ޚަބަރު

އެމްޑީޕީ ޖަގަހައަކަށް ވަދެ ހަމަނުޖެހުން ހިންގައިފި

އައްޑޫ ސިޓީ މަރަދޫ އަވަށުގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޖަގަހައަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ މާރާމާރީ ހިންގައި އެތަނަށް ގެއްލުންތަކެއް ދީފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން މަރަދޫ އެމްޑީޕީ އޮފީހުގެ އޮފިޝަލަކު ބުނިގޮތުގައި 6 މީހުންގެ ގްރޫޕަކުން ދަގަނޑު ބުރިތަކެއް ހިފައިގެން އެ ޖަގަހައަށް ވަދެ ހަމަނުޖެހުން ހިންގީ ރޭ 11 ޖަހާއެކަށް ހާއިރު ކަމަށެވެ.

މިހާދިސާ ހިނގި އިރު މަރަދޫ އެމްޑީޕީ ޖަގަހައިގައި ކޮންމެވެސް ވަރަކަށް އަންހެން އެކްޓިވިސްޓުންނާއި ދޮށީ އުމުރުގެ މީހުން ވެސް ތިބިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ގްރޫޕުން ވަނީ ދަގަނޑު ބުރިތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.

ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެމީހުންނަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި މަރަދޫ ސިއްހީ މަރުކަޒުގައި ވެސް ފަރުވާދީފައެވެ.

ދަގަނޑު ބުރިތައް ހިފައިގެން އައި ގްރޫޕުން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި ޖަގަހައިގެ އެތެރޭގައި ހުރި ސައުންޑް ސިސްޓަމުގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.

ރޭގެ މި ހާދިސާ އާއި ބެހޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އައްޑޫގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރަށް ވަރުގަދަ ކޮށްފައިވާއިރު، މާދަމާ ހަވީރު ވެހިކަލް ބުރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.