Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މިއަދު ހަވީރު 4 ޖަހާއިރު ސިނަމާލެ ބްރިޖު އާންމުންނަށް ހުޅުވާލަނީ

ސިނަމާލެ ބްރިޖު ހުޅުވި ރަސްމިއްޔާތުގައި ބްރިޖު ކައިރިން ހަވާ އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލި "ސިނަމާލެ ބްރިޖު" އާންމު ދަތުރުފަތުރުތަކަށް މިއަދު ހުޅުވާލާނެ އެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ހަވީރު 16:00 ގައި ސިނަމާލެ ބްރިޖު އާންމުކޮށް ދަތުރުފަތުރު ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.

މިއަދު ހަވީރު އާންމުންނަށް ބްރިޖު ހުޅުވާލާއިރު، ބްރިޖާ ގުޅިގެން ތަރައްޤީކުރި ރިންގް ރޯޑް ވަނީ އާންމު ދަތުރުފަތުރު ކުރުމަށް ހުޅުވާލާފައެވެ.

ތިން އަވަށް ގުޅުވާލި މި ތާރީޚީ ބްރިޖު އެޅުމަށް އަމަލީ ދިރާސާތައް 2015 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ފަށާފައިވާއިރު، ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވިއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި މި ބްރިޖަށް އެ ޤައުމުން ވަނީ 116 މިލިއަން ޑޮލަރުގެ ދީލަތި އެހީއެއް ފޯރުކޮށްދީފައެވެ. އަދި 72 މިލިއަން ޑޮލަރު ޗައިނާގެ ލޯނު އެހީގެ ގޮތުގައި ނެގިއިރު، މި މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.