Last Updated: April 26, 23:00
Friday, April 26, 2024
ރިޕޯޓް

ކޮލަމް: ސުވައިދީބު އެކާވީސްވަނަ ގަރުނުގައި!

މީގެ 59 އަހަރު ކުރިން ދެކުނުގެ ތިން އަތޮޅުން ދިވެހި ދައުލަތާއި ދެކޮޅުވެ ވަކިން އަމިއްލަ ސަރުކާރެއް އުފެއްދިއެވެ. އެއީ ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކް ކިޔުނު މަޝްހޫރު ދެކުނު ބަޢާވާތުގައި އުފެދުނު ދެކުނުގެ ތިން އަތޮޅުގެ ދައުލަތެވެ. ބަޢާވާތަކުން ވިޔަސް ސުވައިދީބު ސަރުކާރު ދެމިއޮތް ކުރު މުއްދަތުގައި އެސަރުކާރު އުފައްދަން ޖެހުނު ގިނަ ބޭނުންތައް ފުދިގެން ދިޔައެވެ.

މާލެއަށް ބަރޯސާނުވެ އަމިއްލަވަންތަ އިގްތިސާދެއް ބިނާކުރުމެވެ. މިކަމަށްޓަކައި ބޭނުންވާ ގާނޫނު ހަދާނެ ޕާލިމެންޓަކާއި، ބޭނުންތައް އިންތިޒާމުކޮށް ހަމަޖައްސާނެ ވުޒާރާތަކާއި، އިގްތިސާދެއް ބިނާކުރާނެ ބެންކާއި އަދި ފުދުންތެރިކަން އިތުރުކުރާނެ ވިޔަފާރި ކުންފުނިތައް ހަދައިގެން ހިންގިއެވެ. ބަޢާވާތަކަށް ވިޔަސް ދެކުނުގެ ތިން އަތޮޅުން އަމިއްލަ މިނިވަން އިގްތިސާދެއް ގާއިމްކުރިއެވެ.

އަނެއްކާވެސް 59 އަހަރު ފަހުން ސުވާދީބުގެ ވާހަކައެވެ. ހުވަދޫ އާއި ފުވައްމުލަކާއި އައްޑޫގެ ވާހަކައެވެ. މިއީ މާލެ ނެގުމަށްފަހު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސަރަހައްދެވެ. ނަމަވެސް މާލެ އާއި އަޅާބަލާއިރު މިއީ ތަރައްގީވަމުންދާ ސަރަހައްދެކެވެ. 21 ވަނަ ގަރުނު ދެމިގެން ދާއިރުވެސް މި ސަރަހައްދުގައި ފުދުންތެރި އަމިއްލަ އިގްތިސާދެއް ނެތެވެ. އަމިއްލަ ރަށުން ނުވަތަ އަތޮޅުން ލިބޭ އެއްޗަކުން ރަށުގެ ނުވަތަ އަތޮޅުގެ ހިންގުމުގެ ހަރަދުބަރަދުވެސް ހަމަނުޖެއްސެއެވެ. ގިނަ ރަށްރަށުގައި ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުއްދޭނެ ވަސީލަތްތައްވެސް ފުރިހަމައަށް ގާއިމް ކުރެވިފައި ނެތެވެ. އެކަށޭނަ ސިއްހީފަރުވާ ލިބޭކަށް ނެތެވެ. އާމްދަނީ ލިބޭނެ ގޮތްތަކާއި ވަޒީފާގެ ފުރުސަތު ނުހަނު މަދެވެ.

ކުރިޔަށް ދިއުމުގެ ކުރިން މި ސުވާލުތައް ތިބާގެ އަމިއްލަ ނަފްސާ ކުރައްވާށެވެ. ދައުލަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ލިބޭ ޓެކްސް ފައިސާ އާއި ހުރިހާ ރައްޔިތުންގެ ނަމުގައި ނަގާ ބޮޑެތި ލޯނުތަކުން އަދިވެސް ތަރައްގީ ކުރަންވީ މާލެ ހެއެޔެވެ؟ ހުރިހާ ރައްޔިތުންގެ ނަމުގައި ގެންނަ ޕްރޮޖެކްޓްތައް އިންވެސްޓްކުރަންވީ މާލެއަށް ހެއްޔެވެ؟ ރައްޔިތުންގެ ނަމުގައި 1 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އިތުރަށް ތަރައްގީ ކުރަންވީ މިހާރުވެސް ތަރައްގީވެފައިވާ މާލޭ އެއާޕޯޓު ހެއްޔެވެ؟ ބުރިޖާއި ހޮސްޕިޓަލް އަދި ކުޅިވަރުގެ ވަސީލަތްތައް އަދިވެސް ކުރިއަރުވަންވީ މާލެ ސަރަހައްދުގައި ހެއްޔެވެ؟ ދެކުނުގެ ތިން އަތޮޅަށް ހައްގު މިންވަރު ކޮބާ ހެއްޔެވެ؟

ހިޔާލު ކޮށްލައްވާށެވެ. ވެލާނާ އެއާޕޯޓަށް ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިންވެސްޓްކުރި 1 ބިލިއަން ޑޮލަރު ދެކުނު ސަރަހައްދަށް ހޭދަ ކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބުރިޖަށް ހޭދަކުރި 210 މިލިއަން ޑޮލަރު ދެކުނުގެ ތަރައްގީއަށް ހޭދަ ކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން އިގްތިސާދީ ގޮތުން ކުރިއަރައި ފައިދާ އާއި މަންފާ ލިބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟

ދެކުނުގައި ބައިނަލްއަގިވާމީ ފެންވަރަކަށް ފަހުގެ ވަސީލަތްތައް ހުންނަ ގޮތަށް ތަރައްގީ ކުރެވިދާނެ އެއާޕޯޓެއް މިހާރުވެސް އެބައޮތެވެ. އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓެވެ. އަބަދުވެސް ނެތްކަމަށް ބުނަނީ އެތަން ތަރައްގީ ކުރާނެ ފައިސާއެވެ. ދެކުނުގެ ތިން އަތޮޅުގައި އޮޕަރޭޝަންގައި އޮތީ 2000 ވަރަކަށް އެނދެވެ. ޖުމްލަ 4 ރިސޯޓެވެ. މާލެ ސަރަހައްދުގެ ރަށްތައް ފަތުރުވެރިކަމަށް ދޫކޮށް ހުސްވެގެން މިހާރު ކަނޑުފަޅުތައް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަނީއެވެ. ނަމަވެސް ދެކުނަށް އިންވެސްޓްމެންޓެއް ގެންނަން އުޅޭ ތަނެއް ނުފެނެއެވެ. ސުވާލަކީ ދެކުނު ތަރައްގީ ނުކުރެވެނީތޯ ނުވަތަ ތަރައްގީ ނުކުރަނީ ހެއްޔެވެ؟

ބުރިޖު އެޅުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ހޭދަކުރިއެވެ. މިއީ 5 ރިސޯޓު ތަރައްގީ ކުރެވޭނެހާ ފައިސާއެވެ. އައިޣީއެމްއެޗްގެ އާ އިމާރާތުގެ ކުރެހުމަށް އެކަނިވެސް 416 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. މިދައްކަނީ ދުނިޔޭގެ އެންމެ އަގުބޮޑުކޮށް ކުރަހާ މީހުންވެސް ކުރަހަނީ 50 މިލިއަން ރުފިޔާ އަށޭ ކިޔާ ވާހަކައެއް ނޫނެވެ. މިދެންނެވި އިމާރާތެއްގެ ކުރެހުމަށް ހޭދަކުރި 416 މިލިއަން ރުފިޔާއަށް ރަނގަޅު ފެންވަރެއްގެ ރިސޯޓު ހެދޭނެ ވާހަކައެވެ. ސުވާލު ތަކުރާރު ކޮށްލާނަމެވެ. ދެކުނު ތަރައްގީ ނުކުރެވެނީތޯ ނުވަތަ ތަރައްގީ ނުކުރަނީ ހެއްޔެވެ؟

ދަންނާށެވެ. ބައިނަލްއަގްވާމީ އެއާޕޯޓެއް ހަރަދު ދެކޮޅު ޖެހޭ ގޮތަށް (ފީސިބްލްކޮށް) ހިންގޭނީ އެއާޕޯޓަށް ޖައްސާ ޗާޓަރު ފްލައިޓާއި ޝެޑިއުލް ފްލައިޓުތަކުގެ ފްލައިޓުގެ އަދަދުންނެވެ. ފްލައިޓްތަކުގެ އަދަދު އިތުރުވާނީ ދަތުރުކުރާ މީހުންގެ އަދަދު ގިނަވެގެންނެވެ. ދަތުރުކުރާ މީހުން ގިނަކުރެވޭނީ އަންނަ ފަތުރުވެރިންގެ އަދަދު ގިނަ ކުރެވިގެންނެވެ، ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނީ އެނދުތަކުގެ އަދަދު އިތުރުކުރެވިގެންނެވެ. އަނދުތަކުގެ އަދަދު އިތުރުކުރެވޭނީ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ އަދަދު އިތުރުކޮށްގެންނެވެ.

މާފުށި މިސާލަކަށް ނަގާށެވެ. ލޯންޗުގައި މާލެއިން މާފުއްޓަށް ދާން ނަގަނީ 45 މިނެޓެވެ. ލޯންޗުގައި އައްޑޫ އިން ފުވައްމުލަކަށް ދާންވެސް ނަގަނީ ހަމަ މިހާ އިރެވެ. ސީޕްލޭންގައި މާލެއިން ފާދިއްޕޮޅަށް ދާން ގަޑިއެއްހާ އިރުވެސް ނުނަގައެވެ. އައްޑޫ އިން ހުވަދޫ އަތޮޅަށް ދާން ނަގާނީ ގާތްގަނޑަކަށް އެހާވަރުގެ ވަގުތުކޮޅެކެވެ. ގަން އެއާޕޯޓަށް ރަނގަޅަށް އިންވެސްޓްކޮށް ތަނުގެ ފެންވަރު މަތިކޮށް ވަސީލަތްތައް ގިނަ ކޮށްފިނަމަ ދެކުނުގެ ތަރައްގީއަށް އިންގިލާބެއް އަންނާނެއެވެ. 'އަސްލު' ބައިނަލްއަގްވާމީ އެއާޕޯޓަކާއި ވަށައިގެން އެއާއި ގުޅިލާމެހިފައިވާ ރިސޯޓުތަކުން ލިބޭ އާމްދިނީ އާއި މަންފާގެ ސަބަބުން އެސަރަހައްދުގައި މިނިވަން އަމިއްލަ ފުދުންތެރި އިގްތިސާދެއް ގާއިމްވެގެންދާނެއެވެ. ސަރަހައްދީ ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ ރަށްތައް އޭގެ އަމިއްލަ ޒާތުގައި ތަރައްގީ ވެގެންދާނެއެވެ.

ފުވައްމުލައް ފަދަ އެކަހެރި ރަށްތައް ކުރިއެރުވޭނީ ރަށުގެ އާންމު ރައްޔިތުމީހާ ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވެ ނަފާ ލިބޭ ސިޓީ ހޮޓަލާއި، ގެސްޓް ހައުސް އަދި ހޯމްސްޓޭ ފަދަ އާންމު ފަތުރުވެރިކަން ރަށުގައި ކުރިއަރުވައިގެންނެވެ. ރަށަށް ތަރައްގީ އަންނާނީ އިސްވެ ބަޔާން ކުރެވުނު މަގުން ކުރިއަށް ގޮސްގެންނެވެ. ބައިނަލްއަގްވާމީ އެއާޕޯޓުތައް ތަރައްގީކޮށް ސަރަހައްދުގައި ހިމެނޭ އެނދުގެ އަދަދު އިތުރުކޮށް ސަރަހައްދު އެކީ އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިގެންނެވެ.

ގުދުރަތީ ގޮތުން ވަކިވަކިން އުފެދިފައިވާ ރާއްޖޭގެ ރަށްތައް ކުރިއަރައި އިގްތިސާދީ ތަރައްގީ ގެނެވޭނީ މިދެންނެވި އުސޫލުންނެވެ. އެސަރަހައްދުތަކުގައި ގިނަ ރިސޯޓުތަކެއް ހުޅުވައި އެއާޕޯޓުގެ ފެންވަރު މަތިކޮށްގެންނެވެ. މިކަން ކުރުމަށްޓަކައި އުތުރާއި ދެކުނަށްވެސް ބޮޑެތި އިންވެސްޓްމެންޓްކުރުން ސަރުކާރަށް ލާޒިމެވެ. ރާއްޖޭގެ ކުރިއެރުމަށްޓަކައި އުތުރާއި ދެކުނުވެސް ތަރައްގީކުރުން މުހިންމެވެ. އެހެނީ ރާއްޖޭގެ ތަރައްގީއަށް އޮތް ހައްލަކީ އަދި ކުރިއަށް ދާން އެންމެ އައުލާކަން ބޮޑު ގޮތަކީ ރާއްޖޭގެ އެހެނިހެން ސަރަހައްދުތައްވެސް ކުރިއެރުވުމެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް ބޮޑެތި މަޝްރޫއުތައް ގެންގޮސް އެސަރަހައްދުތައްވެސް ތަރައްގީކުރުމެވެ. މާލެއިން ލިބޭ ހިދުމަތްތައް އެސަރަހައްދުތަކުން ލިބޭނެ ގޮތް ހަދައި މާލޭ ސަރަހައްދަށް ބަރޯސާވުން ކުޑަކުރުމެވެ.

ތާރީހު ބުނެދެނީ ބަޢާވާތަކީ ހައްލެއް ނޫން ކަމަށެވެ. ކުރިއަށް ބޯމަތީގައި މިއޮތީ ސުވައިޑިބު އުފެދެން ދިމާވި މައްސަލަތަކަށް ހައްލު ހޯދަންވީ ވަގުތެވެ. މިއީ ތަރައްގީ ބެހިގެން މިދާ ގޮތާޢި މެދު ގޮތް ނިންމަން ރައްޔިތުންނަށް ލިބޭ ފުރުސަތެވެ. ރިޔާސީ އިންތިހާބުގެ ވޯޓަކީ ކުރިޔަށް އޮތް ފަސް އަހަރުތެރޭގައި މި ދެންނެވި މައްސަލަތަކަށް ހައްލު ހޯދާނެ ވެރިޔަކު ހޮވަން ލިބޭނެ އެންމެ ފަހި ފުރުސަތެވެ. ނިންމާނީ ދިވެހިރައްޔިތުންނެވެ.

އެޑިޓަރުގެ ނޯޓު: މިއީ އައްޑޫލައިވްގެ ކިއުންތެރިއެއްކަމަށްވާ ހަސަން ހައްސާމް ހިއްސާ ކުރި ލިޔުމެކެވެ. މިލިއުން ޝާއިއުކޮށްފައިވަނީ ލިޔުންތެރިޔާ ފޮނުވި ގޮތަށް ބަދަލު ނުގެނެސްއެވެ. މިފަދަ އެހެން ލިއުންތަކަަށްވެސް މި ނޫހުން މަރުހަބާ ކިޔަމެވެ.