Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު ކޮލަމް: އިބޫ/ ފައިސަލްގެ ފަރާތުން އައްޑޫ ރައްޔިތުން އަހަން ބޭނުންވާ ވައުދުތައް-2!

އައްޑު އަތޮޅު ރައްޔިތުންނަކީ އެއަތޮޅުގެ ސިޔާސީ މާޒީގެ އަގު ދައްކަންޖެހިފައިވާ، ދެވަނަ ދަރައިގެ ރައްޔިތުން ކަމުގައި ފާއިތުވި ކޮންމެ ސަރުކާރަކުން ވެސް ވަނީ ދައްކާފައެވެ. އައްޑޫގެ ސިޔާސީ މާޒީގައި، ދިވެހި ދައުލަތުން ވަކިވެ ސުވާދީބް ސަރުކާރު ހެދީވެސް އެއިރުގެ ސަރުކާރުން މިއަތޮޅާމެދު ތަފާތު ކުރުންތައް ގެންގުޅުމުގެ ސަބަބުންނެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަތޮޅުގެ ރައްޔިތުން އަދިވެސް ދަނީ އެކަމުގެ އަގު ދައްކަމުންނެވެ. އަތޮޅުގެ ބިޔަ، ބޮޑު، ހުސް ބިންތައް ފަޅަށެވެ. ރަންގަނޑެއްފަދަ ގަންވެސް އޭގެ އެންމެ ފުރިހަމަ ފައިދާ ނުލިބި ވީރާނާ ވަމުން ދަނީ އެވެ. ސ.މީދޫ ފަދަ ތާރީޙީ ރަށްރަށް ގިރުމުގެ ސަބަބުން ހަލާކުވެ ދަނީ އެވެ.

އަނެއްކާވެސް މިއޮތީ ވެރިކަމުގެ އައު ސޮފްހާއެއް ފެށުމުގެ ވަގުތު ކުޑަތަންވެފައެވެ. ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރަނިންގ މޭޓް ފައިސަލް ނަސީމްގެ ފަރާތުން އައްޑޫ ރައްޔިތުން އެދޭ އެދުންތަކެއް ވެއެވެ. މިލިއުމުގެ ފުރަތަމަ ބައިގައި މިދިޔަ ހަފްތާގައި ގެނސްދިން 15 ކަންތައް އަލުން ތަކުރާރުކޮށް ހިމަނައިގެން މިފަހަރު މިހުށަހަޅަނީ ޖުމްލަ 24 ކަންތަކެވެ. ތިރީގައި ބަޔާންކުރާ 24 ކަންތައް މިއަތޮޅަށް ކޮށްދީފިނަމަ އައްޑޫސިޓީއަކީ މުޅި ޤައުމު ފަޙުރުވެރިވާފަދަ، ހަޤީޤީ ސިޓީ އަކަށް ވެގެންދާނެއެވެ. އައްޑުއަތޮޅުގެ ރައްޔިތުން ތިބީ މިއުއްމީދުގައެވެ:

1. ފުރަތަމަ ކަމަކީ ކޮންވެންޝަން ސެންޓަރުގައި މިހާރު ހަދަމުންދާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސް ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ފުރިހަމަކޮށް، އެމް.އާރ.އައި އާއި ސީ.ޓީ ސްކޭން ވެސް ހެދޭފަދަ ފުރިހަމަ ހޮސްޕިޓަލަކަށް އެތަން ހަދައި އެތަނަކީ ސަދަން ރީޖަނަލް ހޮސްޕިޓަލް ކަމުގައި ހަމަޖެއްސުން. މީގެ އިތުރުން ސ.މީދޫއާއި ހުޅުދޫގެ މެދަށް، ދެރަށަށް ނިސްބަތްވާ ގޮތަށް ހޮސްޕިޓަލެއް ތަރައްޤީ ކުރުން.

2. ދެވަނަ ކަމަކީ މިހާރުހިންގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރައިވެޓައިޒްކޮށް، ބީލަމަށް ލައި، އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ ބަޔަކާ އެތަން ހިންގުން ދިގުމުއްދަތަކަށް ޙަވާލު ކުރުން.

3. ތިންވަނަ ކަމަކީ ގަމުގެ ވައިގެ ބަނދަރު ހަޤީޤީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކޮށް، ގަމުގައި ފުރިހަމަ ސީޕްލޭން ބޭސްއެއް ހަދައި ގަމަކީ ދެކުނު ސަރަހައްދުގެ ވައިގެ މަރުކަޒު ނުވަތަ ދެކުނުގެ ވައިގެ ހަބް ކަމުގައި ހަމަޖައްސައި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ރިސޯރޓްތަކަށް ގަމުގެ ސީޕްލޭން ބޭސްއިން ފަތުރުވެރިން އުފުލޭނެ ގޮތް ހަމަޖެއްސުން.

4. ހަތަރުވަނަ ކަމަކީ ސ.ހިތަދޫ އާއި އެއްފަޅެއްގައިވާ ފަސް ރަށް ކަމުގައިވާ ކޯހެރަ، ކައްބޯހެރަ، ދީރޮނޑި، މާހެރަ އަދި ކުދުމާހެރަ، ރިސޯރޓްތަކުގެ ވޯޓަރބަންގަލޯތަކުގައި ހުންނަފަދަ، ދަށުން ފެންހިނގާ ފާލަންތަކަކުން ގުޅާލައި، އެސަރަހައްދުގައި "ގެސްޓްހައުސް ސިޓީ" އެއް ތަރައްޤީ ކޮށްދިނުން، އަދި މިދެންނެވި "ގެސްޓްހައުސް ސިޓީ" ގެތެރޭގައި އީދިގަލިކިޅި އާއި ކޯއްޓޭގެ ސަރަހައްދުވެސް ހިމެނުން.

5. ފަސްވަނަ ކަމަކީ ގައުކެނޑި ސަރަހައްދުން ބިން ހިއްކައިގެން ސިޓީ ހޮޓަލެއްހަދައި، އެތާގައި އާރޓިފިޝަލް ބީޗެއް ހިމެނޭގޮތަށްް ތަރައްޤީ ކުރުން.

6. ހަވަނަ ކަމަކީ ސ.ހުޅުދޫ އާއި އެއްފަޅެއްގައިވާ މުލިކެޑެ އާއި ހިކަހެރަ، މިދެރަށް، ރިސޯރޓްގެ ގޮތުގައި ތަރައްޤީ ކުރުން، އަދި ކަނޑިހެރަ އާއި ކުދުކަނޑިހެރަ ފާލަމަކުން ގުޅާލުމަށްފަހު މަތީފެންވަރުގެ އެކްސްކްލޫސިވް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުން.

7. ހަތްވަނަ ކަމަކީ ހިތަދޫގެ ކަޅިބިއްފަރާތުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ބިން ދޫކޮށް، އެސަރަހައްދުގައި ގެސްޓްހައުސްގެ މަޝަރޫއު ހިންގުން. ހަމަ އެފަދައިން، ސ.މީދޫ އިން ގެސްޓް ހައުސް އެޅުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ބައި ކިލޯމީޓަރުގެ ބީޗް ސަރަހައްދުން ބިންތައް ބިޑަށްލައި ކުއްޔަށް ދީގެން މީދޫގައި ގެސްޓްހައުސްގެ ފުރިހަމަ މަޝްރޫއެއް ހިންގުން.

8. އަށްވަނަ ކަމަކީ ހަންކެޑެ ސަރަހައްދުގައި އާރޓިފިޝަލް ބީޗެއް ހަދައި، ކެފޭ، ރެސްޓޯރެންޓް ހިންގަން ކުއްޔަށް ބިން ދޫކޮށް، މޫދަށް އެރޭ މީހުން ބޭނުން ކުރަން އެސަރަހައްދުގައި ފާހާނާ އާއި ޗޭންޖިންގް ރޫމް ހަދައި، ބާބެކިއު ސްޓޭންޑް ހަދައި، ވޮލީ، ބެޑްމިންގޓަން، ބާސްކެޓް ކުޅެވޭ ގޮތަށް ހަދައި، ކުޑަ ޓާރފް ފުޓުބޯޅަ ދަނޑެއްވެސް އެސަރަހައްދުގައި ގާއިމް ކޮށް، ހަންކެޑެ ބީޗް ސަރަހައްދަކީ ރޭގަނޑުވެސް ބެނުންކުރެވޭ ގޮތަށް ފްލަޑް ލައިޓް ހަރުކުރެވިފައިވާ ސަރަހައްދަކަށް ހެދުން. އަދި ހަންކެޑެގެ މިމަޝްރޫއުގެތެރޭގައި ގެސްޓްހައުސްއެއްވެސް ހިމަނައިގެން ބިޑަށްލުން.

9. ނުވަވަނަ ކަމަކީ ސ.ގަމުގެ ބޮޑުބައި އެމް.އެން.ޑީ.އެފް އަށް ދީފައިއޮތް އޮތުން އަލުން މުރާޖާކޮށް، އެމް.އެން.ޑީ.އެފް އަށް ދީފައިވާ ބައި ކުޑަކޮށް، ގަމުގެ ބޮޑުބައެއް އިގްތިސޯދީ މަސައްކަތަށް ހުޅުވާލުން. އެގޮތުން، އީކުއޭޓަރ ވިލެޖްގެ އިތުރުން ގަމުގައި އެއާރޕޯރޓް/ސިޓީ ހޮޓަލަކާއި، އިތުރު ގެސްޓް ހައުސް، އަދި ކެފޭ، ރެސްޓޯރެންޓާއި، ޒަމާނީ ފެންވަރުގެ ސިނަމާއަކާއި، ޝޮޕިންގ މޯލް، ސުޕަރ މާރކެޓް ފަދަ ތަނަތަން ހެދުމަށް ދިގުމުއްދަތަކަށް ކުއްޔަށް ބިން ދޫކުރުން.

10. ދިހަވަނަ ކަމަކީ ގަމުގެ ދޫގަސް އިތުރަށް ފުޅާކޮށް، ތިންތަރީގެ ރިސޯރޓެއްގެ ގޮތުގައި ތަރައްގީ ކޮށް، އަގުހެޔޮކަށް ދިވެހީންނަށާއި ފަތުރުވެރީންނަށް ޗުއްޓީ ހޭދަކުރެވޭފަދަ ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުން. އަދި ދޫގަސް މަޝްރޫއާ ގުޅުވައިގެން ގަމުގައި ޒަމާނީ ފެންވަރުގެ، ފުރިހަމަ ދެ ޕާރކް ތައްޔާރުކޮށް އައްޑޫގެ ރައްޔިތުންނަށާއި ފަތުރުވެރީންނަށްވެސް ހިތްހަމަ ޖައްސާލައި މުނިފޫހި ފިލުވައިލާނެ ފުރުސަތުތައް ގަމުގައި އިތުރު ކުރުން.

11. އެގާރަވަނަ ކަމަކީ މިގޮތުން ގަމުގައި ތަރައްޤީ ކުރެވޭ ގެސްޓް ހައުސް ތަކާއި، ސިޓީ ހޮޓަލާއި ރިސޯރޓްގެ ފަތުރުވެރީނަނަށް، އަދި ދިވެހީންނަށްވެސް ހިދުމަތް ދެވޭގޮތަށް ގަމުގައި ޒަމާނީ ފެންވަރުގެ ޑައިވިންގ ސްކޫލަކާއި ވޯޓަރސްޕޯރޓްސް ސެނަޓަރެއް ތަރައްގީކޮށް ހިންގުން. އަދި ގަމުގައި މަދުވެގެން ވިހި ވަރަކަށް ޔޮޓަށް އެއްފަހަރާ އެލޯންގްސައިޑް ކުރެވޭ ވަރުގެ ޔޮޓްމެރިނާއެއްހަދައި، ޔޮޓްތަކުނަ އަންނަ ފަތުރުވެރީންނަށް ބޭނުންވާ ފެނާއި ތަލާއި ކާއެއްޗެތީގެ ޙިދުމަތް ދެވޭފަދަ ތަންތަން ގަމުގައި ގާއިމް ކުރުން. މިދެންނެވި ބަދަލުތައް ގެނެސް ނިމޭއިރު ސ.ގަން ވެގެންދާނީ އިންޑޮނީޝިއާގެ ބާލީ ފަދަ ފަތުރުވެރިކަމުގެ ވަރުގަދަ މަންޒިލަކަށެވެ.

12. ބާރަވަނަ ކަމަކީ ހިތަދޫގެ ކަޅިބިއްފަރާތުގެ ބީޗް ހިމާޔަތްކޮށް، ސާފުކޮށް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖައްސައި، އެސަރަހައްދަކީ އާއްމުކޮށް މީހުން މުނިފޫހި ފިލުވުމަށާއި ޕިކްނިކަށް ދެވޭފަދަ ސަރަހައްދަކަށް ހެދުން.

13. ތޭރަ ވަނަ ކަމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހިމަ ދިގު ރިސޯރޓް ކަމުގައިވާ ހެރެތެރެ ރިސޯރޓް، މެދުން ފެން ދައުރުވާގޮތަށް ބުރި ކޮށް، ފާލަން އަޅާގޮތަށް، ތިންފެންވަރުގެ ތިން ރިސޯރޓް ގޮތަށް ބަދަލު ކުރުން. ހެރެތެރެ ރިސޯރޓް ހިންގާ ކުންފުނިން މިހާރުވެސް އެބަދަލު ގެންނަން ބޭނުންވެ ތިބެމެ، ސަރުކާރުގެ ހުއްދަ ނުލިބުމާއެކު އެކަން ނުކުރެވިފައި ތިބިކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ހެރެތެރެ ރިސޯރޓްގެ މެނޭޖްމެންޓާގުޅިގެން އެރިސޯރޓް ތަފާތު ތިން ރިސޯރޓަކަށް ބަދަލު ކުރެވުމުން އެތަނުގެ ތަރައްޤީ ހަލުއިވެގެން ދާނެއެވެ.

14. ސާދަވަނަ ކަމަކީ އައްޑު އަތޮޅުގެ ޓޫރިސްޓް ބެޑްގެ އަދަދު 3000 އަށްވުރެ މަތިކުރުން. މަތީގައިވާ ގޮތަށް، ގެސްޓް ހައުސް ސިޓީ އާއި ވަކިވަކި ގެސްޓް ހައުސް ތަކާއި، އެއަރޕޯރޓް ހޮޓަލާއި، ސިޓީ ހޮޓަލާއި، އތުރު ރިސޯރޓްތައް އައްޑުގައި ތަރައްޤީ ކުރުމުން އަތޮޅުގެ ޓޫރިސްޓް އެނދުގެ އަދަދު 3000 އަށްވުރެވެސް މަތިވެގެން ދާނެއެވެ.

15. ރިސޯރޓާއި ގެސްޓް ހައުސް އަދި ހޮޓާ ހިންގުމަށް ދައުލަތުން ކުއްޔަށް ބިންދޫކުރާ އަގު، ނުވަތަ ލޭންޑް ރެންޓް އައްޑޫގައިވެސް ނަގަނީ މާލޭ ސަރަހައްދުގައިވެސް ނަގާ ވަރަށެވެ. ނަމަވެސް މާލެއެކޭ އެއްފެންވަރަށް އިންފްރާސްޓްރަކްޗަރް އައްޑޫގައި ނެތް އިރު، އާ އިންވެސްޓަރުން އައްޑޫފަދަ އަތޮޅުތަކުގައި ބޮޑެތި އިންވެސްޓްމެންޓް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އައްޑޫގައި އިންވެސްޓަރުން އަތުންނަގާ ލޭންޑް ރެންޓާއި ޓޫރިޒަމް ޓެކްސްތައް މާލޭ ސަރަހައްދަށް ވުރެ ކުޑަ ކުރުމަކީ މިސަރަހައްދަށް އިންވެސްޓަރުން އައުމަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވާނެއެވެ. އެހެންކަމުން ފަނަރަވަނަ ކަމަކީ އައްޑު އަށް ތަފާތު ބޮޑު އިންވެސްޓްމެންޓް ގެނައުމަށްޓަކައި އެސަރަހައްދަށް ޑިއުޓީ އާއި، ލޭންޑް ރެންޓާއި އެހެނިހެން ޓެކްސް ތައް ކުޑަކޮށްދީ، އައްޑޫގެ އިންވެސްޓަރުންނަށް ޓެކްސް ބްރޭކެއްދިނުން.

16. ބައިންލައަޤްވާމީ ފެންވަރުގެ ކޮންޓެއިންރ ޕޯރޓެއް، ސ.ހުޅުދޫ ޢާއި މީދޫ ފަޅުން ބިން ހިއްކައިގެން އައްޑުއަތޮޅުގައި ހެދުން. މިފަދަ ކޮންޓެއިނަރ ބަނދަރަކާ ގުޅިގެން، ބިޔަ ބޯޓުފަހަރަށް ތެޔޮއަޅާދިނުމުގެ ޙިދުމަތް ނުވަތަ ބަންކަރިންގެ ޙިދުމަތް ތަރައްޤި ކުރަން ޖެހޭނެއެވެ. އަދި ބޮޑުއަދަދަކަށް މުދާ ގުދަން ކުރެވޭފަދަ ބޮޑެތި ގުދަންތަކާއި ދުނިޔޭގެ ފެންވަރުގެ ލޮޖިސްޓިކްސް ޙިދުމަތްވެސް ދެވެން ޖެހޭނެއެވެ. މިދެންނެވި ކޮންޓެއިންރ ބަދަރު ހަދާނީ ސ.މީދު އުތުރުފަރާތު ފަޅުންފެށިގެން ގޮސް ކަނޑިހެރައާހަމައަށް އޮންނަ މާކަނޑާ ހަމައަށެވެ. އެގޮތުން މިބަނދަރަށް އަންނަ އުޅަދުފަހަރަށް އެއްވެސް ދަތިކަމެއްނެތި ކަނޑިހެރެކައިރީ އޮންނަ މާކަނޑުން ވަދެގެން އައިސް ބަނދަރު ކުރެވޭނެއެވެ. ބަނދަރު ހެދުމަށްޓަކައި މީދޫ ފަޅުން މިދެނެނެވި ބޮޑު ސަރަހައްދު ހިއްކުމުން އެތަނުގަނއި ބަނދަރާއި، ބަންކަރިންގ ޙިދުމަތާއި، ބޮޑެތި ގުދައްތައް އެޅޭނެއެވެ. އަދި ސިމެންތި ޕެކްކުރާ ފެކްޓަރީ ފަދަ އިންޑަސްޓްރިއަލް މަސައްކަތް ވެސް ކުރެވޭނެއެވެ. މިދެންނެވި ކޮންޓެއިނަރ ބަނދަރުގެ ޙިދުމަތް ފެށުމުން ދެކުނުގެ ލާމުން ފެށިގެން ސީނު އަތޮޅާއި ހަމައަށް، ދެކުނުގެ ފަސް އަތޮޅަށް ބެނުންވާ މުދާ ގެނެވޭނީ އައްޑޫގެ ބައިނަލްއަޤްވާމީ ކޮންޓެނއިނަރ ބަނދަރަށެވެ. މެދު ސައިޒުގެ ބޯޓުފަހަރާއި ކޮޅުވެއްޓިފަދަ ތަކެތީގައި އެތަނުން އެހެން އަތޮޅުތަކަށް މުދާ އުފުލޭނެއެވެ.

17. ސަތާރަވަނަ ކަމަކީ ހިތަދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ހިޔާވާ ބޮޑެތި ގަސް ހައްދައި، ހިތަދޫ ބަނދަރުގެ ޙިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުން.

18. އަށާރަ ވަނަ ކަމަކީ، އައްޑޫގައިހަދާ ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބަނދަރުގެ ޙިދުމަތް ފެށުމުން، މިހާރުގެ ހިތަދޫ ޕޯރޓް ލިމިޓެޑް، ޔޮޓްމެރިނަރ ހޮޓަލަކަށް ބަދަލު ކުރުން. އެތަނުގެ ކޮޅުގައި މިހާރު ހުރި އިމާރާތުގެ ބަދަލުގައި 7 ބުރީގެ ބޮޑު ޔޮޓްމެރިނަރ ހޮޓަލެއް އަޅައި، އެތަނުގައި މިހާރު އެއޮތް ދިގު މަގުގެ ދެފަރާތުގައި ޔޮޓްފަހަރަށް ބަނދަރު ކުރެވޭ ގޮތަށް ހަދައި ފުރިހަމަ ޔޮޓްމެރިނަރ އަކަށް އެތަން ބަދަލުކުރުން.

19. ނަވާރަވަނަ ކަމަކީ ސ.ގަމުގައި ބޭރުބަޔަކު މިހާރު ހިންގަމުންދާ ފްލައިންގ ސްކޫލްގެ އެއްބަސްވުން އަލުން މުރާޖާކޮށް، އަތޮޅަށް މިހާރަށްވުރެ ފައިދާ ހުރިގޮތަކަށް އެތަނުގެ އެއްބަސްވުން ބަދަލުކޮށް، ތަން ތަރައްޤީ ކުރުން. އަދި އެޑިއުކޭޝަނަލް ހަބެއް ނުވަތަ މަރުކަޒެއްގެ ގޮތުގައި އައްޑޫ އަތޮޅު ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، ފުރިހަމަ ވޮކޭޝަނަލް ސްކޫލަކާއި، ސެކަންޑަރީ ފެނަވަރަށް ކިޔަވައިދޭ ފުޓްބޯޅަ އެކަޑަމީ ސްކޫލަކާއި އެފަދަ ތަފާތު ތައުލީމީ މަރުކަޒުތައް އައްޑޫގައި ގާއިމްކޮށް ތަރައްޤީ ކުރުން.

20. ވިހިވަނަ ކަމަކީ އައްޑު އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށްރަށުގެ މަދުވެގެން 50% މަގުތަކުގައި ތާރު އަޅައި، ލިންކް ރޯޑްގައި އިތުރު ތާރުފަށަލައެއް އަޅައި ތަރައްޤީ ކުރުން.

21. އެކާވީސްވަނަ ކަމަކީ ހިތަދޫގެ ބޮޑުމަގު ހިމެނޭ ގޮތަށް، މުހިއްމު، ފުޅާ ހުރިހާ މަގުތަކުގައި ހަދާފައިވާ ޕާރކިންގް ސަރަހައްދުތަކުގައި ހިޔާވާ ގަސް ޖަހައި ރީތިކޮށް ލޭންޑްސްކޭޕް ކުރުން.

22. ބާވީސްވަނަ ކަމަކީ ކޯއްޓޭއިން ފެށިގެން އާރ.އޭ.އެފް އާއި ހަމައަށް ކަޅިބިއްފަރާތުން، ތާރުއަޅައިގެން، ލިންކްރޯޑެއް ހަދައި، އެލިންކްރޯޑުން ދުއްވާފައިދާއިރު މޫދުގެ ރީތި މަންޒަރު ފެނަނަގޮތަށް ލޭންޑްސްކޭޕް ކުރުން.

23. ތޭވީސްވަނަ ކަމަކީ، ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް އައްޑުއަތޮޅުގައި ހުރި ހުސް ބިންތައް ތަރައްޤީ ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި، ފެނާއި ނަރުދަމާގެ ޙިދުމަތްތައް ފުރިހަމަކޮށް، ކަރަންޓުގެ ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.

24. ސައުވީސްވަނަ ކަމަކީ އައްޑޫގައި ބާރުސްޕީޑްގައި ދުއްވުން ކޮންޓްރޯލް ކޮށް، މިހާރަށްވުރެ ހަރުކަށި ކޮށް ޓްރެފިކް ޤަވާއިދު ހިފަހައްޓާ، އެކްސިޑެނޓްތައް މަދުކޮށް، މަގުތައް އަމާން ކޮށް، އައްޑޫގެ ހުރިހާ މަގުތަކުގައި ހުރިހާ ވަގުތެއްގައިވެސް ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމުގައި ޤަވާއިދަކުން ހަމަޖައްސައި، މުހިއްމު މަގުތަކުގައި ސީ.ސީ ޓީވި ކެމެރާ ހަރުކޮށް، ގޭންގ ތައް ހުއްޓުވައި ޒުވާނުން ރީހެބިލިޓޭޓްކޮށް، ޒުވާނުންނާއި ހަރުމީހުން މަސައްކަތްތަކަށް ނެރެ، އައްޑު އަތޮޅަކީ މަސައްކަތްތެރި، ފޯރުންތެރި، ތައުލީމީ ސަރަހައްދަކަށް ހެދުން. އެގޮތުން، އައްޑު އަތޮޅަށް އިތުރު އިންޑަސްޓްރީ ތަކާއި އިތުރު ވިޔަފާރިތައް ތައާރަފް ކޮށް، މިހާރު ލިބެންހުރި ވަޒިފާގެ އަދަދު މަދުވެގެން ހަތަރު ގުނައަށް އިތުރު ކުރުން.

މައުމޫނުގެ ސަރުކާރުގެ، ނުވަތަ އޭގެފަހުން އައި އެހެން ސަރުކާރުތަކުގެ އިޙްލާސްތެރިކަން ހުރިނަމަ މިދެންނެވި ތަރައްޤީގެ ބަދަލުތައް ފާއިތުވި އަހަރު ތަކުގައި އައްޑުއަށް ގެނެސް ދެވުނީހެވެ. ގެސްޓް ހައުސް ސިޓީ، ކަޅިބިއްފަރާތުގެ ގެސްޓްހައުސް މަޝަރޫއު، މަގުތަކުގައި ތާރު އެޅުން، ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބަނދަރު، ޔޮޓްމެރިނަރ، ބާލީ ފަދަ ޓޫރިސްޓް ސަރަހައްދަކަށް ސ.ގަން ހެދުން، ކޮންވެންޝަން ސެންޓަރުގެ ހޮސްޕިޓަލް ބައިނަލްއަޤްވާމީ ފެނވަރަށް ތަރައްޤީ ކުރުން، މިހާރުގެ ހިތަދޫ ހޮސްޕިޓަލް އޭ.ޑީ.ކޭ ފަދަ އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ހިންގުން، ހެރެތެރެ ތިން ރިސޯރޓަކަށް ބަދަލު ކުރުން، ކަނޑިހެރަ ފަދަ ރަށް ރަށް ރިސޯރޓަށް ހެދުން، ހަންކެޑެއާއި ދޫގަސްފަދަ ސަރަހައްދުތައް ތަރައްޤީ ކުރުން، ގަމުގައި ޑައިވިންގް ސްކޫލާއި ސިނަމާފަދަ ތަންތަން އަޅައި ތަރައްޤީ ކުރުން: މިއިން އެއްވެސް ކަމެއް ކުރާކަށް ދައުލަތުން އެއްވެސް ޙަރަދެއް ކުރާކަށް ނުޖެހޭނެއެވެ. މިހުރިހާ މަޝްރޫއު ތަކަކީވެސް ބިޑަށް ލައިގެން، ދިގު މުއްދަތަކަށް އަމިއްލަ ކުންފުނިތަކަށް ދިނުމުން، ރާއްޖޭނެ ބޭރާއި ރާއްޖޭގެ ކުންފުނިތަކުން ކުރާނެކަންތައްތަކެވެ. އުއްމީދަކީ އިބޫ އާއި ފައިސްލްގެ ފަރާތުން މިފަދަ ތަފްސީލީ ވައުދުތަކެއް އައްޑޫ އާއި މެދު އަޑުއިވިގެން ދިއުމެވެ. އައްޑޫ ރައްޔިތުން ތިބީ އަޑުއަހާށެވެ!