Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކުފުރުވާ ފަދަ ވާހަކަ ނުދައްކަން ޔާމީނަށް ގޮވާލައިފި

އިސްލާމް ދީނާއި ގުޅޭގޮތުން ކުފުރުވާ ޒާތުގެ ވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށް އަދާލަތު ޕާޓީން ރައީސް ޔާމީނަށް ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިގޮތަށް ގޮވާލާފައި މިވަނީ، ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދީކުރި ޓްވީޓެއްގައެވެ.

އަދާލަތުން ބުނެފައިވަނީ، ރާއްޖެއަކީ 100 ޕަސަންޓު މުސްލިމުން އުޅޭ ގައުމަކަށްވާއިރު ދިވެހި ޒުވާނުންގެ ތެރެއިން ޝަރީކު ކުރާ ޒުވާނުން މަދުނޫން ކަމަށް ބުނެ ރައީސް ޔާމިން ގިނަ ޒުވާނުންގެ ބޮލުގައި ކުފުރުގެ އިލްޒާމް އެޅުވުމަކީ އެ ޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީނަކީ "މުސްލިމުން ދައްކަން ކަމުނުދާ ކަހަލަ ދީނާ ހިލާފް އެތައް ވާހަކަ ތަކެއް ދައްކާ ޒުވާނުންނަށް ނުރަގަނޅު ނަމޫނާއަކަށްވެ ހުރެ، ޒުވާނުން ބަދުނާމުކުރުމުގެ ބަދަލުގައި މުސްލިމު ވެރިން ވާން ޖެހޭނީ ޒުވާނުންނަށް ހެޔޮ ނަމޫނާ ދައްކާ ވެރިންނަށް" ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މަގުދައްކާ ބަޔަކަށް ވެރިން ވާން ޖެހޭނެ ކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.