Last Updated: May 4, 16:54
Saturday, May 4, 2024
ޚަބަރު

ކެމްޕޭނަށް ޝަހީމް މާދަމާ ފުވައްމުލަކަށް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭނަށް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނާ ވަނީ ކުރިން ދެކުނުގެ އަތޮޅުތަކުގެ ތެރެއިން އުފަން އަތޮޅު ގއ ގައި ކެމްޕޭން ކުރައްވައިފަ އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވަމުލަކުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަށް މާދަމާ އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ދާދި ފަހުން ރާއްޖޭން ބޭރުގައި ވެސް ކެމްޕޭން ކުރައްވައިފަ އެވެ.

ޝަހީމް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާ އިރު، ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުގައި ވާދަ ކުރައްވަން މިއަދު ރަސްމީކޮށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅައިފަ އެވެ.

ރައީސް ޔާމީން މި ހަފުތާގައި ގދ އާއި ގއ. ކުރެއްވި ދަތުރުފުޅު ނިންމަވާލައި މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.