Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ކޮލަމް: ހިބަރުވަދާއި ރިޔާސީ އިންތިޚާބު

ހިބަރަކީ ކަނޑުގައި އުޅޭ ބޮޑެތި މަހުގެ ބާވަތެކެވެ. ރާއްޖޭގެ ކަނޑުތަކުގައި ވަރަށް އާއްމު އެއްޗެކެވެ. މީގެ ކިތަންމެ ވައްތަރެއް ހުރެއެވެ. މީގެ އެންމެ ޚާއްސަ ސިފަޔަކީ މަތީ ތުން ދިގުކޮށް ހުރުމެވެ. ބައެއް ވައްތަރުގެ ހިބަރުމަހަކީ ވަރަށް ހަރު ނުބައި މަހެކެވެ.

ވަދަކީ ބުޅީގައި އެންމަހުގެ ސިފަޔަށް ބަންނަ ނުވަތަ ހަރުކުރާ ފަތްބޮނޑިޒާތުގެ އެއްޗެކެވެ. މިއީ ބުޅި ފޮރުވައި އެންމަހުގެ ވައްތަރު ދައްކައި މަސް ދަހިކުރުމަށް ބޭނުންކުރާ އެއްޗެކެވެ. ހިބަރުވަދަކީ ހިބަރު ބޭނުމަށް ރާއްޖޭގެ މަސްވެރިން ބޭނުންކުރާ ވަރަށް ޚާއްސަ ވަދެކެވެ. ރާއްޖޭގެ އެކި ހިސާބުގައި ހިބަރުވަދު ތަފާތެވެ.

އައްޑުއަތޮޅުގެ މަސްވެރިން ބޭނުންކުރާ ހިބަރުވަދުގައި ބުޅި ހުރެއެވެ. އެކަމަކު މެދުރާއްޖެއާއި އުތުރުގެ މަސްވެރިން ބޭނުންކުރާ ހިބަރުވަދުގައި ބުޅިއެއް ނުހުންނާނެއެވެ. އެޒާތުގެ ވަދުގައި ހުންނާނީ ބުޅީގެ ބަދަލުގައި ތިމަރަ ބަރެކެވެ. ދެން ކޮޅަށް ދޫކޮށްފައި ހުންނާނީ އުއިކޮޅެކެވެ. މީގައި ބުޅިއެއް ނެތަސް ވަދުގައި ހިފީމާ ހިބަރުގެ ތުން ހުންނަގޮތުން މިޔަކުން ނެއްޓެވޭނެ ގޮތެއް ނުވެއެވެ.

ވަދުން ނެއްޓިގަނެވޭތޯ ހިބަރު ވަރަށް ގަދަދައްކައި ވާންކުރާނެއެވެ. ޒާތްޒާތަށް ފޮނުއަރުވައި ދޫނުދޭން އުޅޭނެއެވެ. އެކަމަކު އާޚިރުގައި އެސޮރު ލޮޑުވުން ނޫންކަމެއް ނުވާނެއެވެ. ކޮޅުކޮޅުމައްޗަށް ދުވެ ފޮނުއަރުވަމުންގޮސް އެންމެފަހުން ލޮޑުވީމާ ދެން ދަމައިގެނެސް ދޯނީގެ ތައްޓުމައްޗަށް ނަގާކަށް އުދަގުލެއް ނުވާނެއެވެ.

ތައްޓުމައްޗަކީ އޮޑިދޯނިފަހަރުގެ ވަތްތަކުގެ މަތީގައި އަޅާފައި އޮންނަ ޑެގުމައްޗެވެ. މިއީ ހިބަރުގެ ތޮބީއަތެވެ. ދިވެހިން ވަރަށް ރަގަޅަށް ދަންނަ ތޮބީއަތެކެވެ. ހިބަރުވަދުގެ މިސާލަކީ އެހެން ކަންކަމަށްވެސް ބޭނުންކޮށް އުޅޭ މިސާލެކެވެ. ގޮތްހުސްވެ ކޮޅުބެދުނީމާވެސް ދޫނުދީ ގަދަ ދައްކައި ވާންކުރާ މީހުންނަށް މި މިސާލު ބޭނުން ކުރެވެއެވެ. މިޒަމާނުގައި ސިޔާސީ މީސްމީހުންނަށް ވެސް މި މިސާލު ރައްދު ކުރެވެއެވެ.

މިއަދުގެ ސިޔާސީ މަސްރަހުން ހިބަރުވަދުގެ މިސާލެެއް ނަގާނަމަ އެއީ ސިންގާސަނާގައި ވެޑުވިގެން އެއިންނެވި މަނިކުފާނެވެ. އެމަނިކުފާނު ހުންނެވީ ހިބަރުވަދުގައި ރަގަޅަށް ޖެހިފައެވެ. ސެޕްޓެމްބަރު ތޭވީހަކީ ބޮޑު ހިބަރު ތައްޓުމައްޗަށް ނަގާދުވަހެވެ. ފުމުނަސް ފޮނުއެރުވިޔަސް އޮތީ ނެގުމެވެ. ތަންތާގައި މިހާރު އެފުމޭ ފުމުމާއި އަރުވާ ފޮނުން ލޮޑުވުން ނޫންކަމެއް ނެތެވެ.