެން ބުނިތާ ދުވަސްކޮޅަކުން އޭނާއަށް އިނާމު ތަޝްރީފު ވެދުންކޮށްފައި ގޮސް އިންތިޚާބު އޮފީހުގެ ވެރިޔަށްލައިފިއެވެ.

ހަމަ ލުމާއެކު ބުނެފިއެވެ. މަށަށްވުރެ އިންސާފަށް ލޯބިކުރާ ދެވަނަ މީހަކު ނުހުންނާނެއެވެ. ބޮޑު ބުޅަލާ މިގޭ ދޮށުން ދާންދޭ އެވެ. ދެން އަފުރެމެން މޮޔަ ރައްޔިތުން އަތްތިލަބަޑި ތަޅައިގެންފައި ތިޔާއީ ތެދެކޭ ތެދެކޭ ގޮވައިފީމެވެ.



މިކަމުން ފިލާވަޅު ލިބިގެން ދެން ހަކަތަ ކުންފުންޏާއި ހަވާލުވި ސަރުދާރުވެސް އިޚުތިޔާރު ކުޅައީ މިމަގެވެ. މީނާ ބުނެފިއެވެ. އެވެނި މީހާ ރާއްޖެ ނަޔަސް ހެވެއެވެ. ކުދީންނޭވެ. އަތުޖެހުނުތާކުން ސަންދޯކުގައި އަޅާށެވެ. މިހެން ބުނީމާ ރައްޔިތުން ނުރުހުންވެ ބަލަގަ މީހުން ސަންދޯކުގައި އެޅުމަކީ ކޮންކަހަލަ ކަމެއްހޭ ތީތި ކަޑައޭ ގޮވައިފިއެވެ.

ދެން މީނާ އިރުތަކެއް ވާންދެން ވިސްނާން ހުރުމަށްފަހު ބުންޏެވެ. އާނދޮގޭ އެހެން ބުނީ މަށެއް ނޫނެވެ. މަގޭ ބޮޑު ފޮށި ބަޔަކު ފަޅައިލީއެވެ. ކަލޭމެންވެސް ބަލަންވާވަރަށް ބަލާފައި ނޫނީ ތިޔަޒާތަށް ނޫޅޭށެވެ. މިއިނގިލި ބުންޏޭ ހަފު ދައިގަންނާނެއެވެ. ޓުވިޓަރގައި އެއޮތީ ހަފު ދައިގެންފައެވެ. 



މިއަޑު އަހައިފައި މީނާގެ އަންހެނުން ޖަމާއަތެއްގެ ބަޔަކާއެކު ނިކުމެ ކަރުގައި ގުލްދަސްތާ އަޅުވައިފައި ބުންޏެވެ. ތިޔަވަރުގެ ތެދެއް އަނދިރިއަނދިރީންގެ ޒަމާނަށްފަހު މިރާއްޖޭގައި މީހަކު އަދި ނުހަދައެވެ. ދެން އަފުރެމެން ރައްޔިތުން މިވީ އެވާހަކަ ގަބޫލުކޮށްގެން މަސަލަސްވާށެވެ.

މިކަހަލަ މިސާލުތައް ބައިވަރެވެ. ސަރިޔަތުން ހުކުމް އިއްވާފައި ތިބޭ ބޮޑެތި ވަގުންވެސް ދަންނަކަން ބުނަނީއެވެ. ކަލޭމެން ދަންނާށެވެ. އުޑަކީ އުޑެވެ. ކަނޑަކީ ކަނޑެވެ. ކަނޑުގެ ފުންކަމާއެވެ. އަފުރެމެންގެ ޖީބުތައްވެސް ފުންކަމާއެވެ. ބޮޑު ބުޅަލާ މިގޭ ދޮށުން ދާންދޭއެވެ. މިގެޔަކު މައްސަލައެއް ނެތެވެ. މައްސަލަ އޮތީ އެގޭގައެވެ. އެގޭ ދޮށަށް ދާންދޭ އެވެ.

ދެން ތަސައްރަފު ނުފުދޭ ރައްޔިތުން އެވީ މިޒާތުގެ ބޭކަލުންގެ ބަސް އަހައި ރަމަތަވެގެންނާށެވެ. 

އަޖައިބު ހީވެއެވެ. ރައްޔިތުންނަކީ ތަސައްރަފު ނުފުދޭ މޮޔައިންކަމަށް ހީކޮށް އެބީދައިން ރައްޔިތުންނާމެދު މުއާމަލާތު ކުރުމަށްވުރެ ބޮޑު ހަރާންކޯރުވުމެއް އޮންނާނެ ބާވައެވެ. ނުއޮންނާނެއެވެ. އަހުރެން ހުވައިކޮށްފައި ބުނަމެވެ. ކަލޭމެންނާއިމެދު އަފުރެމެން ސެޕްޓެމްބަރު ތޭވީސްވަނަ ދުވަހު ކަލޭމެންގެ ތިޔަ ނުބައިކަމާ އެކަށޭނަ ފައިސަލާކުރުމަކުން ފައިސަލާ ކުރާނޫއެވެ. އަފުރެމެން ގޮތެއް ިނިންމީމާ ދެން ބޮޑު ބުޅާ ނެރޭނެ ގޮތަކަށް ނެރެގެން ލާނެ ގޮޅިޔަކަށް ލާނީ ސަރިޔަތުންނެވެ.