Last Updated: July 1, 14:24
Tuesday, July 1, 2025
ޚަބަރު

ރައްޔިތުން ތަރައްޤީއަށް އެދި ގޮވަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރާކަށް ނޫން: ފައިސަލް

އިއްތިހާދުގެ ކެންޑިޑޭޓް ބ. ކެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައްޔިތުން ތަރައްޤީއަށް އެދި ގޮވަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރާކަށް ނޫން ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ކޮންމެ އަހަރަކު ސަރުކާރުން އެކުލަވާލާ ދައުލަތުގެ ބަޖެޓަކީ ވަރަށް އިންސާފުވެރިކަމާ އެކު އެކުލަވާލަންޖެހޭ އެއްޗެއް ކަމަށާއި، އެއީ ސިޔާސީ ބޭނުމަކަށް ހަދަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

އަދި ބަޖެޓުގައި އެއް މަޝްރޫއެއް ފަސް އަހަރު ވަންދެން ޖަހައި މަޝްރޫއު ނުހިނގުމަކީ ރައްޔިތުންގެ ޝަކުވާއެއް ކަމަށާއި، އިއްތިހާދެއްގެ ސަރުކާރެއްގައި ކަންތައްތައް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް އިސްރާފެއް ނެތި އެމީހުންގެ ޚިޔާލާއި މަޝްވަރާއާ އެކު ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކުންފުނިތަކަށް ހައްޖު ކޯޓާތައް ދިނުމުގެ އުސޫލަށް ބަލާލުމުންވެސް އިސްލާމިކް މިނިސްޓްރީ ތެރެއަށް ކޮރަޕްޝަން ވަދެފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ.

ކެންދޫގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފަުޅުގައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެ ރަށުގައި ނަރުދަމާ ނިޒާމް ޤާއިމް ކޮށްދެއްވައި، ކެންދޫ ސްކޫލަށް ދިމާވެފައިވާ ކްލާސްރޫމްގެ ދަތިކަން ވެސް އަންނަ އަހަރު ހައްލުކޮށްދެއްވާނެ ކަމަށެވެ.

ފައިސަލް ނަސީމް ވަނީ ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ނުވަ ރަށަކަށް ވަޑައިގެންނެވުމަށްފަހު އެ އަތޮޅު ކިހާދޫން ދަތުރުފުޅު ނިންމަވާލައްވާފައެވެ.