Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ކެޔޮނިރު: އިންޑިއާ އިން ރާއްޖެ ހިފުން ނުވަތަ ޔާމިނުގެ ކޮރަޕްޝަނަށް އާއެކޭ ބުނުން!

ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ދިވެހި ރާއްޖޭގެ ރިއާސީ އިންތިޙާބުގައި މަކަރު ހަދައި އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެއަށް އަރާ ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ޕާލިމެންޓް މެމްބަރަކު ވިދާޅުވުމަކީ ބިރުވެރި ކަމެކެވެ. އިންޑިއާގެ ޕާލިމްންޓް މެމެބަރެއްކަމުގައިވާ ސުބްރަމާނިއަމް ސުވާމީ މިފަދަ ނާތަހުޒީބް ވާހަކައެއް ދެއްކެވުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާޅުވެ، އިދިކޮޅުގެ ރަނިންގމޭޓް ފައިސަލް ނަސީމް ޓްވީޓް ކުރެއްވުމަކީ ލިބުނު ހިތްހަމަ ޖެހުމެކެވެ. ފައިސަލް ޓްވީޓް ކުރެއްވިތާ އެއްދުވަސް ފަހުން އިދިކޮޅުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ވެސްވަނީ ސުބްރަމާނިއަމްގެ ވާހަކަތައް ކުށްވެރި ކުރައްވައި ޓްވީޓް ކުރައްވާފައެވެ. މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާރޓީ އިންވެސް ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ހަމައެފަދައިން ލޫކަސް ޖަލީލް ފަދަ އިދިކޮޅުގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓުންވެސް ސުވާމީގެ ޒިއްމާދާރުކަން ކުޑަ ބަސްތައް ކުށްވެރި ކޮށްފައެވެ.

އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރ، އަދި މިހާރު ވެރިކަން ކުރާ ބީ.ޖޭ.ޕީ ގެ ޤައުމީ އެގްޒެކެޓިވް ކޮމިޓީގެ އިސް މެމްބަރެއް ކަމުގައިވާ ސުބްރަމާނިއަމް ސުވާމީއަކީ އިންޑިއާ ސަރުކާރުގައި ބަސްވިކޭ، އިސް ބޭފުޅެކެވެ. އެފަދަ އިސް ބޭފުޅަކު އިންޑިއާ ސިފައިން އަވަށްޓެރި ޤައުމަކަށް އަރާ އެޤައުމު ހިފުމަށް ގޮވާލެއްވުމަކީ ޒިއްމާދާރުކަންކުޑަ ކަމެކޭ ބުނެލާފައި ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. އިންޑިއާ ސަރުކާރުން ވަނީ ސުވާމީގެ ވާހަކަތަކަކީ އަމިއްލަ ޙިޔާލްކަމަށް ބުނެ އެވާހަކަތަކާ ފެއަށް ޖެހިފައެވެ. ނަމަވެސް އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރުގެ ރުހުމެއްނެތި ބީ.ޖޭ.ޕީ ގެ އިސް ބޭފުޅަކު މިފަދަ އެއްޗެކޭ ވިދާޅުވާނެ ކަމަކަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ރައީސް މުހައްމަދު ނަޝީދު މީގެ ހަފްތާއެއްހާ ދުވަސް ކުރީން ސުބްރަމާނިއަމް ސުވާމީއާ ބައްދަލު ކުރެއްވި ކަމެވެ. ނަޝީދުއާ ސުބަރަމާނިއަމްއާ ބައްދަލު ވިތާމިހާ މަދު ދުވަސްކޮޅެއްތެރޭ ސުވާމީ މިފަދަ ވާހަކައެއް ދެއްކެވުމަކީ ދިވެހި ޤައުމަށް ހެޔޮއެދޭ ހުރިހާ ރައްޔިތުންވެސް ކަންބޮޑުވެ، ބިރުގަންނަންޖެހޭނެ ކަމެކެވެ. ސުވާމީގެ ވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވެފައިވަނީ މިފަދަ ކަމަކާ ގުޅިގެން ކަންބޮޑުވާ ހުރިހާ ދިވެހީންގެ ހިތްތަކަށް ވެސް ހިތްހަމަ ޖެހުން ގެނެސްދޭ ފަދަ ވާހަކަ ތަކެކެވެ. ޔާމިނުގެ ސަރުކާރުން ހިންގަފާނެ އައިރު ޤާނޫނީ ކަންކަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ބޭނުން ކަމަށާއި، ނަމަވެސް އެފަދަ ބޭރުގެ ފަރާތްތައްވެސް އެހީ ވާންޖެހޭނީ ރާއްޖޭގެ އިސްތިޤްލާލަށް ބުރުނާރާފަދަ ގޮތަކަށް ކަމުގައި އިބޫ ވިދާޅުވެފައި ވެއެވެ.

މިހާ ފާޅުކަން ބޮޑު ގޮތެއްގައި އަވަށްޓެރި ކުދި ޤައުމުތަކަށް އިންޒާރުދީ، ބިރުދައްކާ ޤައުމެއް އިންޑިއާ ނަގާފައި މުޅި ދުނިޔޭގައިވެސް މަދުވާނެއެވެ. ރައީސް ޔާމިނުގެ ސަރުކާރުގެ ޙުދްމުހްތާރު ކަމާއި ކަރަޕްޝަން އާއްމު ވުމާއި ސިޔާސީ ކުށްވެރީން ޖަލަށްލުން އާއްމު ވެފައި ވުމަކީ ދެބަސް ވެވެން ނެތް ހަޤީގަތެވެ. ސިޔާސީ މަސްރަޙް ފެންނަ ގޮތުން ގިނަ ބަޔަކު ތިބީ 23 ސެޕްޓެމްބަރގެ ވޯޓުން ރައީސް ޔާމިން ބަލިކޮށް، ޤައުމަށް ބަދަލެއް ގެންނަން ތައްޔާރަށެވެ. ނަމަވެސް ޔާމިންގެ ވެރިކަން ބަދަލު ކުރެވޭނެ ހަމައެކަނި ގޮތަކީ އިންޑިއާ ސިފައިން ރާއްޖެ އަރާ، ރާއްޖެ ހިފައިގެން ކަމަށް ބުނުމަކީ ދިވެހި ޤައުމަށާއި، ދިވެހި ޤައުމުގެ ސިފައިންނަށާއި، ދިވެހި ފުލުހުންނަށް ކުރެވޭ މަލާމާތެކެވެ! އެއީ މިޤައުމުގެ މާޒީގެ އަބްތޯލުންގެ ޤުރުބާނީ އަށް ކުރެވޭ ފުރައްސާރަ އެކެވެ.

އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ރޭޕް ގިނަ ޤައުމެވެ. ޙާއްސަކޮށް ކުޑަ ކުދީންގެ ރޭޕް އެންމެ ގިނަ ޤައުމެވެ. ދާދިފަހުން ބަކަރިއެއް "ރޭޕް" ކޮށްގެންވެސް އިންޑިއާގައި މައްސަލަ ހޫނުވެފައި ވެއެވެ. އިންޑިއާގެ އާބާދީގެ ބޮޑުބަޔަކަށް، އަސާސީ ޙިދުމަތެއް ކަމުގައިވާ، ފާހާނާގެ ޙިދުމަތް ނުލިބެއެވެ. ގެރިމަސް ބޭނުންކުރާ މުސްލިމުންނަށް އަނިޔާކޮށް، ބައެއް މީހުން މެރުން އިންޑިއާގައި ވަނީ އާއްމުވެފައެވެ. ވެރިކަމުގައި މިވަގުތު އޮތް ބީ.ޖޭ.ޕީ އަކީ މުސްލިމުންނަށް އަނިޔާ ކުރުމުގެ ތާރީޙެއް އޮތް ޕާރޓީ އެކެވެ. ވީއިރު އިންޑިއާގެ އަމިއްލަ ކަންތައްތައް ހައްލުނުކޮށް، އަވަށްޓެރި ކުދި ޤައުމުތަކަށް ބިރުދައްކަމުން ބޮޑާބަސްތައް ބުނަމުން ދިއުމުން ހާމަވާ ކަމަކީ އިންޑިއާގެ ބައެއް ވެރީންގެ ނާތަހްޒީބް ކަމާއި ބޭއިންސާފްވެރިކަމެވެ. މިއީ ބިލިއަނަކަށް ވުރެ އާބާދީ ބޮޑު ޤައުމަކުން، ހަތަރު ވަރަކަށް ލައްކަ މީހުންގެ އާބާދީއެއް އޮތް ކުޑަ ޤައުމަކާމެދު އަމަލު ކުރަން ޖެހޭވަރަށް ވުރެ ދަށުދަރަޖައިގެ އަމަލެކެވެެ. އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރުގެ ރުހުމެއްނެތި ބީ.ޖޭ.ޕީ ގެ އިސް ބޭފުޅަކު މިފަދަ އެއްޗެކޭ ވިދާޅުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!

ސެޕްޓެމްބަރ 23 ގައި ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެ ތާއިދު އޮތީ ބަދަލަކަށް ކަން ޔަގީނެވެ. އެފަދަ ބަދަލަކަށް އޮތް ފުރުސަތަކީ އިބޫ އާއި ފައިސަލްއެވެ. ނަމަވެސް އިދިކޮޅުގެ ހަރަކާތްތަކަށް އެހީވުމުގެ ނަމުގައި ވިއަސް ބޭރުގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ވެރީން ރާއްޖެއަށް ނާތަހުޒީބް އިންޒާރު ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. މިކަމާ ދެކޮޅަށް ރައީސް ނަޝީދުވެސް އެއްޗެއް ވިޑާޅުވާނެ ކަމަށް އުއްމީދު ކުރަމެވެ. ޜާއްޖޭގެ އިސްލާމީ ވަހުދަތާއި ޤައުމުގެ އިސްތިގްލާލަށް ވުރެ މުހިއްމު ދެވަނަ ކަމެއް މިޤައުމަކަށް ނުވެއެވެ. ކިތައްމެ ކުޑަވިއަސް އަދި ނިސްބަތުން ފަގީރު ވިއަސް މިދިވެހި ރާއްޖެއަކީވެސް މިނިވަން މުސްތަގިއްލު ޤައުމެކެވެ. އިހްތިރާމް ލިބޭނީ އިހްތިރާމް ކުރަން ދަސްވެގެނެވެ. އެއީ ބޮޑާ ބަސް ބުނެގެން ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ.