Last Updated: April 24, 06:35
Wednesday, April 24, 2024
ކޮލަމް

އަފިރިންގެ ވޯޓާ ރަށިކަންކަން ނިންމުމުގެ ބާރަ އަފިރިންނަށް ދޭނެ ކެންޑިޑޭޓަކަށް!

މި ވާހަކަ ދެއްކީމާ އަހަރެންގެ މަގްސަދަކީ ވަކި ދައުލަތެއް ގާއިމްކުރުމުގެ ފިކުރު ޕްރޮމޯޓްކުރުން ކަމަށް ބުނެ ހުރަގޭގައި ބަންދުވެސް ކޮށްފާނެއެވެ. ސިއްސައިގެން ދާ ވަރުގެ ބޮޑު ޖޫރިމަނާއެއް ވެސް ކޮށްފާނެއެވެ. މިއިން ކޮންމެ ކަމެއް ކުރިޔަސް މައްސަލައެއް ނެތެވެ. އަހަރެން ވެސް ނިސްބަތްވާ އައްޑޫގެ ރައްޔިތުންގެ ހައްގުގައި މިވާހަކަ ދައްކަން އެބަޖެހެއެވެ.

އައްޑޫ ކުރިއަރުވާ ވާހަކަ އާއި އައްޑޫގެ މުހިއްމު ކަމުގެ ވާހަކަ ނުދައްކާ އެންމެ ސަރުކާރެއް ވެސް ނެތެވެ. ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ފާއިތުވި 53 އަހަރުގެ ތެރޭގައި އައްޑޫއަށް އައިސްފައިވާ ކުރިއެރުމަކީ އައްޑޫއަށް ހައްގު މިންވަރު ހެއްޔެވެ؟

ކުރުގޮތަކަށް ކިޔަމާ ހިނގާށެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުނުއިރު އައްޑޫއަށް ލިބުނީ، 2 ރިސޯޓާއި، ލިންކް ރޯޑެކެވެ. ދެން އިންގިރޭށިންގެ ދުވަސްވަރު އެޅި އެއާޕޯޓުގައި ހަރުކޮށްލި "އިންޓަނޭޝަނަލް" ނަން ބޯޑެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވެސް އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާވާހަކަ ދެއްކިއެވެ.

ދެން ފެނިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. 3 އަހަރާއި ބައިގެ ވެރިކަމުގައި އައްޑޫ ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބުނެވެ. ކޮންވެންޝަން ސެންޓަރެއް އަޅައި އައްޑޫގައި ބޭއްވި ސާކް ސަމިޓާއި އެކު އައްޑޫގެ ހުރިހާ އަަވަށަކަށް ތަރައްގީގެ ކުލަވަރު ގެންނެވިއެވެ. ތާރުއަޅައިގެން މަގުތައް ހެދުމާއި ބަނދަރުތައް ހެދުމުގެ މަޝްރޫޢެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފެށުނެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމާއި އެކު އެ މަސައްކަތް ވަޅު ޖެހުނީއެވެ.

އެމްޑީޕީގެ ވެރިކަމުގައި 2011 ގައި އިންތިޚާބު ކުރެވުނު ފުރަތަމަ އައްޑޫ ސިޓީ ކައުންސިލާއި އެކު އައްޑޫ ރައްޔިތުންނަށް ރަށުގެ ތަރައްްގީއަށް ބަސްބުނުމުގެ ފުރުސަތު ލިބުނެވެ. އައްޑޫގެ ކަންކަން ނިންމުމަށް މައި ސަރުކާރަށް ފެންނަ ގޮތަށް ވުރެ އައްޑޫ ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު ކައުންސިލަށް ލިބުނެވެ.

މިސާލަކަށް ކިޔަމާ ހިނގާށެވެ. އައްޑޫގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރަށް ދައްކާ އަހަރީ ފީ އައްޑޫގެ މަގުތައް މަރާމާތު ކުރުމަށް ޚަރަދުކުރެވޭ ގޮތަށް ލިބެމުން ދިޔައީ އައްޑޫ ސިޓީ ކައުންސިލަށެވެ.

މިކަންތައް ވެސް 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ބަދަލުވީއެވެ. މައްސަލައަކަށް ވީ އައްޑޫ ރައްޔިތުންގެ މެޖޯރިޓީ އާއި އެކު ހޮވި ސިޓީ ކައުންސިލުގައި ރައީސް ޔާމީނަށް ތާއީދުކުރާ މެންބަރުން ނެތުމެވެ.

ރައީސް ޔާމީންގެ ސަރުކާރުން، ކައުންސިލުގެ ބާރުތައް އަތުލަމުން ގޮސް މިއަދު އައްޑޫގެ ރައްޔިތުންގެ ކަންކަމަށް ބަސްބުނުމުގެ ބާރު އެމީހުންނަކަށް ނެތެވެ. މައި ސަރުކާރުގެ ފަރާތުން އައްޑޫގައި ގާއިމްކޮށްފައިވާ ޑިޕާޓްމަންޓްތަކުގައި އައްޑޫ އަށް ނިސްބަތްވާ ވެރިން ތިއްބެވިޔަސް އެމީހުންނަށް އަމިއްލައަށް ކަންކަން ނިންމުމުގެ ބާރެއް ނެތެވެ.

މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫ ރައްޔިތުން ވޯޓު ލާއިރު ބަލަންވީ މުހިއްމު ކަމެކެވެ. އައްޑޫ ރައްޔިތުންނަށް އެމީހުންގެ ކަންކަން ނިންމުމުގެ ބާރު ދޭނީ ކޮން ވެރިއެއްތޯއެވެ؟

މިހާތަނަށް މި މައުޟޫއަށް ވާހަކަ ދައްކަވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)އެވެ. އެބޭފުޅާގެ ވައުދަކީ ކައުންސިލްތަކަށް ބާރުތައް ދިނުމެވެ. ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރުވުމެވެ. ރަށުގެ ރައްޔިތުންނަށް ކަންކަން ނިންމުމުގައި ބަސްބުނުމުގެ ބާރު ދިނުމެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައުޟޫއަށް ވާހަކައެއް ނުދައްކަވައެވެ. އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ފެނިފައިވާ ސިޔާސަތަކީ، މަރުކަޒީ ކުރުމުގެ ސިޔާސަތެވެ. ކައުންސިލްތައް ސަސްޕެންޑް ކުރުމާއި ބާރުތައް އަތުލުމުގެ ސިޔާސަތެވެ.

23 ސެޕްޓެމްބަރު 2018ގައި އައްޑޫ ރައްޔިތުން ވޯޓު ލާއިރު ހަމަ ގައިމުވެސް އަމިއްލަ ރަށުގެ ކަންކަން އެމީހުންނަށް ނިންމުމުގެ ބާރު ދޭނެ ވެރިޔަކަށް ވޯޓު ދިނުމަށް އިސްކަން ދޭނެއެވެ.