Last Updated: April 20, 10:54
Saturday, April 20, 2024
ރިޕޯޓް

ކެޔޮނިރު: އައްޑޫ ގަމުން ނުވަތަ ހިތަދޫއިން ހުޅުމީދޫ އަށް އަޅާ ބްރިޖް ހަޤީގަތަކަށް ވަނީ!

އައްޑު އަތޮޅު ގަމުން ނުވަތަ ހިތަދޫ އިން ހުޅުމީދޫއަށް ބްރިޖެއް އެޅުމުގެ ޚިޔާލް އަޅުގަނޑު ފާޅު ކުރުމުން އެންމެ ފުރަތަމަ ބައެއް މީހުން ޖެހީ ޖޯކެވެ. އާބާދީ މަދު، އިގްތިސާދީ ހަރަކާތްތައް މަދު ރަށަކާ ގަމާ ބްރިޖަކުން ގުޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއްކަމަށް ބުނެއެވެ. މިބްރިޖް އެޅިދާނެ ދެރޫޓެއް އެބައޮތެވެ. އެއީ ގަމުން ހުޅުމީދު އަށް ނުވަތަ ހިތަދޫއިން ހުޅުމީދޫއަށެވެ. މީގެތެރެއިން ފުރަތަމަ ރޫޓުގެ ތައާރަފެއް ބަޔާން ކޮށްލާނަމެވެ.

ގަން/ހުޅުމީދޫ ބްރިޖްގެ ޚިޔާލް މިހާރުވަނީ ކޮންމެވެސް ވަރަކަށް ވައިގަ ހިފާފައެވެ. މިބްރިޖް އެޅުމުގެ ފީސިބިލިޓިއާމެދު ރައީސް ޔާމިނުގެ އިތުރުން ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވިސްނަވަމުން ގެންދަވާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން ޙަބަރު ލިބިފައިވެއެވެ. ސުވާލަކީ ގަން/ހުޅުދޫ ބްރިޖްގެ ވިޝަން ފުރަތަމަ ރަސްމީކޮށް އިއުލާން ކުރައްވާނީ ރައީސް ޔާމިންތޯއެވެ ނުވަތަ ކޯލިޝަން ކެންޑިޑޭޓް އިބޫ ތޯއެވެ؟

ގަން/ހުޅުމީދޫ ބްރިޖް އަޅާނީ މިޕްރޮޖެކްޓް އިގްތިސޯދީ ގޮތުން ދެކޮޅު ޖެއްސުމަށް ބޭނުންވާ އެހެން އިންފްރާ ސްޓްރަކްޗަރ ޑިވެލޮޕްމަންޓާ އެކުގައެވެ. އޭގެ ތެރޭގައި މީދޫ ފަޅުން ބިން ހިއްކައިގެން ހަދާ ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބަނދަރާއި، އެތަނުން ހިއްކާ ބިމުގައި އަޅާ އިތުރު ފެކްޓަރީ ތަކާއި، ވެއަރހައުސް (ގުދަން) ތަކާއި، ހުޅުދޫ / މީދޫގައި ހިންގާ ބޮޑު ގެސްޓްހައުސް މަޝްރޫއާ ވެސް އެކުގައެވެ.

އައްޑު އަތޮޅުގެ އުތުފަރާތުގައި އެއް ފަޅެއްގައި ތިން ރަށް ވެއެވެ. އެއީ ކަނޑިހެރަ، ކޮޑަދިހެރަ، އަދި ފަތިކެޑެހެރަ މިތިން ރަށެވެ. އެއް ފަޅެއްގައިވާ މި ތިންރަށް ފާލަން ތަކަކުން ގުޅާލުމަށް ފަހު ރިސޯރޓް ހަދަން ދޫ ކުރުމަކީ އައްޑު އަތޮޅުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ އެންމެ މުހިއްމު އެއް ކަމެވެ. ކަނޑިހެރަ އޮންނަ ފަޅުގެ ދެފަރާތުން އައްޑު އަތޮޅަށް ވަންނަ 2 ކަނޑު އޮޅި އޮވެއެވެ. ކަނޑިހެރަގެ އިރުން އޮތް ކަނޑު އޮޅިން ފެށިގެން ގޮސް ސ.މީދޫ އާހަމައަށް، މީދޫގެ ފަޅު ހިއްކާލުމުން ވަރަށް ބޮޑޫ ސަރަހައްދެއްގެ ބިން، ތަރައްޤީގެ މަޝްރޫއު ހިންގަން ލިބޭނެއެވެ. މިގޮތުން ހިއްކާ ބިމުން ބޮޑު ބައެއްގައި ބައިންލްއަޤްވާމީ ކޮންޓެއިންރ ބަނދަރަކާއި، ސިމެންތި ފެކްޓަރީ، ދަޅުމަސް ބަންދުކުރާ ފެކްޓަރީ ފަދަ ފެކްޓަރީ ތަކާއި، ބޮޑެތި ވެއަރ ހައުސް (ގުދަން) ތަކާއި، ސިނާއި އެހެނިހެން މަސައްކަތަ ތަކަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަރ ގާއިމް ކުރެވޭނެއެވެ.

މީދޫގެ ކޮންޓެއިނާ ބަނދަރު ވެގެންދާނީ ބޮޑެތި އާގު ބޯޓު އެލޯންގްސައިޑް ކުރެވޭ ވަރުގެ ބައިންލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރަކަށެވެ. އެބަނދަރާ އިންވެގެން ހިއްކާ ބޮޑު ބިމުގައި ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާ ތަކާއި، ސްކޫލް، ހޮޓެލް އަދި ކޮންޑޮމީނިއަމްސް އާއި ފްލެޓް ފަދަ ހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. އަދި ދަނޑުވެރިކަން ކުރާނެ ދަނޑުތަކާއި، ކުކިންގ އޮއިލް، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހިކި ކިރު، ގެރި ކިރު، ދިޔާ ކިރު ޕެކެޓް، ކުކުޅުގެ ބާވަތްތައް، ހަކުރު، ނޫޑުލްސް، ހަނޑޫ، ބިސްކޯދު، އިންޖީނު އޮއިލް، ކޫލެންޓް ފަދަ، އާއްމުކޮށް ބޭނުންކުރާ ތަފާތު މުދާ އުފައްދާ ނުވަތަ ޕެކް ކުރާ ކާރުޙާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލް ކުރާ ކާރުޙާނާ ތައްވެސް ހުންނާނެއެވެ.

ސ.މީދޫ ފަޅުން ބިންހިއްކައިގެން ހަދާ ބައިނަލްއަޤްވާމީ ކޮންޓެއިންރ ބަނދަރުގެ މަޝްރޫއު ދެކޮޅުޖެއްސުމުގެ ގޮތުން، އަދި މުޅި އައްޑޫ ސިޓީގެ ހުރިހާ ބިޔަ މަޝްރޫއުތައް އިގްތިސާދީގޮތުން ދެކޮޅު ޖެއްސުމުގެ ގޮތުން، ހުޅުދޫއާއި ސ.ގަން، ސިނަމާލެ ބްރިޖް ފަދަ ބްރިޖަކުން ގުޅާލުން ވަރަށް މުހިއްމެވެ. ސަތޭކަ އަހަރު ފަދަ ދިގުމުއްދަތަކަށް ދިނުމުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކޮންޓެއިންރ ބަނދަރު ހަދައިގެން ހިންގަން ހަވާލުކުރާ ކުންފުނިން، އެކުންފުނީގެ ޙަރަދުގައި މިދެންނެވި ބްރިޖްވެސް އަޅާނެއެވެ. އެފަދަ އުސޫލަކުން ބޭރުގެ ބޮޑު ކުންފުނަޔަކާ ހަވާލުކޮއްފި ނަމަ މިބްރިޖް އަޅައި ބައިންލްއަޤްވާމީ ކޮންޓެއިންރ ބަނދަރު ހަދަން ދައުލަތުން އެއްވެސް ޙަރަދެއް ކުރާކަށް ނުޖެހޭނެއެވެ. ހުޅުދޫ ފަޅުން ފެށިގެން ހެރެތެރެ ރިސޯރޓްގެ ފަޅުތެރެއިން އައިސް ވިލިގިލި ކަނޑު ހުރަސް ކޮށް، ވިލިނގިލި ފަޅުތެރެއިން އައިސް، ގަން ކަނޑު ހުރަސް ކޮށް މިފަދަ ބްރިޖެއް އަޅާއިރު ކަނޑު ހުރަސް ކުރަން ޖެހޭނީ ސިނަމާލެ ބްރިޖާ އަޅާ ބަލާއިރު ކަނޑުގެ ކުޑަ ތަންކޮޅެކެވެ. އެއީ ވިލިގިލި ކަނޑާއި ގަން ކަނޑެވެ. މިގޮތަށް ބްރިޖް އެޅުމަށް ފަހު އަތޮޅުތެރެއަށް ވަންނަ ކަނޑު އޮޅީގެ ގޮތުގައި ކަނޑިހެރައިގެ ދެފަރާތުން އޮންނަ ކުދު ކަނޑުއޮޅި އާއި މާކަނޑު އޮޅި ބޭނުން ކުރެވިދާނެއެވެ.

މިފަދަ ބްރިޖެއް އެޅިދާނެ ދަވަނަ ރޫޓެއްވެސް އެބައޮތެވެ. ހެރެތެރެ ރިސޯރޓާއި ވިލިގިލި ރިސޯރޓުގެ ފަޅުތެރެއިން މިފަދަ ބްރިޖެއް އެޅުމުން އެދެރިސޯރޓްގެ ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް ފެންނަނީ ނަމަ، މިބްރިޖް އެޅިދާނެ އަނެއް ރޫޓަކީ ސ.މީދޫގެ ހުޅަނގު ފަރާތުން ގޮސް ކަނޑިހެރައާ ހަމައަށް ބިން ހިއްކުމަށް ފަހު ކަނޑިހެރަގެ ދަފަރާތުން އޮތް ކުޑަ ކުޑަ ދެ ކަނޑުއޮޅި ބޮރިޖަކުން ގުޅާލުމެވެ. މިފަދަ ރޫޓެއް ބްރިޖް އެޅުމަށް ޚިޔާރުކޮށްފިނަމަ ބްރިޖް އަޅަން ޖެހޭނީ ކަނޑިހެރަގެ ދެފަރާތން އޮތް ކުޑަ ދެކަނޑުއޮޅި އެކަންޏެވެ. އަނެއް ބައިތައް ވެގަންދާނީ ފަރުމަތިން ފަޅުން ހިއްކާ ހިއްކި ބިމުގައި އަޅާ ހައިވޭ އަކަށެވެ. އެއިރުން ސ.މީދޫގެ ހިއްކި ބިމުންފެށިގެން އައިސް ސީދާ ސ.ހިތަދޫއަށް ހައިވޭއެއް އެޅޭނެއެވެ. ކުރިންވެސް ފާހަގަ ކުރި ގޮތައް، އެއިރުން ބްރިޖް އަޅަން ޖެހޭނީ ކަނޑިހެރަގެ ދެފަރާތން އޮތް ކުޑަ ދެކަނޑުއޮޅި އެކަންޏެވެ.

މިއީ މިފަދަ ބްރިޖެއް އަޅަން އެންމެ ރަނގަޅު ރޫޓްކަމުގައިވެސް ވެދާނެއެވެ. ހަރަދުގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އަދި ތިމާވެށީގެ ގޮތުން މިފަދަ ބްރިޖެއް އަޅަން އެންމެ ރަނގަޅީ މިދެގޮތުގެ ތެރެއިން ކޮން ގޮތަކަށްތޯ އެގޭނީ ތިމާވެށީގެ ރިޕޯޓަކާއި މާލީ ގޮތުން ފީސިބިލިޓީ ދިރާސާއެއް ކުރުމުންނެވެ. ކޮންމެ ގޮތެއް ވިއަސް މިފަދަ ބްރިޖަކުން އައްޑު އަތޮޅުގެ ދެފަރާތް ގުޅާލުމުން އައްޑޫގެ މީހުން އުޅޭ ހުރިހާ ރަށަކާއި ގަމުގެ ވައިގެ ބަނދަރު އެއްފަސްވެ، ބައިނަލްއަޤްވާމީ ކޮންޓެއިނާ ބަނދަރަކާއި އެތައް ފެކްޓަރީއެއް އެޅި ދެކުނުގެ ތަރައްޤީގެ ނާރެހަކަށް މިއަތޮޅު ވެގެންގޮސް، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްޤީ ހަލުއި ވެގެން ދާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑުއަތޮޅުގެ ތަރައްޤީއަށް ހިންގަން ޖެހޭ މަޝްރޫއު ހިމެނޭ ފޮތެއް ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނުގެ ފަރާތުންވަނީ ތައްޔާރު ކުރައްވާފައެވެ. މިފޮތުގައި ހުޅުމީދޫ/ހިތަދޫ ބްރިޖް ނުހިމެނޭނަމަ އެފޮތްވެގެންދާނީ ފުރިހަމަނުވާ ފޮތަކަށެވެ. އައްޑު އަތޮޅާއި ރާއްޖޭގެ ދެކުނުގެ ތަރައްޤީ ގުޅިލާމެހިގެން ގޮސްގެން މެނުވީ ފުރިހަމަ ތަރައްޤިއެއް ނާންނާނެއެވެ. މިކަން ކުރެވޭނީ އައްޑޫގެ މީހުން އުޅޭ ހުރިހާ ރަށާކާއި ގަމުގެ ވައިގެ ބަނދަރު އެއްފަސްވާ ގޮތައް ހުޅުމީދޫ/ހިތަދޫ ބްރިޖް އެޅިގެންނެވެ. ރައްޔިތުން ތިބީ ކެންޑިޑޭޓްގެ ވައުދެއްގެ އިންތިޒާރުގައެވެ!