Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މީދޫގެ އެމްޑީޕީ ޖަގަހަ ރޯކޮށް އަންދާލައިފި

މީދޫ އެމްޑީޕީ ޖަގަހަ ރޯކޮށްލާފައި. ފޮޓޯ: ޝާހިދު

އައްޑޫ ސިޓީ މީދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރޯކޮށް އަންދާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 'އެޑްވާންސް' ޖަގަހަ ރޯކޮށްލާފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

'އެޑްވާންސް' ޖަގަހަ ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

މީދޫން ވާހަކަ ދެއްކި މީދޫގެ އެމްޑީޕީ އެކްޓިވިސްޓަކު ބުނި ގޮތުގައި ޖަގައިގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ތިބި ސްޕީކަރުތަކާއި އަގުބޮޑު ސާމާނުތައް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް. އާއްމު ރައްޔިތުން ޚަރަދުކޮށްގެން ހޯދާފައި ހުރި މުދާ މިތަނުގައި ހުރީ. ޖަގަހަ އަންދާލިޔަސް ރައްޔިތުންގެ ވޯޓެއް އަނިޔާވެރިންނަކަށް ނުލިބޭނެ"، މީދޫ 'އެޑްވާންސް' ޖަގަހަ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

'އެޑްވާންސް' ޖަގަހައިގައި ރޯކޮށްލި މައްސަލަ އާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މީދޫގައި ހުރި އެމްޑީޕީ ޖަގަހައެއްގައި ރޯކޮށްލާފައި ވާއިރު ފާއިތުވި އޯގަސްޓް މަހުގެ ތެރޭގައި މަރަދޫގައި ހުރި އެމްޑީޕީ އޮފީހަކަށް މޫނު ނިވާކޮށްގެން ތިިބި ގްރޫޕަކުން ވަދެ ވަނީ ހަމަލާދީފައެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.