Last Updated: October 25, 22:51
Sunday, October 25, 2020
ރިޕޯޓް

ކޮލަމް: އާމިނަގެ ދަރިޔާއަށް ފެނުނު ހުވަފެން!

ނާސްތާއެއް ކޮށްލުމުގެ އެދުމުގައި އާމިނަގެ ދަރިޔާ ކޮންމެވެސް ކެފޭއަކަށް ދިޔައިރު ޑަމްޕަރަ އަހައްމާމެން އެއްވެގެން ވަރުގަދަ ޒުވާބެއް ފަށައިގެން އެބައުޅެއެވެ. މިކިޔާ އެެއްޗަކީ ރީރަޖިސްޓްރޭޝަނޭ ނުކުޅެދޭ މީހުންގެ ވޯޓޭ އިލެކްޝަންސް ކޮމިޝަނޭ އެވެ. ފޮރުއްޕާކަށް ނެތޭ ވައްކަން ކުރަނީޔޭ އިތުބާރެއް ނެތޭވެސް ކިޔައެވެ. މުޅި ވާހަކައިގެ މުރާދަކީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު އެތިބަ މެންބަރުންގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިޚާބެއް ނުލިބޭނެ ވާހަކައެވެ.

ދަރިޔާ ހަމަފެނުމާއެކު ބައެއް މީހުން ބުންޏެވެ. މިހިރަ އަންނަނީ ބެއްޔާއެވެ. މީނާގެ ފިކުރުވެސް އަޑުއަހައިލަމާ ބަހީއެވެ. ދަރިޔާ މިތާކުން ގޮނޑިއަކަށް ފޫހަރައިލައިފައި އެންމެންގެ މޫނަށް ވަކިވަކިން ބަލައިފައި ބުންޏެވެ. ކުދީންނޭވެ. ބެއްޔާއަށް ރޭ ނިކަން ވަރުގަދަ ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެން ތިޔަކުދީންނަށް ކިޔައިދިނީމާ އިލެކްޝަންސް ކޮމިޝަނޭ ކިޔައިގެން ދެން ތިޔަ ދައްކާ ވާހަކަ ބަދަލުވެދާނެޔޭވެސް ހީވެއެވެ. ދެން ނުވިޔަސް ފަރުވާލެއް ނެތެވެ. މިކިޔައިދެނީއެވެ.

ހުވަފެނުގައި ބެއްޔާއަށް ދެވުނީ މުސްތަގުބަލުގެ ކޮންމެވެސް ދުވަހަކަށެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު ސައުވީސްވަނަ ދުވަހުގެ ހެނދުނަށެވެ. ޓީވީން ގޮވައެވެ. ރިޝްވަތުގެ ތުހުމަތުގައި މިވެނި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކާއި ވިލާތު މީހުން ގުޅިގެން ރާއްޖޭގެ އިންތިޚާބު ހަލައިލުމަށް ހުތުރު ފައިސާ ބޭނުންކޮށްފިއެވެ. ފުލުހުން އިލެކްޝަންސް ކޮމިޝަނަށް ވަދެއްޖެއެވެ. ވަދެވުނީ ފުރާޅުން ޓިނުކޮޅެއްވެސް ނައްޓާލައިގެންނެވެ. އެވެނި ގެޔަކުން ކަޅުފޮށްޓެއް ވެސް ނެރެފިއެވެ. އިންތިޚާބު އޮޅުވައިލިގޮތުގެ ތަފްސީލު ހުރީވެސް އެފޮށީގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ފޯނުތައްވެސް އަތުލައިފިއެވެ. ޕިންކޯޑު ޖަހައި ނުދޭންވެސް އުޅުނެވެ. އެކަމަކުވެސް ހުޅުވައިގެން ބަލައިފިއެވެ. ފައިސާގެ މުއާމަލާތުގެ މަގު ޗާޓު ހުރީ އޭގައެވެ. ވިލާތުގެ އެކި ސަހަރުތަކުން ލައްކަ ގިނަ ބިންބިމާއި ފެކްޓަރީވެސް އެވެރިންގެ މިލްކިއްޔާތަށް ވަނީ ވަދެފައެވެ. އެހެންވީމާ ގައުމުގެ އިސްތިގުލާލާއި ގާނޫނީ ހުކޫމަތުގެ ހައްގުގައި ހާކިމާ ވަނީ މިވަގުތުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައެވެ. އެ މުއްދަތުގެ ތެރޭގައި މިދިވެހިރާއްޖޭގައި ލިޔެވިފައި ހުރިއްޔާ ހުރި އެންމެހައި ގާނޫނުތަކާއި އެގާނޫނުތަކުން ލިބިދޭ ހައްގުތައް އޮންނާނީ ހިފެހެއްޓިފައެވެ.

މިކަން މިމަގުން ކުރެވޭނޭ ކަމުގެ ގާނޫނީ ލަފާ ބަންޑާރަ ނާއިބާއި އެވެނި ވަޒީރަކުވެސް ދެއްވައިފިއެވެ. އިއްޔެ ރައްޔިތުން ފޮށިތަކަށް އެޅި ވޯޓު ކަރުދާހަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަކަރު ހަދައިފައެވެ. އިދިކޮޅު ކެންޑިޑޭޓަށް ހަތްދިހަ އިންސައްތަ ވޯޓު ލިބުނުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާބޭހުން އެފެންނަ ފެނުމަކީ ގޯހެކެވެ. ޑޭޓާބޭސް ކޮންޓްރޯލްކުރަނީ ވިލާތުގައި ހުރި ކޮންމެވެސް ދިވެއްސެކެވެ. ހަގީގީ ނަތީޖާއަކީ ސަރުކާރަށް ނުވަދިހަ އިންސައްތަ އަދި އިދިކޮޅު ކޯލިޝަނަށް ނުވަ އިންސައްތަ އަދި ބާތިލު އެކެއް އިންސައްތައެވެ. މިއަދަދުތައް ސައްހަކަމަށް ޗައިނާއާއި ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރުންވެސް ވިދާޅުވެއްޖެއެވެ. ރަނިންމޭޓު ފަތުވާ ނެރުއްވައިފިއެވެ. އަފުރެމެން ދެން މިކަންކުރާނީ ޚަލީފާއިންގެ ޒަމާނުގައިވެސް މިކަންކުރި ގޮތަށް ބައިއަތު ހިފައިގެންނެވެ. ކަރުދާހުގައި ވޯޓުލުމަކީ ބާތިލް ގޮތެކެވެ. ފަސާދަޔަށް މަގުފަހިވާ ގޮތެކެވެ. އެހެންވީމާ ރައްޔިތުންގެ މަންދޫބުން ދަރުބާރުގެޔަށްގޮސް ހާކިމާގެ ފައިންޕުޅުދެކެ ބައިއަތު ހިފީމާ ނިމުނީއެވެ. މިއީ އެންމެ ސައްހަގޮތްކަމަށް އިސްލާމިކް މިނިސްޓްރީންވެސް ނިންމަައިފިއެވެ. މިރޭ ދަރުބާރުގޭގައި ބައިއަތު ހިފުން އޮންނާނެއެވެ.

ރައްޔިތުންގެ ފަރާތުން މަންދޫބުންގެ ގޮތުގައި ވަޑައިގަންނަވާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މިވަގުތު މަޖިލީހަށް ވަދެވޭ މެންބަރުންނެވެ. ބައިއަތު ހިފުމަށްފަހު އެންމެ އިހުޒަމާނުގައި ވެސް މިކަން އޮންނަ ގޮތަށް ހާކިމާ ހުވައި ކުރައްވާނެއެވެ. ކުރައްވާނީ އުމުރަށް ހާކިމާކަމުގައި ދެމިހުރުމުގެ ހުވަޔެވެ. އެހުވާ މިހާރު ޑްރާފްޓު ކުރުމުގެ މަސައްކަތް ހައްދުންމަތީ މީހަކު އެބަކުރައްވައެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަނީ ދޫނިދޫއަށް ގެންދެވިފައެވެ. އެމީހުންނާ ދެކޮޅަށް ނަގާނީ ސިއްރު ހެކިބަހެވެ. މިހިސާބަށް ދަރިޔާގެ ވާހަކަ ދިޔަތަނާ މިތާގައި ތިބި މީހުން ހޯހޯއޭ ދެން ހުއްޓައިލާށޭ ގޮވައި ދަރިޔާގެ އަނގަމަތީގައި އަތް އަޅައިފިއެވެ. މީނާގެ ވާހަކަ ހުއްޓުނީމާ ޑަމްޕަރަ އަހައްމާ ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބިރުގަންނަ ކަންތައް ބެއްޔާ އެބުނީއެވެ.

ވޯޓަކުން ނުހޮވުނީމާ ދެން ގޯސްވާނީ އިލެކްޝަންސް ކޮމިޝަނެވެ. އެހެންވީމާ އެވެރިންވެސް ބިރުގަންނާނެތާއެވެ. ޖާނު ސަލާމަތް ކުރުމަށް ކޮށްފައި ނުކުރާކަށް ހަމައެއްކަމެއްވެސް ނުބާއްވާނެތާއެވެ. ބެއްޔާގެ ތިޔަ ހުވަފެން ސީދާ ނުވުމަށް އަހަރެން އެދެމެވެ. ނަމާދުނުކޮށް ޝަހާދަތް ނުކިޔައި އޮވެ ނިދާ މީހަކަށް ދެން ސީދާ ހުވަފެނެއް ނުވެސް ފެންނާނެތާއެވެ.