Last Updated: April 19, 18:52
Friday, April 19, 2024
މުނިފޫހިފިލުވުން

"ސަރްފަރޯޝް" ގެ ސީކްއެލްގައި ޖޯން

މީގެ 19 އަހަރު ކުރިން އާމިރް ހާން ކުޅުނު ކާމިޔާބު ފިލްމް "ސަރްފަރޯޝް" ގެ ދެވަނަ ބަޔަށް ޖޯން އަބްރަހަމް ސޮއިކޮށްފި އެވެ.

އެ ފިލްމަށް ސޮއި ކުރިކަން ޖޯން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.

ފިލްމްގެ ޑައިރެކްޓަރު ޖޯން މެތިއު މަތަން ބުނި ގޮތުގައި އޭނާ މިހާރު އަންނަނީ "ސަރްފަރޯޝް 2" ގެ ސްކްރިޕްޓް ލިޔަމުންނެވެ. އަދި އެ މަސައްކަތް ނިމި، ޖޯން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމްތަކަށް ވަގުތު ދީ ނިމުމުން ފިލްމްގެ ޝޫޓިން ފަށާނެ ކަމަށް މެތިއު ބުންޏެވެ.

ނަމަވެސް ޖޯން ފިޔަވައި ފިލްމްގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

އާމިރް ފުލުހެއްގެ ރޯލް ކުޅުނު "ސަރްފަރޯޝް" ގެ ކާސްޓުންގެ ތެރޭގައި ސޮނާލީ ބެންޑްރޭ އާއި ނަސީރުއްދީން ޝާހް ހިމެނެ އެވެ.

މީގެ ދެވަނަ ބަޔަށް ޖޯން ސޮއި ކުރި އިރު މި މަހުގެ 15 ގައި ރިލީޒް ކުރާ "ސަތިޔަމޭވް ޖަޔަތޭ" އިން އޭނާ ފެނިގެން ދާނެ އެވެ. ޖޯން ބުނި ގޮތުގައި "ސަރްފަރޯޝް 2" ގެ މައިގަނޑު ޕްލޮޓް ފުރަތަމަ ބަޔާ އެއްގޮތް ވިޔަސް، މީގެ ކެރެކްޓާތައް ތަފާތު ވާނެ ކަމަށް ބުންޏެވެ.

އަދި މި ފިލްމް ކުޅެން ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށް ބުންޏެވެ.

ޖޯންގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އާއި "ބަތުލާ" ހިމެނެ އެވެ.

އޭނާ އެންމެ ފަހުންނ ފެނިފައި ވަނީ ޖޫން މަހު ރިލީޒް ކުރި "ޕަރްމަނޫ" އިންނެވެ.