ޚަބަރު

އިތުރު ދައުރަކަށް ކޮންގޯގެ ރައީސް ވާދައެއް ނުކުރާނެ

ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ޔޫސުފް ކަބީލާ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަން ހާމަކުރައްވައިފިއެވެ.

ރައީސް ކަބީލާ ވަނީ އޭނާގެ ބަދަލުގައި ޕީޕަލްސް ޕާޓީ ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިމޮކްރަސީ (ޕީޕީއާރްޑީ)ގެ ފަރާތުން އެހެން ބޭފުޅަކު ވާދަކުރަން ފުރުސަތު ދެއްވާފައެވެ.

އެބޭފުޅަކީ، ކަބީލާގެ ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު ކަމުގައި ހުރި އެމަނުއެލް ރަމްޒާނީ އެވެ.

ރައީސް ކަބީލާގެ މިފަދަ ނިންމުމެއް ނިންމަވާފައި މިވަނީ، ރިޔާސީ ދައުރު އިތުރުކުރެއްވުމުގެ ވިސްނުމެއް އޭނާ ގެންގުޅުއްވާ ކަމަށް ވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ.

ރައީސް ކަބީލާ ވެރިކަމަށް ވަޑައިގެންނެވީ 2001 ވަނަ އަހަރު އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލި ހާދިސާއަށް ފަހުއެވެ.

2016 ވަނަ އަހަރުގެ ނިޔަލަށް، ރައީސް ކަބީލާގެ ދައުރު ނިމުނު ނަމަވެސް އޭނާ ވަނީ ވެރިކަމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. އޭގެ ސަބަބުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

އެހެން ނަމަވެސް، ރައީސް ކަބީލާ އިތުރު ދައުރަކަށް ކުރިމަތި ނުލައްވަން ނިންމެވުމާއި އެކު، ކޮންގޯއަށް ސިޔާސީ ހަމަޖެހުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.