ކުޅިވަރު

މެސީ އާ ރޮނާލްޑޯ އަށް ވުރެ އުމުރުން 19 އަހަރުގައި އެމްބާޕޭ މާ މޮޅު

އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުން ހުއްޓާލާ ދުވަހަކުން ފުޓްބޯޅައިގައި ރަސްކަން ކުރާނީ ކޮން ކުޅުންތެރިއެއްތޯ ގިނަ ބަޔަކު ކުރަމުން އައި ސުވާލަށް އެކަށީގެންވާ ޖަވާބެއް ނުލިބިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

މިހާރު، މެސީ އާ ރޮނާލްޑޯ ވެސް ތިރީހުގެ އުމުރުތައް ގުނަމުންދާއިރު މިދެކުޅުންތެރިންނާއި ކުރިން އެންމެ ގާތުން ވާދަކުރި ބްރެޒިލްގެ ނޭމާ އަށް ދިމާވި އެކި އެކި މައްސަލަތަކާއި ހުރެ އެންމެ ރަނގަޅު ކުޅުން ނުދެއްކި އޭނާގެ ވިދުން ފަނޑުވެފައިވާއިރު ފްރާންސްގެ ކިލިއަން އެމްބާޕޭ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ އުމުރުން 19 އަހަރުގައި މެސީ އާ ރޮނާލްޑޯ ދެއްކި ކުޅުމަށް ވުރެ މޮޅު ކުޅުމެއް ދައްކައިފައެވެ.

އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑްތައްކަމުގައިވާ ފައިނަލެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެމުބާރާތުގެ މެޗެއްގައި ދެލަނޑު ޖެހި 20 އަހަރުން ދަށުގެ ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ.

ރޮނާލްޑޯގެ އުމުރުން 19 އަހަރުވީއިރު އޭނާގެ ފުރަތަމަ ބޮޑު މުބާރަތަކީ 2004 ވަނަ އަހަރުގެ ޔޫރޯއެވެ. ޕޯޗުގަލް ކުޅުނު ހަ މެޗުގެ ތެރެއިން އެ މުބާރާތުގައި ހަތަރު މެޗެއްގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު އޭނާ ވަނީ ގްރީސްކޮޅަށް ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ. އެއުމުރުގައި ޗެމްޕިއަންސް ލީގުގައި އޭނާ އަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު ޤައުމީ ޓީމަށް ހަތް ގޯލް ޖަހައިދީފައިވެއެވެ. މީގެއިތުރުން، އޭނާ ވަނީ ކްލަބް ކެރިއަރުގައި 17 ލަނޑުޖަހައިފައެވެ.

މެސީގެ އުމުރުން 19 އަހަރުވީ 2006ގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި މެކްސިކޯ ކުޅުނު މެޗުގައެވެ. އެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފަސް މެޗުގެ ތެރެއިން މެސީ ކުޅުނީ ތިން މެޗުގައެވެ. އެއީ ވެސް މަދު ވަގުތުކޮޅެއްގައެވެ. އެކަމަކު އެމުބާރާތަށް އޭނާ ދިޔައިރު ބާސެލޯނާއާއެކު ދެ ފަހަރު ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައިވެއެވެ. އޭރު އޭނާ ވަނީ ކްލަބަށް 25 ލަނޑުޖަހައިދިނުމުގެ އިތުރުން ޤައުމީ ޓީމަށް ހަތަރު ގޯލް ކާމިޔާބުކޮށްދީފައެވެ. ޗެމްޕިއަންސް ލީގުގައި ޖެހިފައިވަނީ އެންމެ ދެގޯލެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ މިހާރު ޕީއެސްޖީއަށް ކުޅެމުންދާއިރު އޭނާ ވަނީ ކުލަބް ކެރިއަރުގައި 52 ގޯލް ކާމިޔާބުކޮށްފައެވެ. އުމުރުން 17 އަހަރުގައި ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ރަންބޯޅަ ހޯދިއެވެ. އަދި 2016 ވަނަ އަހަރުގައި 19 އަހަރުން ދަށުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދީ އެމުބާރާތުގައިވެސް ހަތަރު ގޯލު ކާމިޔާބުކޮށްފައިވެއެވެ. އޭނާ ވަނީ މިހާތަނަށް ފްރާންސްގެ ޤައުމީޓީމަށް 9 ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި 10 ގޯލް ކާމިޔާބުކޮށްދީފައެވެ.

މިހުރިހާ މުބާރާތްތަކެއްގައި މިތިން ކުޅުންތެރިންގެ އުމުރުން 19 އަހަރުގައި ދެއްކި ކުޅުމާއި ކާމިޔާބުކޮށްފައިވާ ގޯލްތަކުގެ އަދަދަށް ބަލާއިރު އެމްބާޕޭ ކުރީގައި އުޅޭއިރު އޭނާ ވަނީ މެސީ އަދި ރޮނާލްޑޯ އަށް މިހާތަނަށް ހޯދިފައިނުވާ ކާމިޔާބީއެއްކަމަށްވާ ވޯލްޑްކަޕްގެ ތަށިވެސް ޒުވާން އުމުރުގައި ދެއްކި މޮޅު ކުޅުމާއިއެކު ހޯދައިފައެވެ. މީގެއިތުރުން، އެމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމްވެސް އޭނާ ވަނީ ހޯދައިފައެވެ.