ޚަބަރު

ސައުދީ ކޯލިޝަނުގެ ހަމަލާއެއްގައި ޤުރުއާން ކްލާހަކަށް ދިޔަ ދަރިވަރުންތަކެއް މަރުވެއްޖެ

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަމަލާތައް ދިނުމަށް އަރަބި ބައެއް ގައުމުތަކާ ގުޅިގެން ސައުދީން އުފައްދާފައިވާ ކޯލިޝަނުން ވައިގެ މަގުން ހަމަލާދީ، ޤުރުއާން ކްލާހެއްގެ ދަރިވަރުން ގޮވައިގެން ދިޔަ ބަހަކުން ދަތުރުކުރި 43 މީހަކު މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް 10 އަހަރުން ދަށުގެ ކުޑަކުދިން ހިމެނެއެވެ.

ޔަމަނުގެ ސާދާ ޕްރޮވިންސްގެ ހެލްތް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޣަނީ ނަޔޭބް ބުނި ގޮތުގައި މި ހަމަލާގައި 43 މީހަކު މަރުވެފައިވާއިރު 61 މީހަކު ވަނީ ޒަޚަމްވެފައެވެ.

މިހަމަލާގެ ސަބަބުން ސައުދީ އަރަބިއްޔާ އިސްވެ އުފައްދާފައިވާ ކޯލިޝަނަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެ ހަމަލާގެ ދިފާޢުގައި ސައުދީން ވަނީ ވާހަކަ ދައްކާފައެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މިސައިލު ހަމަލާތައް ދިނުމަށް ބޭނުންކުރާ ތަންތަނަށް ކަމަށެވެ.

އެހެން ނަމަވެސް 'އަލްޖަޒީރާ" އާއި ވާހަކަ ދައްކަމުން ޔަމަންގެ ނޫސްވެރިއެއް ކަމަށްވާ ނަސީރް އައްރާބީ ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ސައުދޫ ކޯލިޝަނުން ވައިގެ ހަމަލާތައް ދިން ސަރަހައްުދުގައި ހޫތީ ހަނގުރާމަވެރިން އެއްވެސް ވަރަކަށް ނެތް ކަމަށެވެ.