Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ކޮލަމް: ގާނޫނީ ހުކޫމަތެއްވިއްޔާ އެއްވެސް މީހަކު އިސްތިސްނާ ނުވާނެ!

އިއްތިހާދުގެ ކެންޑިޑޭޓަށް ތާއީދުކުރާ ބޭބެޔަކު ސައިބޯން ކެފޭއެއްގެ ތެރޭގައި އިންދައި އަސުރުމާއޮޅީގެ ކުއްޖަކު އެތަނަށް ގޮސް މިބޭބެ ކޮއްޕާވައްޓައިލައި އަތްބިންދައިލި މައްސަލާގައި ބަޔަކު އަރައިރުންވާން ތިއްބައި އާމިނަގެ ދަރިޔާއަށް ދެވިއްޖެއެވެ.

މިތަނުން އެއްބަޔަކު ބުނެއެވެ. ކޮށްލިވަރު އަދިވެސް ކުޑައީއެވެ. މުސްކުޅިވެ ކަށިފީވެފައިތިބޭ މީހުން ތަންތަނަށް ނިކުތީމާ ވާނެއެތިވީއެވެ. ގޭގައި ހުރިނަމަ ތިޔަހެނެއް ނުވާނެއެވެ. އަސުރުމާއޮޅީގެ ކުއްޖަކާ ވައިއެޅިލިޔަސް ހަދާނީ މިހެންނެވެ. އަނެއްބަޔަކު ބުނެއެވެ. އަނގައިން ކިޔާ ތަކެއްޗަށް ޖަވާބުދޭންވާނީ އަނގައިންނެވެ. އަތްއިސްކުރުމަކީ ގޯހެކެވެ. ކުށްވެރިވާންޖެހޭނީ އަތްއިސްކުރި މީހާއެވެ. އޭނާ އެހެރީ މިނިވަންކޮށް ދޫކޮށްލައިފައެވެ.

މިހިސާބަށް ވާހަކަދިޔުމުން ދަރިޔާއަށް ހިމޭނުން ނުހުރެވިގެން ކިޔައިފިއެވެ. އަޖައިބުހީވެއެވެ. މިދައްކަނީ ގާނޫނީ ހުކޫމަތުގެ ވާހަކައެވެ. އެޒާތުގެ ހުކޫމަތެއްގައި އަނިޔާވެރިން ތިބޭނީ ހުރަގޭގައެވެ. ޖިސްމާނީގޮތުން ތިމާޔަށްވުރެ ދެރަވަރުމީހާގެ ގަޔަށް ބޮލަށް އަރައި އަތާއިފައި ބިންދައި އަނިޔާކުރުމަކީ ގާނޫނުގެ ވެރިކަން ހިނގާ ތަނެއްގައި ހުއްދަ ކަންކަމެއް ނޫނެވެ. މުލައްދަނޑީގެ ބާރަށްވުރެ ބޮޑުވާނީ ފޮތުގެ ބާރެވެ. ދެން ތިޔަ ބުނަނީ އަނިޔާކުރި މީހާ ވީއްލި މިނިވަންވެފައި ހުރި ވާހަކައެވެ. އެހެންވެއްޖެނަމަ މިތާގައި އަހަރެން މިކިޔާ ގާނޫނީ ހުކޫމަތެއް ނެތީއެވެ. އެކަން ވަރަށް ސާފެވެ. ފެށުނީއްސުރެ އަހަރެމެން ދެކޮޅު މިހަދަނީ އެޒާތުގެ ކަންކަމާއެވެ.

ދަރިޔާގެ އަނގައިން މިވާހަކަ ހަމަބޭރުވުމާއެކު މިތަނުން ދެތިން މީހަކު އަތްތިލަބަޑި ތަޅައިގެންފައި ބުންޏެވެ. އަސްތާ ބެެއްޔާ ތިޔައީ ގާނޫނީ ހުކޫމަތާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަން މުޅި މިރަށުންވެސް އެންމެ ކުފޫ ހަމަނުވާ މީހާއެވެ. ތިޔަށްވުރެ ބޮޑު އަނިޔާވެރިޔަކު ފަހުގެ ތާރީޚުގައި ފެނިފައެއްވެސް ނެތެވެ. ހުޅުދޫ އެވެނި މީހެއްގެ ބޮލުގައި ފުނޑާދާއެއްގެ ފޮޔަކުން ޖަހައި ފަޅައިލީ ކަލެއެވެ. މީދޫ އެވެނި ގެއެއްގެ މިވެނި ކުއްޖެއްގެ ބޮލަށް ވަޅިހަރައިލީވެސް ކަލެއެވެ. ހަމައެގޭ އެވެނި ކުއްޖެއްގެ ތުން އަނބުރައިލީވެސް ކަލެއެވެ. މިވެނި ގެއެއްގެ އެވެނި މީހެއްގެ ކަރަށް ވަޅި ހަރައިލީވެސް ކަލެއެވެ. އެހެންވީމާ މުލައްދަނޑީގެ ބާރު ކަމަކުނުދެޔޭ ހިންގަންވާނީ ގާނޫނުގެ ބާރޭ ކިޔައިގެން ވާހަކަދެއްކޭނޭ ޖާގައެއް ހައިސިއްޔަތެއް ކަލެޔަކަށް ނެތެއް ނޫންހެއްޔެވެ.

ދަރިޔާ ބާރަށް ހީގެންފައި ބުންޏެވެ. ތިޔަ ބުނި ހުރިހާ ކަންކަމަކީވެސް އަހަރެން ކުރި ކަންކަމެވެ. އަހަރެން އިއުތިރާފުވެފައި ހުރި ކަންކަމެވެ. ސަރިޔަތުން އޭގެ ހައްގު އަދަބު އަހަރެންނަށް ލިބިފައިހުރި ކަންކަމެވެ. ނާސިރުގެ ދުވަސްވަރު ޗައިނާ ބަގީޗާއޭ ކިޔުނު ޖަލުގައި އަހަރެން އޮތީމެވެ. ގޮއިދޫއޭ ކިޔުނު ރަށަކަށް އަރުވާލެވިގެންވެސް އެތައް ދުވަހަކު ހުރީމެވެ. އެހެރީ ތިޔަ ބުނި ކަންކަމުގެ އަދަބެވެ. މިހިރީ އަދަބުލިބި ފުރިހަމަވެގެންނެވެ. އަހަރެން ކުރި އަނިޔާއެއްވިއްޔާ އިންސާފު އޮތީ ގާއިމުވެނިމިފައެވެ. އަހަރެން މީހެއްގެ ބޮލަށާއި ކަރަށް ވަޅިހެރިކަމަށްވާނަމަ ގާނޫނުގެ ދިގު އަތް އަހަރެންނާ ހަމަޔަށް އޮތީ ފޯރާފައެވެ. މިހާރު ދިމާވެގެން މިއުޅޭ ގޮތަކީ އަނިޔާވެރިންނާ ހަމަޔަށް ގާނޫނުގެ ދިގު އަތް ނުފޯރުމެވެ. ގާނޫނީ ހުކޫމަތެއްވިއްޔާ އާމިނަގެދަރިޔާއާ ހަމަޔަށްވެސް ގާނޫނުގެ ދިގު އަތް ފޯރާނެއެވެ.