Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަޅުގަނޑުގެ އަސްލު ސިފަ ފެންނާނީ އިންތިޚާބަށް ފަހު: ރައީސް ޔާމީން

އަޅުގަނޑުގެ އަސްލު ސިފަ ފެނިގެންދާނީ އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހުޅުމީދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ޕޯޑިއަމްތަކުގައި ބައެއް ފަހަރު މާ ގަދަފަދަކޮށް ވާހަކަފުޅު ދައްކަވާތީ ބައެއް މީހުން އެމަނިކުފާނުގެ އަސްލު އިންސާނީ ސޫރަ ދައްކަވަން ބައެއް މީހުން ބުނާ ކަމަށާއި، މި މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓު ކާމިޔާބުކުރައްވާފައި ނޫނީ އެމަނިކުފާނުގެ އަސްލު ސީރާ ރައްޔިތުންނަށް ނުފެންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށާއި އަންބެއްގެ ފިރިއެއް، ދަރިންގެ ބައްޕައެއް އަދި ރައްޔިތުން ހަވާލުކުރާ މަސައްކަތް އަމާނާތްތެރިކަމާ އެކު ގެންދަވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އެމަނިކުފާނު މިހާތަނަށް ހުންނެވީ ރަށު ބަންދުގައި ކަމަށާއި، އެ އަމުރު ތަންފީޒުކުރި ނަމަ، މުޅި ގައުމުގައި ހަމަނުޖެހުން ހިންގައި ލޭ އޮހުރުވުމަކަށް ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންތަކެއް ގެންނަން އުޅުއްވީ ވަރަށް ނުރައްކާތެރި ބަޣާވާތެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ވަކިވެގެން ދުރަށް ދިޔައީ އަމިއްލަ ބޭނުންތަކެއް ނުފުދިގެން ކަމަށާއި، އެއީ އެމަނިކުފާނުގެ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނަށް އިތުރު ދައުރެއް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.