Last Updated: April 26, 23:59
Saturday, April 27, 2024
ރިޕޯޓް

ކެޔޮނިރު: އައްޑޫއަށް ތަރައްޤީ ލަސްވުމުގެ ޒިއްމާ އައްޑޫގެ ބައެއް މީހުންވެސް ނަގަން ޖެހޭ!

ޖުލައި 21 ވަނަ ދުވަހުގެ "އައްޑޫ ލައިވް" ގައި އަޅުގަނޑު ކޮލަމެއް ލިއުނީމެވެ. ސުރުޙީ އަކީ: "އައްޑޫ އިން މަދިރި އާއި ވާ ހުސްކޮށްދޭ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓް!" އެވެ. މިލިއުން ކިޔާފައި އައްޑުއަށް ނިސްބަތްވާ ސިޔާސީ، ކަމުވޮށިގެންވާ ބޭފުޅަކު އަޅުގަނޑަށް ގުޅުއްވިއެވެ. އަދި ވިދާޅުވިއެވެ: "ވާލާއި މަދިރިއަކީ ވެސް އުޅެން ޖެހޭ އެއްޗެއް. އެތަކެތި މަރައިގެން ކަމަކު ނުދާނެ!"

މުއާސަލާތީ ބޮޑު ކުންފުންޏެއްގައި އުޅުއްވާ، އައްޑޫގެ އިސް އެހެން ބޭފުޅަކުވެސް ވާލާއި މަދިރި ހުސްކުރުމުގެ ޙިޔާލާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. ވިދާޅުވިއެވެ: "ވާލާއި މަދިރި މެރުމުން ފުޑްޗެއިން ހަލާކުވެދާނެ!" އެވެ.

މިއީ އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންގެ ވިސްނުން ހުންނަގޮތް ކަމުގައި ވަނީނަމަ އައްޑުގެ ތަރައްޤީއާ މެދު އެހެން އަތޮޅުތަކުގެ މީހުންގެ ވިސްނުން ވަކި ރަނގަޅުވާންވީ ކީއްވެތޯއެވެ؟ މަދިރީގެ އުދަގުލާހެދި އަމިއްލަ ގޭގެ ފެންޑާގައި ހަމަޖެހިލައިގެން ނުތިބެވެއެވެ. ވާލުގެ އުދަގުލާހެދި ގޭގެ ގަހެއްގައި މެވާކޮޅެއް ސަލާމަތުން ނޯވެއެވެ. އެވަރުންވެސް ބައެއް މީހުންގެ ވިސްނުން މިހުންނަނީ ފުޑްޗެއިން ސަލާމަތް ކުރުމަށާއި ވާލާއި މަދިރީގެ ހައްޤު ހިމާޔަތް ކުރުމަށެވެ. އެގޮތަށް ވިސްނާނަމަ ބެކްޓީރިއާ ޖަރާސީމަކީވެސް ދިރޭ އެއްޗެކެވެ. އެވެސް މަރައިގެން ނުވާނެއެވެ. އެވެސް ފުޑްޗެއިންގެ ބައެކެވެ. އެންޓިބައޮޓިކްވެސް ކައިގެން ނުވާނެއެވެ.

އަޮގަސްޓް 20 ވަނަ ދުވަހުގެ "އައްޑޫލައިވް"ގެ ކެޔޮނިރު ކޮލަމްގައި އަޅުގަނޑު ލިއުނު ލިއުމެއްގައި، އައްޑޫ ގަމުން ހުޅުދޫއަށް ބްރިޖެއް އެޅުމުގެ ޙިޔާލް ފާޅުކުރުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކީވެސް ހަމަ އައްޑޫގެ ބައެއް މީހުންނެވެ.

އައްޑު އަތޮޅަކީ ބިން ބޮޑު، ނިސްބަތުން އާބާދީ ބޮޑު އަތޮޅަކަށްވިއަސް، އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންނަކީ އަތޮޅުގެ ތަރައްޤީއަށްވުރެ އަމިއްލަ ޒާތީ ކަންކަމާއި ޒާތީ ހަސަދަ އިސްކުރައްވާ ބޭފުޅުންތަކެކެވެ. އެއީ ކިތައްމެ ރަނގަޅު، އަދި ތިމާގެ އަމިއްލަ އަތޮޅަށް ފައިދާ ހުރި ޙިޔާލަކަށް ވިއަސް، އެހެން މީހަކު ފާޅުކުރި ޙިޔާލެއް ކަމަށް ވުމުން، އެޙިޔާލަކާ ދެކޮޅު ވަނީއެވެ. ހަމަ އެފަދައިން މުޅި އަތޮޅަށް ފައިދާ ކުރިއަސް ތިމާގެ ޒާތީ ފައިދާއަށް އޭގެން ކުޑަ އުނިކަމެއް ލިބިދާނެތީ އެކަމާ ދެކޮޅުވަނީ އެވެ.

މީގެ ކުޑަ މިސާލެކެވެ. މީގެ އެތައް އަހަރެއް ކުރީން، މައުމޫނުގެ ވެރިކަމުގައި، އެޓޯލްސް މިނިސްޓަރަކަށް އިލްޔާސް އިބްރާހިމް ހުންނެވިއިރު އައްޑުއަށް ކޮންނަ ބޯޓެއް ގެނެސް ދެއްވާފައި ވިދާޅުވިކަމަށް ވެއެވެ: "ހިތަދޫއާ މާހެރައާ ދެމެދު އެއްކޮށް ހިއްކާލާފައި އެއްފަސް ކޮށް، ހިތަދޫ ބޮޑުކޮށްލާ!" ށެވެ.

ނަމަވްސް އެދުވަސް ވަރުގެ މަސްވެރިން ބޭނުންވީ މަސްބާނައިގެން އަންނަ ގޮތަށް މާހެރައާ ދިމާލުން ހިތަދޫ ގޮންޑުދޮށަށް ދޯނި ކައިރި ކުރެވޭ ގޮތަށް އޮތުމަށެވެ. އެހެން ކަމުން ހިތަދޫގެ ބިން ހިއްކައިގެން ހިތަދޫ ބޮޑުކޮށް އޭގެ ސަބަބުން ކިތައްމެ ތަރައްޤީއެއް އަންނާން އޮތަސް، ތިމާގެ މަސްދޯންޏަށް ތިމާގެ ގެއާދިމާއަށް އަތިރިއަށް ނުލެފެންޏާ ތަރައްޤީގެ އެމަޝްރޫއު ހިންގާނެ ކަމެއް ނެތެވެ. އެއިރުގެ މަޝްހޫރު ކެޔޮޅެއްކަމުގައިވާ ކޮކްކޯބެ ފަދަ އައްޑޫގެ ބައެއް މީހުންގެ ވިސްނުން އެއިރު ހުރީ މިފަދައިންނެވެ. އަދިވެސް ބައެއްމީހުންގެ ވިސްނުން ބަދަލެއް ނުވެއެވެ. އެއްވަސް ކަމެއް މިތާކު ނުވާނެއޭ، ނުކޮށްދޭނެއޭ ކިޔާފައި ދެއަތް އުރާލައިގެން ބޮޑާހާކާފައި ތިބުމަކީ ބައެއް މީހުން ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެވެ.

މުސްކުޅިން ބުނެއުޅެއެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. އައްޑު މީހުންވެސް "ރޯން" ވީއެވެ. ނުރޮއެ ތިބެގެން މިޒަމާނުގަ ކިރެއް ނިލިބޭނެއެވެ. މާމޮޅު ތާރީޙެއް އޮތް ތަނެކޭ ކިޔާފަ ފަޙުރުވެރިވެގަން ތިއްބާ ހުވަދު އަތޮޅު، ލާމު އަތޮޅޫ، ހއ އަދި ހދ އަތޮޅުވެސް ދުވަސް ކޮޅަކުން އައްޑޫ އަށް ވުރެ ތަރައްޤީ ވެދާނެއެވެ.

އައްޑޫ ނޫން އެހެން އަތޮޅުތަކުގެ ރައްޔިތުން އެމީހުންގެ އަތޮޅު ދެކެ މާ ލޯބިވާކަމަށް ފާހަގަ ކުރެވެއެވެ. އަތޮޅާއި ރަށުގެ ލޯބީގައި، އެންމެން ގުޅިގެން "ރޮއެގެން" ނަމަވެސް ކަންތައްތައް ކުރުވާތަން ފެނެއެވެ. އައްޑޫއަށް ހެޔޮ އެދިގެން މީހަކު ޙިޔާލެއް ފާޅުކުރިއަސް އެމީހަކަށް މަލާމާތް ކުރުމަކީ ބައެއް މީހުން ދެކޭގޮތުގައި ތިމާގެ ހައިބަތު އިރުރުކޮއްދޭ ކަމެކެވެ. ހަވީރު ފިންޏަށް ކޮފީ ޖަހައިގެންތިބެ މިފަދަ ފުރައްސާރަ ކޮށް، އަތުންފައިން މަސައްކަތެއް ނުކޮށް، އަނބި މީހާ މަސައްކަތް ކޮށްގެން ހޯދާ މުސާރައިން ކައިގެން، ދަރިފުޅު ސްކޫލަށް ލައިފަ ހޯދާފަ، އަނބިމީހާ އޮފީހަށް ލައިފަ ހޯދީމަ އެއީ އައްޑުގެ ބައެއް ފިރިހެނުންނަށް ވަޒީފާ އަދާ ކުރެވުނީ އެވެ. ނަމަވެސް މިޒަމާނުގައި މިގޮތަށް އުޅެގެން އަމިއްލަ ޒާތީ ދިރިއުޅުންވެސް ކުރިއެއް ނޭރުވޭނެއެވެ، އަދި ރަށާއި އަތޮޅުވެސް ތަރައްޤީއެއް ނުކުރެވޭނެއެވެ.

އައްޑު އަތޮޅުގެ ރައްޔިތުންގެ ބޮޑުބައެއެްގެ ތާއިދު އޮތީ ކޯލިޝަން ސަރުކާރަކަށް ކަމުގައިވަނީ ނަމަ އިބޫ އާއި ފައިސަލް ސެޕްޓެމްބަރ ފަހުކޮޅު ބޮޑު ޖަލްސާ އަށް އައްޑުއަށް ވަޑައިގަތުމުން އައްޑޫ ރައްޔިތުންގެ ހުރިހާ އެދުމެއް ބަންޑުންކޮށްލަންވީ އެވެ. އައްޑޫއަކީ މާލެނަގާފަ އެންމެ ބޮޑުތަރައްޤީއެއް އަންނަން ޖެހޭ އަތޮޅޭ ހަމައެކަނި ބުނެލާފައި ފަރުޖައްސާލައިގެން ތިބުމުގެ ފުރުސަތު ކެންޑިޑޭޓުނަނަށް ދީގެން ނުވާނެއެވެ. ހަޤީޤީ ވައުދުތަކެއް ވާން ޖެހޭނެއެވެ. މަގު ތަކުގައި ތާރިު އެޅުމާއި، ބަނދަރު ހެދުމާއި، ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމާއި، އެތާގައި ސީޕްލޭން ބޭސް ހެދުމާއި، ގެސްޓް ހައުސް މަޝްރޫއު ހިންގުމާއި، ސިޓީ ހޮޓާ އެޅުމާއި، ހަންކެޑެ ސަރަހައްދު ތަރައްޤީ ކުރުމާއި، އެންވެރިކަން އާލާ ކުރުމާއި، ކަނޑިހެރަ ފަދަ ރައްރަށުގައި ރިސޯރޓް ހެދުމާއި، ހޮސްޕިޓަލް ތަރައްޤީ ކުރުންފަދަ ވައުދުތައް، އޭގެ ތަފްސީލާއި އެކު ކެންޑިޑޭޓުން ވިދާޅުނުވާނަމަ އިންތިހާބް ކާމިޔާބް ކުރެއްވުމަށްފަހު ފުރިހަމަ ކުރަންޖެހޭ ހަޤީޤީ ވައުދެއް ނޯންނާނެއެވެ.

މިއީ މުސްތަޤްބަލުގެ ސަރުކާރެއްގެ އިސްވެރީންގެ ކަންފަތްދޮށުގައި ބަސްބުނުމުގެ ފުރުސަތު އޮތް ވަގުތެކެވެ. މިއީ އައްޑޫ ރައްޔިތުން ކަނަކަމަށް އެދި "ރޯންވީ" ވަގުތެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ވައުދުތައް ވުމަށް އެދެންވީ އެވެ. ވާންވީ ވައުދުތައްވެސް ބުނަންވީ އެވެ. އެކަކު އަނެކަކަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކުން ވާނެ ފައިދާއެއް ނެތެވެ. މާޒީގެތެރެއަށް އައްޑޫ ދޫކޮށްލާފަ އެހެން ސަރަހައްދުތައް ތަރައްޤީވެ، ދުންޖަހާފައި ކުރިއަށް ގޮސް އޮބާލުމުގެ ކުރީން އައްޑޫ ރައްޔިތުން ޢާފިލުކަމުގެ ނިދީން ހޭލާން ވެއްޖެއެވެ.