Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

ޝެއިޚް އަނީލްގެ އަބުރާއި ބެހިގެން ނިހާންގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް މުޙައްމަދު އަނީލްގެ އަބުރަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން އަރައިގެންފައިވާ މައްސަލައެއް ތަހުގީގް ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޚް އަނީލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަަނަށެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ހިމަނާފައިވާ ޕޯސްޓެއްގައި ވަނީ، ޝެއިޚް އަނީލް އާއި އިތުރު 5 ޢިލްމުވެރިޔެއްގެ ފޮޓޯ ހިމަނާފައި ވަނީ "ދީނާއި ދެކޮޅު" ކަމަށް ނިހާން ސިފަކުރައްވާ ބޭފުޅުންނާއި ޖެހިގެންނެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ފޮޓޯ އެ ބޭފުޅުންގެ ހުއްދައާއި ނުލައި ނިހާން ބޭނުން ކުރެއްވުމުން އެކަމާއި އިލްމުވެރިން ނުރުހުން ފާޅުކުރަން ފެށުމުން ނިހާން ވަނީ ފަހުން އެ ޓްވީޓް ޑިލީޓް ކުރައްވާފައެވެ.

ނިހާން ކުރެއްވި ޓްވީޓާއި ބެހޭގޮތުން ގިނަ އިލްމުވެރިން ބުނެފައި ވަނީ އެއީ އެބޭފުޅުންނަށް އެނގިގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ނިހާންގެ ޓްވީޓްކުރި ޕޯސްޓްގައި ފޮޓޯ ހިމަނާފައިވާ އިލްމުވެރިޔަކު ވަނީ އެކަން ކުއްވެރިކޮށް ނިހާންގެ އެ އަމަލަށް މާފަށް ނޭދޭހާ ހިނދަކު، ގިޔާމަތް ދުވަހުން ﷲގެ ހަޟުރަތުގައި ދައުވާ ކުރައްވާނެ ކަމަށެވެ.