Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ކެޔޮނިރު: ނަޑެއްލާ އިބިރިހިން ފުތާގެ "ބައިސްކޯފް"

އެއީ މީގެ 46 އަހަރު ކުރިއެވެ. ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރެވެ. ތަނަކީ ގދ.ނަޑެއްލާ އެވެ. މިހާރު ދޮޅުހާހެއްހާ މީހުން ދިރިއުޅޭ ނަޑެއްލާގެ އެއިރުގެ އާބާދީއަކީ އެންމެ 200 އެވެ. ތަރައްޤީގެ އަސަރު އެއިރު ނަޑެއްލާއާ ހިސާބަށް އެއްގޮތަކަށްވެސް ފޯރާފައި ނުވެއެވެ.

ނަޑެއްލާގެ އާއިލާތަކުގެ ތެރެއިން ތަންކޮޅެއް ތަނަވަސް އާއިލާއެއްގެ މީހަކު އެއަހަރު ހައްޖަށް ދިޔައެވެ. އިބިރިހިންފުތާ ހައްޖުން އަންނަމުން ވަރަށް މޮޅު އެއްޗެއް އެއަހަރު ގެނައެވެ. ގެފުޅާއި މައްކާގެ ތަފާތު މަންޒަރު ދައްކައިދޭ ކުޑަ ފޮއްޓެކެވެ. އެފޮއްޓަށް ކުދި ކުދި ފޮޓޯ ލައްވައިގެން ބެލުމުން ވަރަށް އަލިގަދަކޮށް، ރީތިކޮށް މައްކާގެ މަންޒަރުތައް ފެނެއެވެ. މިކަމަށް އިބިރިހިންފުތާ ދިން ނަމަކީ "ބައިސްކޯފް" ދެއްކުން އެވެ. ބައިސްކޯފް ޝޯއެއް ބެލެނީ ފަހަރަކު މީހަކަށެވެ. ޝޯގެ ދިގުމިނަކީ ހަތަރު ވަރަކަށް މިނިޓެވެ. ޝޯއެއް ބެލުމުގެ އަގަކީ ތިން ކާއްޓެވެ!

ފޮޓޯ ފޮށި ހިފައިގެން އިބިރިހިންފުތާ، އަތޮޅުގެ އެކި ރަށްރަށަށް ދިއުމުން ރަށްރަށުގެ އެންމެން ކަހަލަ ގޮތަކަށް އެޝޯ ބަލަން އެއްވެއެވެ. ބައެއް މީހުން އެއް ފަހަރު ބަލާފަ އެވަރުން ނުވެގެން ދަރީން ކޮޅު ގޮވައިގެން، ކާށި ގޯންޏެއް ހިފައިގެން ގޮސް، ދެވަނަ ފަހަރަށްވެސް ބަލައެވެ. ކިޔޫ ހަދާފަ އެވެ. ކޮންމެ ދަތުރެއް ނިންމާލާ އިރު އިބިރިހިންފުތާ އަށް ދުއިސައްތަ ތިންސަތެކަ ކާށި ލިބެއެވެ.

"ކޮއެފުޅާ، މިއީ ޖަބަލް އަރަފާތު، މިއީ ތިން ޖަމްރާ، މިހިރީ ހަޖަރުލް އަސްވަދު، މިއީ ހިރާ ފަރުބަދަ…،" އިބިރިހިންފުތާގެ ކޮމެންޓްރި ކުރިއަށް ގެންދެއެވެ. އިބިރިހިންފުތާގެ ކޮމެންޓްރީ އަކީ ފޮޓޯޝޯގެ ވަރަށް މުހިއްމު ބައެކެވެ. އޭނާގެ ކޮމެންޓްރީ އަޑު އަހަމުން ފޮޓޯތައް ބަލަން އެތައް ބަޔަކު ހައިރާންވެފައި ތިބެއެވެ. މިއީ ކޮންފަދަ ބޮޑު އަޖައިބެއް ބާވައެވެ!

އެއީ މީގެ 50 ހަކަށް އަހަރު ކުރީގެ ނަޑެއްލާ އެވެ. ތަރައްޤީގެ ޒައްރެއްގެ މިންވަރުވެސް ނައިސް އޮތް ނަޑެއްލާއެވެ. ތިން ކާށި ދީފައި ފޮޓޯ ފޮށިން ބައިސްކޯފް ބެލި ޒަމާނެވެ. އެފޮޓޯތައް ފެނިފައި ހައިރާންވެ ތަލިން ކުޅު ހިކުނު ޒަމާނެވެ. އެއިރު އަރަށު މީހުން ހީކުރީ އިބިރިހިންފުތާގެ ބައިސްކޯފަކީ ދުނިޔޭގެ އެވަގުތުގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކަމަށެވެ. އެންމެ ބޮޑު ތަރައްޤީ ކަމަށެވެ. ޢޭގެ 50 ހަކަށް އަހަރު ފަހުން ނަޑެއްލާގެ ގިނަ ބަޔަކު "ބައިސްކޯފް" ފޮށީގެ ބަދަލުގައި މިހާރު ބަލަނީ މިޒަމާނުގެ ސޮނީ ޓްރިނިޓްރޯން، ލެޑް ސްކްރީން، ސްމާރޓް ޓީވީ އެވެ. ނަޑެއްލާ މީހުން ތިބީ ފުދިފައެވެ. ދާދި ފަހުން މާލެއާ ހުޅުމާލެއާ ދެމެދު ބްރިޖް އެޅުމުންް މާލޭ ސަރަހައްދުގެ ބައެއް ރައްޔިތުން ފުދިފަ ތިބި ގޮތަށެވެ. ބްރިޖް އެޅިއްޖެ އެވެ. އެއީ އެމެރިކާ މީހުން ހަނދަށް ދިއުންފަދަ ކަމެކެވެ. ތަރައްޤީވެ ނިމިއްޖެ އެވެ! ނަމަވެސް ނަޑެއްލާ މީހުންނަށް އިބިރިހިންފުތާގެ ބައިސްކޯފަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއޭ އެއިރު ހީވި ގޮތަށް ދިވެހި ރައްޔިތުން ބްރިޖަކުން ފުއްދާލައިގެން ތިބޭ ވަރަށް ވުރެ ބާރު ސްޕީޑް ގައި ދުނިޔެ ކުރިއަރަމުން އެބަދެއެވެ. ތަރައްޤީގެ ދުވެލި މެކުހަށް ނުޖަހައިފިނަމަ މިސާލަކަށް ސިންގަޕޫރު އެއޮތް ފެނަވަރަށް ރާއްޖެ ގެންދަން ވެސް އަދި 50 އަހަރު ނަގާނެއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގެ ބިމުއަޑިން، އަންޑަރގްރައުންޑް ރެއިލްވޭ އެޅީ ކޮންއަހަރެއްގެއި ކަން ކިތައް ދިވެހީންނަށް އެނގޭ ބާވައެވެ؟ އެއީ 1863 އެވެ. މީގެ 154 އަހަރު ކުރިއެވެ. އެމެރިކާގެ މަޝްހޫރު ބްރޫކްލިން ބްރިޖް ހުޅުވާފައިވަނީ 1883 ވަނަ އަހަރުއެވެ. އެއީ މީގެ 135 އަހަރު ކުރިއެވެ. އެހެންވީމަ ދުނިޔޭގެ ސްޕީޑާ ދިވެހިރާއްޖެއަށް ފައިހަމަ ކުރެވޭނީ ވިސްނުން އާސްމާނަށް ގެންގޮސްގެންނެވެ. އެގޮތަށް އާސްމާނަށް ވިސްނުން ގެންދާއިރު ބައެއް ޙިޔާލްތަކަކީ ފަހަރުގަ އެންމެ ރަނގަޅުނޫން ޙިޔާލް އަށް ވެސް ވެދާނެއެވެ. ނަމަވެސް ޤަބޫލްކުރަންޖެހޭ ޙަޤީގަތަކީ، ތަރިއެއްގައި އަތްލެވިދާނެ ކަމަށް ޤަބޫލްކޮށް ޖައްވާ ދިމާއަށް އަތްދިއްކުރުމުން ތަރިއެއް ގައި އަތްނުލެވުނަސް ފަހަރުގަ އެހެން ކުރިއެރުމެއްވެސް ލިބިދާނެ ކަމެވެ.

މިސާލަކަށް މީގެ 15 ވަރަކަށް އަހަރު ކުރީން އިގިރޭސި ހަފްތާ މަޖައްލާ "މަންޑޭ ޓައިމްސް" ގައި އަޅުގަނޑު ފާޅުކުރި ޙިޔާލެކެވެ: ރާއްޖޭގެ އެންމެ ކުޑަ، އެންމެ އާބާދީ މަދު އަތޮޅު ކަމުގައިވާ ވާވު އަތޮޅު އެއްކޮށް (ޑީޕްސީ ޑްރެޖިންގް ހަދައިގެން) ހިއްކައިގެން، 15 ފޫޓު އުސްކޮށް ބޮޑުސިންގާ ބިމެއް ތަރައްޤީ ކުރުމުގެ ޙިޔާލެވެ. މީގެ 20 އަހަރު ފަހުން ފަހަރުގަ ބަޔަކު މިކަން ކޮށްފާނެއެވެ. މިފަދަ ޙިޔާލުތައް ކޮށްގެން މެނުވީ ތަރައްޤީ އަވަސް ނުކުރެވޭނެއެވެ. އައްޑު އަތޮޅުގެ ގަމުން ހުޅުދޫއަށް ސިނަމާލެ ބްރިޖް ފަދަ ބްރިޖެއް އެޅުމުގެ ޙިޔާލް އަޅުގަނޑު ފާޅު ކުރުމުންވެސް ބައެއް މީހުން ހަޖޫ ޖެހިއެވެ. މިފަދަ ގޮތަކަށް ވިސްނުން ހުރެގެން މެނުވީ ޤައުމު ތަރައްޤީއެއް ނުކުރެވޭނެއެވެ. ސިންގަޕޫރާ ފައިހަމަ ނުކުރެވޭނެއެވެ.

އަބަދުވެސް އަމާޒަކަށް ބަލަންވީ އެންމެ މައްޗެވެ. އަމާޒުގެ 50% ހާސިލްވިއަސް އެއީ ހަމަ ކާމިޔާބެކެވެ. ބައިސްކޯފުން ފުއްދާ ނުލާށެވެ. ބްރިޖަކުން ފުއްދާނުލާށެވެ. ދުނިޔޭގެ ތަރައްޤީ އެދަނީ ދުންޖަހާފަ ގޮސް އޮބާލާ ސްޕީޑްގަ އެވެ. ތަރައްޤީގެ ވިސްނުން މަތިކުރާށެވެ. ފިޔަވަޅު ހަލުއި ކުރާށެވެ. އިބިރިހިންފުތާއަކަށް ހެދިގެން، ފުދިގެން ނުހުންނާށެވެ!