Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: އިބޫ އާއި ފައިސަލްގެ ފަރާތުން އައްޑޫ ރައްޔިތުން އަޑުއަހަން ބޭނުންވާ ވައުދުތައް!

ޔާމިނުގެ ސަރުކާރުން އައްޔަން ކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯރޓްތަކަށް އެކަނި ބަލާލިއަސް މިސަރުކާރުގައި ކޮރަޕްޝަން މޫލާފައިވާ ވަރު ވަރަށް ސާފުކޮށް އެގެއެވެ. ސިޔާސީ ކުށްވެރީން ޖަލުތަކަށްލައި ފުރާލާފައިވާ ކަމުން އަދުލު އިންސާފުގެ ދާއިރާ ބޮއްސުންލާފައިވާ މިންވަރު އެގެއެވެ. ދިވެހީންގެ ގިނަ ބަޔަކު ބޭނުންވަނީ ހިތްތިރި، ޙުލްގު ހެޔޮ، ކެތްތެރި ވެރިއެކެވެ. ބޮޑާކަމާއި އެކު ދިއްކޮށްލާ އެއްހާސް ރުފިޔާއަށްވުރެ ލޯތްބާއެކު ދިއްކޮށްލާ ދިހަރުފިޔާގެ އަގުވެސް ރައްޔިތުން ކުރިމަތީ މާބޮޑުވާނެއެވެ.

ހުރިހާ ތަރައްޤީއެއް މާލޭ ސަރަހައްދަށް ގެނެސް، ބްރިޖާއި ފަންސަވީސް ބުރީގެ އުސް އިމާރާތްތަކާއި ޕާރކްތައް މާލޭގައި ހެދިއަސް ރާއްޖެތެރޭގެ ރައްޔިތު މީހާއަށް ހުރި ފައިދާއެއް ނެތެވެ. މިސާލަކަށް، އައްޑު އަތޮޅުގެ ޗަކަ މަގުތަކުގައި ބަކަ ތަޅަމުން ވަޒީފާއަށްދާ ރައްޔިތުމީހާއަށް ސިނަމާލެ ބްރިޖް ހުޅުވުމުން، ނުވަތަ މާލޭގެ ހައިވޭތަކުގައި ތާރު އެޅުމަކުން ލިބޭނެ އުފަލެއް ނެތެވެ.

ދާދިފަހުން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޔާމިން ވިދާޅުވެފައިވަނީ ހުވަދު އަތޮޅުގެ އެއަރޕޯރޓެއް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރައްވާނެ ކަމަށެވެ. ހުވަދޫ ރައްޔިތުނަނަށް ތަރައްޤީ އެދިގެން އިޙްލާސްތެރިކަމާއި އެކު ވެވަޑައިގަތް ވައުދަކަށްވުރެ ބޮޑަށް އެއީ އައްޑޫ ރައްޔިތުނަށް ކުރެއްވި ޖެއްސުމެކެވެ. އައްޑު އަތޮޅުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ދުރު ރާސްތާއެއްގެ ތަރައްޤީގެ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދެވޭނީ އަތަނަކީ ދެކުނު ސަރަހައްދުގެ ވައިގެ މައި މަރުކަޒު ނުވަތަ ހަބް ކަމުގައި ހަދައިގެންނެވެ. ހުވަދޫ އަތޮޅުގެ އެއަރޕޯރޓެއް ބައިނަލްއަޤްވާމީ ކުރުމުން ސ.ގަމަށް ކުރާ ބައިންލްއަޤްވާމީ ދަތުރުތަށް ބޮޑުތަނުން މަދުވެ، އައްޑުގެ ތަރައްޤީ ވަޅުޖެހޭނެއެވެ. މިއީ މިކަން މިހެންވާނެކަން އެގިވަޑައިގެން ހުންނަވައި، އައްޑުގެ ރައްޔިތުނަނަށް ޖެއްސުމުގެ ގޮތުން ރައީސް ޔާމިން ދެއްކެވި ވާހަކައެއް ކަން ކަށަވަރެވެ.

އައްޑޫ އަތޮޅުގެ ރަށްތަކުގެ ޗަކަ މަގުތަކުގައި ރައްޔިތުން ބަކަތަޅާ އިރު މާކުދި ރަށްތަކުގެ ހުރިހާ މަގެއްގައި ތާރުއަޅައި ނިންމަނީ ތަރައްޤީގެ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭގެއެވެ. މާކުދި ރަށް ރަށުގެ ބަނދަރުތައް ޒަނާނީ ފެންވަރަށް ހަދައި ނިންމަމުން ދާއިރު އައްޑު އަތޮޅުގެ ވެރިރަށް، ހިތަދޫގެ ބަނދަރު އެއޮތީ އެއްވެސް އިންތިޒާމެއްނެތި ވީރާނާވާން ދުކޮށްލާފައެވެ.

ސިލޯނު ސަރުކާރުގެ ހިލޭ އެހީގައި މިދިޔަ އަހަރު ހަދައި ނިންމި ފޭދޫ އާއި މަރަދޫގެ ބޮޑުމަގު މިހާރުއެވަނީ ފާހާނާ ހޮޅި ވަޅުލާންށޭ ކިޔާފައި މަގުގެ މެދުން ތާރުގަނޑު ކަނޑައި މުޅި މަގު ގަޑުބަޑު ކޮށްފައެވެ. މިދިޔަ އަހަރު އެމަގު ހަދާ ނިންމި އިރުވެސް ފާހާނާ ހޮޅި ވަޅުލާން ޖެހޭނެކަން އެގޭނެއެވެ. މިއީ ސިކުނޑި ދުމަށް އަރައިގެން ގޮސްފައިވާ މީހުން ގެންނަ ވައްތަރުގެ ތަރައްޤީ އެވެ. ނޫންނަމަ ޒާތީ ހަސަދަ ފިލުވުމުގެ ގޮތުން އެގިތިބެގެން ދޭ އަނިޔާ އެވެ.

ޔާމީން އަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ރިއާސީ ދައުރު ނިމިގެން ދާއިރު އައްޑު އަތޮޅުގެ ރައްޔިތުންނަށް ކޮއްދިން މާބޮޑު ކަމެއް ނެތެވެ. ގެސްޓް ހައުސްގެ ވައުދެއް ނުފުއްދުނެވެ. ގަމުގެ ވައިގެ ބަނދަރުގެ ހިއްސާ ޗަމްޕާ އަފީފަށްވިއްކުމަށްފަހު ގެންނާނެ ކަމަށް ވައުދުވި އެއްވެސް ތަރައްޤީއެއް ނުގެނެވެއެވެ. ގަމަށް ޖައްސާ ހަމައެކަނި ބައިނަލްއަޤްވާމީ ޝެޑިއުލް ފްލައިޓް ކަމުގައިވާ ޝްރީލަންކަން ވެސް ގަމަށް އެދަތުރު ކުރަނީ އިނަރމޯލްޑިވްސް ފިރާގާއި ޗަމްޕާ އަފީފްގެ ބުރަ މަސައްކަތުންނެވެ. ޓީ.އެމް.އޭ އިން ގަމުގައި ތަރައްގީ ކުރަން މަސައްކަތް ކުރި ސީޕްލޭން ބޭސް ވެސް ހިދުމަތް ފެށުމަށްފަހު އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލީ ސަރުކާރުން ގަމުގެ ވައިގެ ބަނދަރާއި އައްޑޫގެ ފަތުރުވެރިކަމުގެ ތަރައްޤީއަށް އެދެވޭ މަސައްކަތްތަކެއް ނުކުރާތީ އެވެ.

ރައީސް ނާސިރުވެސް، އިންގިރޭސީން އައްޑޫއިން ފޭބުމުން އައްޑު އަތޮޅު ސުންނާފަތި ކުރެވީ އެވެ. ރައީސް މައުމޫނުވެސް އައްޑުއަށް ގެންނެވީ ފިނިހަކަ ދުވެލީގެ ތަރައްޤީއެވެ. ތިން ފިޔަވަޅު ކުރިއަށް އެޅިއްޔާ ދެފިޔަވަޅު ފަހަތަށް އަޅާ ވައްތަރުގެ ތަރައްޤީއެވެ. ރައީސް ނަޝީދު އައްޑު އަތޮޅަށް ކަންތައްތަކެއް ކޮށްދެއްވިއެވެ. ނަމަވެސް ކޮންވެންޝަން ސެންޓަރުގެ މަޝްރޫއާއެކު އައްޑުއަށް އައީ ކޮރަޕްޝަނުގެ އީދެކެވެ. ނުކުރާ ލޯންޗް ދަތުރުތަކަށް މިލިއަނުން ބިލް ކުރުމާއި، ކުއްޔަށް ނުހިފާ ގޭގެއަށް މިލިނަނުން ކުލި ނެގުންފަދަ ކޮރަޕްޝަނެވެ. އެދުވަސްވަރު ހިތަދޫގެ ބޮޑުމަގުގެ މެދުގައި ހައްދާފައި ހުރި ހިޔާދޭ ގަސްތައް އެއްވެސް ވިސްނުމެއްނެތި ކަނޑާ ބިމާހަމަކޮށް، ބޮޑުމަގުގައި ތާރުއެޅިއިރު ދެފަރާތުން މާފުޅާކޮށް ދުވާރު ހަދައި ނިންމިއިރު ހިތަދޫ ބޮޑުމަގަކީ މުޅިރާއްޖޭގައިވެސް ތާރުއަޅައިގެން ހަދާފައިއޮތް އެންމެ ހަޑި މަގެވެ! އެއަށްފަހު ދެންއައީ ރައީސް ޔާމިނުގެ ފަސްއަހަރެވެ.

އައްޑޫ ރައްޔިތުނަނަކީ ޔާމިނުގެ އެއްބަނޑު އެއްބަފާ އަޙުންނެއް ނޫންކަން ސާބިތު ކޮށްދެއްވައިފިއެވެ. އަދިކިއެއްތަ އައްޑޫ މީހުނަނަކީ ޔާމިނުގެ އެއްބަފާ މީހުންފަދައެވެ. އެއްބަފާ މީހުން ތިބޭނީ ހުރަގޭގަ ނުވަތަ ބިކަ ހާލުގައެވެ! ހިތަދޫގެ ކަޅިބިއްފަރާތުގެ ގެތަކަށް ބަލައިލުމުން، ނުވަތަ ސ.ހުޅުދޫގެ ގަތަކަށް ބަލައިލުމުން އައްޑު އަތޮޅުގެ ގިނަ ރައްޔިތުންގެ ފަގީރުކަމާއި ނިކަމެތި ހާލު ފެނިގެންދާނެއެވެ. މައުމޫނުގެ ވެރިކަމުގައި އެއޮތީ މާމޮޅު ލިންކް ރޯޑެއް ހަދާފައެވެ. އަމާބުނީތީ ފަރަށް ދިޔަ މީހަކުވެސް އެއަށްވުރެ ރަނގަޅަށް އެކަން ކުރީހެވެ. ހުރިހާ ސަރުކާރަކުންވެސް އައްޑޫ ރައްޔިތުނަނާ މެދު ގެންގުޅުނީ ހަސަދަވެރިކަމާއި ޖެއްސުމުގެ ސިޔާސަތެވެ.

އަނެއްކާވެސް މިއޮތީ ވެރިކަމުގެ އައު ސޮފްހާއެއް ފެށުމުގެ ވަގުތު ކުޑަތަންވެފައެވެ. ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިންގ މޭޓް ފައިސަލް ނަސީމްގެ ފަރާތުން އައްޑޫ ރައްޔިތުން އެދޭ އެދުންތަކެއް ވެއެވެ.

1. ފުރަތަމަ ކަމަކީ ކޮންވެންޝަން ސެންޓަރުގައި މިހާރު ހަދަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސް ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ފުރިހަމަކޮށް، އެމް.އާރ.އައި އާއި ސީ.ޓީ ސްކޭން ވެސް ހެދޭފަދަ ފުރިހަމަ ހޮސްޕިޓަލަކަށް އެތަން ހަދައި އެތަނަކީ ސަދަން ރީޖަނަލް ހޮސްޕިޓަލް ކަމުގައި ހަމަޖެއްސުން.

2. ދެވަނަ ކަމަކީ މިހާރުހިންގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރައިވެޓައިޒްކޮށް، ބީލަމަށް ލައި، އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ ބަޔަކާ އެތަން ހިންގުން ދިގުމުއްދަތަކަށް ޙަވާލު ކުރުން.

3. ތިންވަނަ ކަމަކީ ގަމުގެ ވައިގެ ބަނދަރުގައި ފުރިހަމަ ސީޕްލޭން ބޭސްއެއް ހަދައި ގަމަކީ ދެކުނު ސަރަހައްދުގެ ވައިގެ މަރުކަޒު ނުވަތަ ދެކުނުގެ ވައިގެ ހަބް ކަމުގައި ހަމަޖައްސައި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ރިސޯރޓްތަކަށް ގަމުގެ ސީޕްލޭން ބޭސްއިން ފަތުރުވެރިން އުފުލޭނެ ގޮތް ހަމަޖެއްސުން.

4. ހަތަރުވަނަ ކަމަކީ ސ.ހިތަދޫ އާއި އެއްފަޅެއްގައިވާ ފަސް ރަށް ކަމުގައިވާ ކޯހެރަ، ކައްބޯހެރަ، ދީރޮނޑި، މާހެރަ އަދި ކުދުމާހެރަ، ރިސޯރޓްތަކުގެ ވޯޓަރބަންގަލޯތަކުގައި ހުނަނަފަދަ، ދަށުން ފެންހިނގާ ފާލަންތަކަކުން ގުޅާލައި، އެސަރަހައްދުގައި "ގެސްޓްހައުސް ސިޓީ" އެއް ތަރައްޤީ ކޮށްދިނުން، އަދި މިދެންނެވި "ގެސްޓްހައުސް ސިޓީ" ގެތެރޭގައި އީދިގަލިކިޅި އާއި ކޯއްޓެގެ ސަރަހައްދުވެސް ހިމެނުން.

5. ފަސްވަނަ ކަމަކީ ގައުކެނޑި ސަރަހައްދުން ބިން ހިއްކައިގެން ސިޓީ ހޮޓަލެއްހަދައި، އެތާގައި އާރޓިފިޝަލް ބީޗެއް ހިމެނޭގޮތައް ތަރައްޤީ ކުރުން.

6. ހަވަނަ ކަމަކީ ސ.ހުޅުދޫ އާއި އެއްފަޅެއްގައިވާ މުލިކެޑެ އާއި ހިކަހެރަ، މިދެރަށް، ރިސޯރޓްގެ ގޮތުގައި ތަރައްޤީ ކުރުން، އަދި ކަނޑިހެރަ އާއި ކުދުކަނޑިހެރަ ފާލަމަކުން ގުޅާލުމަށްފަހު މަތީފެންވަރުގެ އެކްސްކްލޫސިވް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުން.

7. ހަތްވަނަ ކަމަކީ ހިތަދޫގެ ކަޅިބިއްފަރާތުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ބިން ދޫކޮށް، އެސަރަހައްދުގައި ގެސްޓްހައުސްގެ މަޝަރޫއު ހިންގުން.

8. އަށްވަނަ ކަމަކީ ހަންކެޑެ ސަރަހައްދުގައި އާރޓިފިޝަލް ބީޗެއް ހަދައި، ކެފޭ، ރެސްޓޯރެންޓް ހިނަގަން ކުއްޔަށް ބިން ދޫކޮށް، މޫދަށް އެރޭ މީހުން ބޭނުން ކުރަން އެސަރަހައްދުގައި ފާހާނާ އާއި ޗޭންޖިންގް ރޫމް ހަދައި،ބާބެކިއު ސްޓެންޑް ހަދައި، ވޮލީ، ބެޑްމިންގޓަން، ބާސްކެޓް ކުޅެވޭ ގޮތަށް ހަދައި، ކުޑަ ޓާރފް ފުޓުބޯޅަ ދަނޑެއްވެސް އެސަރަހައްދުގައި ގާއިމް ކޮށް، ހަންކެޑެ ބީޗް ސަރަހައްދަކީ ރޭގަނޑުވެސް ބެނުންކުރެވޭ ގޮތަށް ފްލަޑް ލައިޓް ހަރުކުރެވިފައިވާ ސަރަހައްދަކަށް ހެދުން. އަދި ހަންކެޑެގެ މިމަޝްރޫއުގެތެރޭގައި ގެސްޓްހައުސްއެއްވެސް ހިމަނައިގެން ބިޑަށްލުން.

9. ނުވަވަނަ ކަމަކީ އައްޑު އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށްރަށުގެ މަދުވެގެން 50% މަގުތަކުގައި ތާރު އަޅައި، ލިންކް ރޯޑްގައި އިތުރު ތާރުފަށަލައެއް އަޅައި ތަރައްޤީ ކުރުން.

10. ދިހަވަނަ ކަމަކީ ހިތަދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހިޔާވާ ބޮޑެތި ގަސް ހައްދައި، ހިތަދޫ ބަނދަރުގެ ޙިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުން.

11. އެގާރަވަނަ ކަމަކީ ހިތަދޫގެ ބޮޑުމަގު ހިމެނޭ ގޮތަށް، މުހިއްމު، ފުޅާ ހުރިހާ މަގުތަކުގައި ހަދާފައިވާ ޕާރކިންގް ސަރަހައްދުތަކުގައި ހިޔާވާ ގަސް ޖަހައި ރީތިކޮށް ލޭންޑްސްކޭޕް ކުރުން.

12. ބާރަވަނަ ކަމަކީ ހިތަދޫގެ ކަޅިބިއްފަރާތުގެ ބީޗް ހިމާޔަތްކޮށް، ސާފުކޮށް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖައްސައި، އެސަރަހައްދަކީ އާއްމުކޮށް މީހުން މުނިފޫހި ފިލުވުމަށާއި ޕިކްނިކަށް ދެވޭފަދަ ސަރަހައްދަކަށް ހެދުން.

13. ތޭރަވަނަ ކަމަކީ ކޯއްޓޭއިން ފެށިގެން އާރ.އޭ.އެފް އާއި ހަމައަށް ކަޅިބިއްފަރާތުން، ތާރުއަޅައިގެން، ލިންކްރޯޑެއް ހަދައި، އެލިންކްރޯޑުން ދުއްވާފައިދާއިރު މޫދުގެ ރީތި މަންޒަރު ފެނަނަގޮތަށް ލޭންޑްސްކޭޕް ކުރުން.

14. ސާދަވަނަ ކަމަކީ، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އައްޑުއަތޮޅުގައި ހުރި ހުސް ބިންތައް ތަރައްޤީ ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި، ފެނާއި ނަރުދަމާގެ ޙިދުމަތްތައް ފުރިހަމަކޮށް، ކަރަންޓުގެ ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.

15. ފަނަރަވަނަ ކަމަކީ އައްޑު އަތޮޅަށް އިތުރު އިންޑަސްޓްރީ ތަކާއި އިތުރު ވިޔަފާރިތައް ތައާރަފް ކޮށް، މިހާރު ލިބެންހުރި ވަޒިފާގެ އަދަދު މަދުވެގެން ހަތަރު ގުނައަށް އިތުރު ކުރުން.

ޔާމިނުގެ ސަރުކާރުގެ އިޙްލާސްތެރިކަން ހުރިނަމަ މިދެންނެވި ތަރައްޤީގެ ބަދަލުތައް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭ އައްޑުއަށް ގެނެސް ދެވުނީހެވެ. ދެން އިތުރު ފަސް އަހަރުގެ ފުރުސަތެއް މިސަރުކާރަށް ދިނުމަށް އައްޑޫ ރައްޔިތުންގެ ވިސްނުމުގައި ހުރިކަމަކަށް ނުފެނެއެވެ. ސަބަބަކީ އިތުރު ފަސް އަހަރު ދިނަސް ހަސަދަ އާއި ބަދަލު ހިފުމާއި ޖެއްސުމުގެ ސިޔާސަތު ނޫން އެއްޗެއް އައްޑޫއާއި މެދު މިސަރުކާރުން ދައްކާނެ ކަމަށް ނުފެންނާތީ އެވެ. އުއްމީދަކީ އިބޫ އާއި ފައިސްލްގެ ފަރާތުން މިފަދަ ތަފްސީލީ ވައުދުތަކެއް އައްޑޫ އާއި މެދު އަޑުއިވިގެން ދިއުމެވެ. އައްޑޫ ރައްޔިތުން ތިބީ އަޑުއަހާށެވެ!