Last Updated: April 19, 06:24
Friday, April 19, 2024
ކުޅިވަރު

ޤައުމީޓީމަކަށް ކޯޗުކޮށްދޭން އަހަރެން ބޭނުން: ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ދާދިފަހުން ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އަދި މެނޭޖަރު ޖޯޖް ވަލްޑާނޯ ހުށަހެޅި ޝޯ އަކަށް ދިން އިންޓަވިއުގައި ޤައުމީޓީމަކަށް ކޯޗުކޮށްދޭން ބޭނުންވާކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، އޭނާގެ ކޯޗިން ކެރިއަރު ފެށުނު ބާސެލޯނާ އަށް އެނބުރި ދާން ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.

"ޤައުމީޓީމަކަށް ކޯޗުކޮށްދިނުމުގެ ފުރުޞަތު ލިބިއްޖެނަމަ އަހަރެން އެ ހުށަހެޅުމެއް ޤަބޫލުކުރާނަން." ވަލްޑާނޯ ކުރި އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

"އަހަރެންގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ ހުށަހެޅުމެއް ޤަބޫލުކުރާނެކަން ޔަޤީން." އޭނާ ބުންޏެވެ.

އާޖެންޓިނާގެ ކޯޗުކަމުން ޖޯޖް ސަމްޕައޯލީ ވަކިކުރުމަށްފަހު އެޓީމުން ކޯޗެއް ގެނައުމަށް މަސައްކަތްކުރަމުންދާއިރު އެމަޤާމަށް އަތުވެދާނެތޯ ކުރި ސުވާލަށް ގާޑިއޯލާ ވަނީ ނޫނެކޭ ބުނެފައެވެ.

"އާޖެންޓީނާ؟ ނޫން، އެމަޤާމަކަށް ނުދެވޭނެ." ގާޑިއޯލާ ހީނލާފައި ބުންޏެވެ.

ކޯޗިން ކެރިއަރު ނިންމާލަން ބޭނުންވަނީ ބާސެލޯނާގައި ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ބާސެލޯނާގެ ބީ ޓީމުން ކޯޗިން ކެރިއަރު ފެށި ގާޑިއޯލާ ވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ސީނިއާ ޓީމާއެކު ސްޕެނިޝް ލީގާއި ސުޕަ ކަޕް ތިން ފަހަރު ހޯދިއިރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ކޮޕާ ޑެލްރޭ އާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ވެސް ދެފަހަރު ހޯދައިފައިވެއެވެ.

ބާސާ ދޫކޮށް ބަޔާން މިއުނިކް އަށް ގޮސް އެޓީމުގައި ހޭދަކުރީ ތިން ސީޒަނުގައި ބުންޑަސްލީގާ ތިންފަހަރު ކާމިޔާބުކުރިއިރު ޖަރުމަން ކަޕް ދެފަހަރު އަދި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް އެއްފަހަރު ހޯދައިފައިވެއެވެ.

އޭގެފަހުން، އިނގިރޭސި ކްލަބު މެންޗެސްޓަރ ސިޓީގައި މިހާތަނަށް ހޭދަކުރީ ދެސީޒަނުގެ ތެރެއިން ނިމިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ތަށީގެ އިތުރުން އިނގިރޭސި ލީގުކަޕް ހޯދައިފައިވެއެވެ. އޭގެއިތުރުން، މިފަހަރުގެ ސީޒަން ހުޅުވުމަށް ކުޅުނު ކޮމިއުނިޓީ ޝީލްޑް ވަނީ ކާމިޔާބުކޮށްފައެވެ.