ކުޅިވަރު

ޕީއެސްޖީއިން ޗެމްޕިއަންސް ލީގުގައި ބޭނުންކުރާނެ ޖާޒީ ދައްކާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޭނުންކުރުމަށް ޕީއެސްޖީއިން ތައާރަފްކުރި ޖާޒީ އެޓީމުގެ ކުޅުންތެރިން ދައްކައިލަނީ. --ފޮޓޯ: ނައިކީ

ފްރާންސްގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއިން މިސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބޭނުންކުރާނެ ޖާޒީ ދައްކާލައިފިއެވެ.

ޕީއެސްޖީއިން މިފަހަރު ބޭނުންކުރާ ޖާޒީ އާއި އެޓީމު މީގެ ކުރީން ބޭނުންކުރި ތިންވަނަ ޖާޒީގެ ކުލައަށް ބަދަލު އައިސްފައިނުވީނަމަވެސް ނައިކީގެ ލޯގޯގެ ބަދަލުގައި ފެނިގެންދާނީ ޖޯޑަންގެ ޖަމްޕްމޭން ލޯގޯއެވެ. މިއީ އެމެރިކާގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަންގެ އެއާ ޖޯޑަން ބްރޭންޑާއި ގުޅިގެން އެޓީމުން ތައާރަފްކުރި ޖާޒީ އެކެވެ.

ކަޅު ކުލައިގެ ޖާޒީގެ މެދުގައި ހުދު ކުލައިގެ ފަށެއްވާއިރު ކަނާތްފަރާތުގައި ކުރިން ބޭނުންކުރަމުން އައި ޖާޒީތަކުގައި ހިމެނޭ ނައިކީގެ ލޯގޯގެ ބަދަލުގައި ޖަމްޕްމޭން ލޯގޯ ވަނީ ހިމަނާފައެވެ. އެކްލަބުގެ ލޯގޯގައި ބޭނުންކޮށްފައިވަނީ ހުދާއި ކަޅު ކުލައެވެ. މިޖާޒީ އާއެކު ބޭނުންކުރާނީ ކަޅުކުލައިގެ ސޯޓާއި އިސްޓާކީނެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބޭނުންކުރުމަށް އެޓީމުން ކަނޑައަޅާފައިވާ ގޯލްކީޕަރުގެ ޖާޒީ ވަނީ ފިޔާތޮށި ރަތް ކުލައިގައެވެ. މިޖާޒީގައި އެކްލަބުގެ ލޯގޯ ހިމަނާފައިވަނީ ހަގީގީ ކުލައިގައެވެ.

ޕީއެސްޖީއިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ހުދު ކުލައިގެ ޖާޒީ (ވ) ގެ އިތުރުން ޖޯޑަން ބްރޭންޑްގެ އެހެން އުފެއްދުންތައް. –ފޮޓޯ: ނައިކީ

އެޓީމުން ޗެމްޕިއަންސް ލީގުގައި ބޭނުންކުރުމަށް ދެވަނަ ޖާޒީ އެއްވެސް ވަނީ ދައްކާލައިފައެވެ. މި ޖާޒީގައި އެއްކޮށް ހުދުކުލައިގައިވާއިރު މެދުން ކަޅުކުލައިިން ތިކި ޖެހި ފަށެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ކްލަބާއި ޖަމްޕްމޭންގެ ލޯގޯ ވަނީ ކަޅުކުލައިންނެވެ. މިޖާޒީއާއެކު ބޭނުންކުރާނީ ހުދުކުލައިގެ ސޯޓާއި އިސްޓާކީނެވެ.

ޕީއެސްޖީގެ ޖާޒީ ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ޖޯޑަން ބްރޭންޑްގެ އެހެން އުފެއްދުންތައް ވެސް ދައްކާލައިފައިވެއެވެ. އެގޮތުން، ފުޓްބޯޅަ ބޫޓާއި ސްނީކާސްގެ އިތުރުން ޓީޝާޓާއި ޖޯޑަންގެ 23 ނަންބަރު ޖެހި ބާސްކެޓްބޯޅަ ޖާޒީއެއްވެސް ވަނީ ދައްކާލައިފައެވެ.

މިމަހުގެ 18 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ބައްދަލުކުރާމެޗުގައި ޕީއެސްޖީއިން ބޭނުންކުރާނީ ކަޅުކުލައިގެ ޖާޒީއެވެ.