Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: ދިވެހިރާއްޖެ ސޮލާހުއްދީނުލް އައްޔޫބީގެ އިންތިޒާރުގައި!

ދިވެހި ރާއްޖެ، ފޮޓޯ: ފްލިކަރ/ބަދުރުއްދީން

މިދިވެހި ޤައުމު މިވަގުތު މިއޮތީ ހޮސްޕިޓަލެއްގައިނަމަ އައި.ސީ.ޔޫ ގައެވެ! މަގުމަތީގައި ނަމަ ކާރޫބާރޫ ބޮޑު ހަތަރު އަނގޮޅިއެއްގައެވެ! ކަނޑުމަތީގައިނަމަ ބޮޑުސިންގާ ތޫފާނެއްގެ މެދުގައެވެ! އަދި، ޖައްވުގައި ނަމަ "ބްލެކް ހޯލް" އެއްގައި ތާށިވެފައެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ މިޤައުމަށް މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ، ދީންވެރި "ސަލާހުދީނުލް އައްޔޫބީ" އަކަށެވެ. އެފަދަ ލީޑަރެއް ކޮބައިތޯއެވެ. އަދި ފެންނާކަށް ނެތެވެ!

ދިވެހި ރައްޔިތުންނާއި ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް ފާހަގަކޮށް އެމައްސަލަތައް ޙައްލުކޮށް، ޤައުމު އިތުރު މައްސަލަތަކެއްގެ ތެރެއަށް ވައްޓާނުލުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރި އެއްވެސް ސަރުކާރެއް ރާއްޖޭގެ މާޒީގައި ފެނިފައި ނެތެވެ. ބޮޑު އިންތިހާބެއް ކުރިމަތީގައި އޮތްއިރު ދިވެހި ރައްޔިތުން އެދެނީ އެފަދަ ކެންޑިޑޭޓަކަށެވެ. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމަށްފަހު، ފާއިތިވެދިއަ ދުވަސްތަކުގައި، ދިވެހިރާއްޖޭގައި އުފެދުނު ކޮންމެ ސިޔާސީ ޕާޓީއަކާއި އަދި ސަރުކާރެއްގެ ފަރާތުންވެސް ދިވެހިންނަށް ތަޖްރިބާ ކުރަންޖެހިފައި ވަނީ ރައްޔިތުންނަށްވުރެ ސިޔާސީ ވެރިންގެ މަސްލަހަތު އިސްކުރުމުގެ މައްސަލައެވެ. ދިވެހިރާއްޖެފަދަ މީސްކޮޅުމަދު ޤައުމަކަށް މަލްޓި-ޕާޓީ ނިޒާމުން ލިބެމުންދާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑެވެ.

ސިޔާސީ ޕާޓީގެ ނިޒާމުގެ ވެރިކަން ރާއްޖެއަށް ތައާރަފްވި ފަހުން ރައްޔިތުން ކުރި ތަޖްރިބާތަކުގެ އަލީގައި، ޙަޤީޤީ ހެޔޮބަދަލުތައް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ގެނެސްދިނުމުގެ ކުޅަދާނަކަމާއި ނަޒާހަތްތެރިކަން ހުރި ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ލީޑަރެއްވެސް މިހާތަނަށް ފެނިފައެއް ނެތެވެ.

ޤައުމާއި ރައްޔިތުން ބޭނުންވަނީ ސަރުކާރާއި އަދި ދައުލަތް ހިންގުމަށް 'އިންޤިލާބީ ބޮޑެތި' ބަދަލު ގެނެސްދޭނެ އަދި މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމުން ދިވެހިރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިމިވާ ޢަދަދުނުކުރެވޭ ގެއްލުންތައް ފޫބައްދައި، ދިވެހި ޤައުމަށް މުޅިންއާ ބަދަލުތަކެއް ގެނސްދެވޭނެ ލީޑަރެކެވެެ. ބާމޫނުތަކެއް ނޫނެވެ. މުޅިން އާ މޫނެކެވެ. ޕާރޓީ ކެންޑިޑޭޓެއް ނޫނެވެ. "މިނިވަން" ކެންޑިޑޭޓެއް ނޫނެވެ. ރައްޔިތުންގެ ކެންޑިޑޭޓެކެވެ! ދިވެހިރާއްޖެ އިސްލާޙުކޮށް ހަމަމަގަށް އަޅުވަން ބޭނުންނަމަ، ސިޔާސީ ދާއިރާއަށް ބާމޫނުތަކެއްގެ ބަދަލުގައި، ހަރުދަނާ ސިޔާސަތުތަކާއި އަދި އުސޫލުތަކެއް ރައްޔިތުންނަށް ހުށަހަޅާ، ޒުވާން އަދި މުޅިންއާ މޫނުތަކަކަށް، ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންމިވަނީ ބޭނުންވެފަ އެވެ.

މިއަދުގެ ސިޔާސީ ނިޒާމަކީ ފައިސާ އާއި މަޤާމަށް ހެއްލިފައިވާ، " ކޮރަޕްޓް" ސިޔާސީ ނިޒާމެއްގެ ގޮތުގައި ޤަބޫލު ކުރަންޖެހިފައި ވީހިނދު، މިއަދުގެ ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ، ދޮށީ ބޭފުޅުންވަނީ "ގޯސް މިސާލުތަކެއް" ރައްޔިތުންނާއި އަދި ޤައުމަށް ދައްކުވައިދީފައެވެ.

މިއަދު ސިޔާސީ ޕާޓީތައް ކުރިއަރުވައި، ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ވެރިކަން ހޯދައިދިނުމަށް "ޖާނުންފިދާ" ވަމުންދާ އަޚުންނާއި އުޚުތުން ފެންނަމުންދާ ހިނދު، ހިތާމައާއެކު، ދަންނަވަންޖެހެނީ މިފަދަ "ފިދާވުންތަކުން" ޤައުމާއި، ރައްޔިތުންނާއި އަދި އަންނަންއޮތް ދިވެހި ޖީލުތަކަށް ފައިދާއެއް ލިބެމުންދާ މަންޒަރު ނުފެންނަކަމެވެ.

މިޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ ތިންބާރުކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާގެ ބާރާއި، އަދުލު އިންސާފުގެ ދާއިރާގެ ބާރާއި، ރައްޔިތުންގެ މަޖުލީހުގެ ބާރު އެކެއްގެ މުށުތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކުރިމަގުގައިވެސް އެފަދައިން ތިން ބާރު އެއްނުކުރެވޭނެފަދަ ހަރުކަށި، ހަރުދަނާ ފިޔަވަޅުތަކެއް ޤާނޫނުގެ ތެރެއިން އެޅުމެވެ. މިފަދައިން މިކަން ކަށަވަރު ކުރެވޭނީ އަދުލު އިންސާފުގެ ދާއިރާގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖުލިހުގެ ރައީސް، އަދި މަޖުލިހުގެ ނައިބު ރައީސަކީ ސީދާ ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދިގެންނެވެ!

އަދުލު އިންސާފުގެ ދާއިރާ މިވަނީ ސިޔާސީ ވެރިންގެ މުށުތެރެއަށް ނިކަން ރަނގަޅަށް ފެތި ބާރުވެފައެވެ. އަދުލުއިންސާފުގެ ދާއިރާ އަށް ހަޤީޤީ މިނިވަންކަން ލިބޭނީ ސަރުކާރު ހިންގާ ބާރާއި އަދި ޤާނޫނުހަދާ ބާރުފަދައިން، ޢަދުލުއިންސާފުގެ ބާރުގެ މުހިއްމު މަޤާމުތައް ކަމުގައިވާ އުއްތަމަ ފަނޑިޔާރު، ހައިކޯޓުގެ އިސްފަނޑިޔާރު، ދަށުކޯޓުތަކުގެ އިސްފަނޑިޔާރުން، ރައްޔިތުންގެ ސިދާ ވޯޓަކުން ހޮވާގޮތަށް ޤާނޫނު ބަދަލުކޮއްގެންނެވެ.

ހަމައެފަދައިން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ނައިބުގެ މަޤާމުތަކަކީ، ރައްޔިތުންގެ މަޖުލީހަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެނެސް، މި މުހިއްމު ދެމަޤާމަކީވެސް، ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވާފަދައިން، ކޮންމެ ފަސް އަހަރަކުން އެއްފަހަރު، ފަސް އަހަރުގެ ދައުރަކަށް، ސީދާ ރައްޔިތުންގެ ވޯޓަކުން، އިންތިޚާބު ކުރެވޭ ވަކި ދެމަޤާމު ކަމުގައި ހަމަޖެއްސުމާއި، މިދެމަޤާމަށް ރައްޔިތުން އިންތިޚާބުކުރާ ދެފަރާތަކީ، އެއްވެސް ދާއިރާއަކަށް ނިސްބަތްނުވާ މަޤާމުތަކެއް ކަމުގައި ކަނޑައެޅުމަކީވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

އަދި ހަމައެފަދައިން އިލެކްޝަން ކަމިޝަންގެ ރައީސް، އޮޑިޓަރ ޖެނެރަލް، މަރުކަޒީ ބޭންކުގެ ގަވަރުނަރ، ކަމިޝަނަރ އޮފް ޓެކްސޭޝަންސް އަދި ހުރިހާ މިނިވަން މުވައްސަސާތަކުގެ އެންމެ އިސްވެރިންގެ މަޤާމުތަކަކީ، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ މަޤާމުތަކެއް ކަމުގައި ހަމަޖެހިގެން މެނުވީ ރައްޔިތުންގެ ބާރު ރައްޔިތުން އަތަށް ނުލިބޭނެއެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ އެފަދަ މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ، ދީންވެރި "ސަލާހުދީނުލް އައްޔޫބީ" އަކަށެވެ. އެފަދަ ލީޑަރެއް އަދި މިހާތަނަށް ސިޔާސީ މައިދާނަކުން ނުފެނެއެވެ!

ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ވޯޓެއްނަގާއިރު ކަމުގައި އޮންނަ އޮތުން ބަދަލު ކޮށް، ދައުރުގެ މެދުންވެސް މަޖުލީސް މެމްބަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބް ބޭއްވޭ ގޮތަށް ޤާނޫނު ބަދަލުކުރުމާއި، ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ ފަރާތްތަކަކީ، ހަޤީޤީ މާނާގައިވެސް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދަން އެބަ ޖެހެއެވެ. މިފަދަ ވާހަކައެއް މިހާރުގެ ސިޔާސީ ވެރިންވެސް އަދި އިދިކޮޅު ލީޑަރުންވެސް ނުދައްކަވައެވެ.

ވެރިކަން ލިބިވަޑައިގަތުމުން ރައީސަކަސް، މަޖުލިސް މެމްބަރަކަސް، މިނިސްޓަރަކަސް، އަދި "މިނިވަން" މުއަްސަސާތަކުގެ ވެރިއަކަސް ފެންނަނީ އެބޭފުޅުންގެ އަމިއްލަފުޅު ހައިބަތު މިނަށްވުރެ ބޮޑުވެ، އެބޭފުޅުންނަކީ ރައްޔިތުންނަށް ޙިދުމަތްކުރައްވަން ތިއްބެވި ޚާދިމުންކަން ހަނދުމަފުޅު ނެތޭތަނެވެ. "މިނިސްޓަރ" ކަމުގެ ލަޤަބަކީ މިގޮތުން އެންމެ ހައިސިއްޔަތު އޮޅުވާލާ ލަޤަބެވެ! މި ލަޤަބް ކޮންމެހެންވެސް ބަދަލު ކުރަންޖެހެއެވެ. މިނިސްޓަރ" ކަމުގެ ލަޤަބަކީ ރައްޔިތުންގެ ޙާދިމަކަށް ވުމަށްވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވާހިނދު، "މިނިސްޓަރ" ގެ ނަމުގެ ބަދަލުގައި އެވަޒީފާގެ ނަމަކީ، "ސެކެޓްރީ" ކަމުގައި ހަދާނެ ރައީސަކު މިޤައުމަށް އަންނާން އެބަޖެހެއެވެ.

އެމެރިކާ އަދި ޔޫ.ކޭ ފަދަ ޤައުމުތަކުގައި ވެސް އޮންނަ ފަދައިން، މިސާލަކަށް "ސެކެޓްރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރ ކަމުގެ ނަން ބަދަލު ކުރަން ޖެހެއެވެެ. އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާ ތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް" ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރަން ޖެހެއެވެ. މިދެންނެވި "މިނިވަން" މުއައްސަސާ ތަކުގެ "ރައީސުން" ނަކީވެސް ކުޑަވަރެއްގެ ޤައުމެއްގެ ވެރިކަން ކުރާފަދައިން ވެރިކަން ކުރާ "ރައީސުން" ކަމަށް މިވަނީ ވެފައެވެ. މިކަހަލަ "ރައީސުން" ގެ ހަޤީޤީ ޒިއްމާ އާއި ހަޤީޤީ ހައިސިއްޔަތު އެގޭފަދަ ނަމަކަށް އެމަޤާމުގެ ނަން ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިފަދަ ބަދަލުތައް ގެނެސްދޭނެ "ސަލާހުދީނުލް އައްޔޫބީ" އަކަށް ޤައުމު މިވަނީ ބޭނުންވަފަ އެވެ!

ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމެކެވެ. އެއީ ހަޤީގަތުގައި ރައީސެއްވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! އެފަދަ ވެރިއަކު އަދި މިހާތަނަށް ދިވެހި ސިޔާސީ އުދަރެހަކުން ނުފެނެއެވެ. ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލަކު ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށްޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެއެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދައިންނެވެ: "ކޮބާހޭ އެފަދަ ސަލާހުދީނުލް އައްޔޫބީ އެއް؟"

މިޤައުމަށް ބޭނުންވަނީ އެފަދަ ޒުވާން "ލީ ކުއާން ޔޫ" އެކެވެ. އެފަދަ ޒުވާން "މަހާތީރް" އެކެވެ. ދިވެހީންގެ ސިކުނޑީގައި ގަސްތުގައި އަޅުވާފައިވާ، ލޮލަށް ނުފެންނަ ކަސްތަޅު ނައްޓައި، ދިވެހި ކޮންމެ ފަރުދަކީވެސް ޤައުމުގެ ތަރައްގީގެ ފޮނިކަން އެކަށިގެންވާ ރަނގަޅު މިންވަރަކަށް ލިބޭ ފަރުދަކަށް ހަދައިދެވޭ ފަދަ ވެރިއެކެވެ. ކޮންމެ މަހަކު މީރާ އަށް މިތެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްގެޔޭ ބުނުމުން ދިވެހީން ފަޙުރުވެރިވާކަށް ނުޖެހެއެވެ. މީރާއަށް ބިލިއަނުން ލިބޭއިރު ވަކި ވަކި ފަރުދުން ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވެ، ދަރަނިން ސަލާމަތްވެވޭ ވަރު ނުވެ، ބޭސްފަރުވާ ކޮއްލެވޭ ވަރު ނުވެ، އީދުދުވަހު އާހެދުމެއް ގަނެލެވޭ ވަރު ނުވެފަ ތިބެން ޖެހުމަކީ ހަޤީޤީ ތަރައްޤީ އެއް ނޫނެވެ.

ދިވެހީންގެ ބޮލަކަސް މިތެއްހާސް އެމެރިކާ ޑޮލަރު ޖެހޭވަރަށް ދައުލަތަށް އާމްދަނީ ލިބެޔެ ބުނުމުން ދިވެހީން ކުރަންވީ ކޮން އުފަލެއް ތޯއެވެ؟ ބޮލަކަށް ތިރީސް ހާސް ކީއްކުރަން، އެއްލައްކަ ޑޮލަރު ޖެހުނަސް ނިކަމެތި ރައްޔިތުމީހާގެ ބޮލަކަށް ޖެހެނީ ދަރަނީގެ އެތައް ބިލިއަން ޑޮލަރެވެ. މިއީ ތަރައްގީ އެއް ނޫނެވެ. މިއީ ދަރަނިވެރި ކަމާއި އަޅުވެތިކަމާއި މަލާމާތެވެ. މިއަހަރު މިތެއް ރިސޯރޓް އަލަށް ހުޅުވައިފިއޭ ބުނުމުން އާދައިގެ ދިވެހި މީހާއަށް އޮތީ ކޮން އުފަލެއްތޯއެވެ؟ އެއިން ރިސޯރޓެއްގެ އެންމެ ރެއެއްގެ އަގުވެސް އާދައިގެ ދިވެހި ރައްޔިތެއްގެ އެއް އަހަރުގެ އާމްދަނީއާ ނުބައްދަލެވެ. އެވަރުންވެސް ދިވެހިން ތިބެންވީ ޝުކުރުވެރި ކަމާއެކު އަތްޖަހާލަ ޖަހާލާ ތޯއެވެ. މާލޭގެ މިވެނި ބިމެއްގައި 25 ބުރީގެ މިތެއް އިމާރާތް ކޮށް، ލަގްޒަރީ އެޕާރޓްމެންޓް ބްލޮކްތައް ބިނާ ކުރުމަށް ބިންގާ އެޅުމުން އާދައިގެ ރާއްޖެތެރޭ މީހާ އުފަލުންގޮސް ސިޔާސީ ބޭފުޅުންނަށް ވޯޓުދޭކަށް ނުޖެހެއެވެ. ފަންސަވީސް ބުރީގެ ކޮންމެ އިމާރާތައެްގެ އަގަކީ ރާއްޖެތެރޭގެ މުޅި އަތޮޅެއްގައި ދާއިމީ އެތައް ވަޒީފާއެއް އުފެއްދިދާނެ ފައިސާއެވެ. އެކަން ރާއްޖެތެރޭ މީހާއަށް ކޮށްނުދީ މާލޭގެ ކުޑަ ބިންކޮޅު އުޑާހަމައަށް ނެގުމަކީ ރައްޔިތުމީހާ އެދޭ ތަރައްޤީ އެއް ނޫނެވެ. މިކަން ބަދަލު ކުރެވޭފަދަ "ސަލާހުދީނުލް އައްޔޫބީ" އެއް މިޤައުމުގެ ސިޔާސީ މަސްރަހަށް ނިކުންނަން އެބަ ޖެހެއެވެ.

ޒަމާނުއްސުރެ ދިވެހީންނަކީ ކޮންމެ މީހަކަށް ދައުލަތުން ހިލޭ ބަންޑާރަ ބިން ދިނުމުން އެބިންތަކުގައި ގެދޮރުއަޅައިގެން ދިރިއުޅެމުން އައި ބައެކެވެ. މިޤައުމަށް ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއް ދިނުމުގެ ގޮތުން، ކައިވެނި ކުރާ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެން ވިއަސް ފިރިހެން ވިއަސް، މަދުވެގެން 1000 އަކަފޫޓުގެ ބަންޑާރަ ބިމެއް ހިލޭ ދޭންކެރެނެ ވެރިއެކެވެ. މުއްސަންތި ދިވެހީންނަށާއި ބިދޭސީ މަހުޖަނުންނަށް ރާއްޖޭގެ ބިމުގައި ލަގްޒަރީ އެޕާރޓްމެންޓް ބްލޮކް އަޅައިދޭނެ ވެރިއެއް ނޫނެވެ. މިފަދަ ބަންޑާރަ ބިންކޮޅެއް ދިނުމުން ކޮންމެ ދިވެހި ރައްޔިތަކީ ވެސް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއްގެ މިލްކު ވެރިއަކަށް ވެއެވެ. ދިވެހި ޤައުމާއި ދިވެހި ބިމަކީ ދިވެހީންގެ މިލްކެއް ކަމުގައިވާ ހިނދު، ކޮންމެ މީހެއްގެ ވެސް ބިމެއް އޮތުމަކީ މިދެންނެވި މިލްކުވެރިކަމުގެ ރަމްޒެކެވެ. އެމީހަކު ރައްވެހި ވެފައިވާ ރަށުން ބިން ހުސްވެފައިވާނަމަ ބިންއޮތް އެހެން ރަށަކުން ނަމަވެސް މިގޮތަށް ބިން ދެވިދާނެއެވެ. މިގޮތަށް ބިން ދެވުނުކަމުގައި ވިއަސް މިހާރު ހިންގާ ސޯޝަލް އަދި ވިޔަފާރީގެ ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދެވިދާނެއެވެ.

ބޮލަކަށް ތިރީސް ހާސް ޑޮލަރު ޖެހިއްޖެޔޭ ބުނާއިރު، ޤައުމު ތަރައްޤީ ކުރުމުގެ މާނާގައި ބޮޑެތި އިންޓަރެސްޓް (ރިބާ) ހިމެނޭ ދަރަނި ނަގަނީ ސުމާރެއް ބެލުމެއް ނެތިއެވެ. މިފަދަ ބިޔަ ލޯނުގެ ފައިސާއިން ކޮންމެވެސް ކަމެއް ކޮއްލާފަ ދެން ވާނުވާއެއް ނޭގެއެވެ. އެދަރަނި ދައްކަން ޖެހެނީ ދެއް އަންނަ ޖީލެއްގެ ދަރީންނެވެ. މިއީ ޅަދަރީން ދަރަނިވެރި ކުރުވުން ނޫން ދެން ކޮންކަމެއްތޯއެވެ؟

އެކެއްގެ މުށުތެރެއަށް ގޮސްފައިވާ ތިން ބާރި ވަކިކޮށް، މަޖުލިހުގެ ރައީސާއި ފަނޑިޔާރުންނަކީ ރައްޔިތުން ހޮވާ، ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދައިދޭނެ ވަރިއަކު އެބަ ބެނުންވެއެވެ. ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމެކެވެ. އެއީ ހަޤީގަތުގައި ރައީސެއްވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! އެފަދަ ވެރިއަކު އަދި މިހާތަނަށް ދިވެހި ސިޔާސީ އުދަރެހަކުން ނުފެނެއެވެ. ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލަކު ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށްޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެއެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދައިންނެވެ: "ކޮބާހޭ އެފަދަ ސަލާހުދީނުލް އައްޔޫބީ އެއް؟"